މެޑްރިޑް (އޭޕްރީލް 12) - މި ވަގުތު އޮތް ހާލަތަށް ބަލާއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑް ދަނޑުގައި އެ ޓީމު ކައިރިން ނަތީޖާ އަނބުރާލުމަކީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަށް އުނދަގޫވާނެ ކަމެއް ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މިދިޔަ ހަފްތާގައި ޗެލްސީ ދަނޑުގައި ރެއާލް ވަނީ 3-1 އިން މޮޅުވެފަ އެވެ. މިރޭ ރެއާލް ދަނޑުގައި ދެ ގޯލުގެ ތަފާތުން މޮޅުވެގެން އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ޕެނަލްޓީ އަށް ގޮސް ޗެލްސީ އަށް ކުރިހޯދިދާނެ އެވެ. އެކަމަކު، 90 މިނިޓް ތެރޭ ނަތީޖާ އަނބުރާލާނަމަ ޗެލްސީ އަށް ޖެހޭނީ ތިން ގޯލުގެ ފަރަގުން ރެއާލް ބަލިކުރާށެވެ. މި ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގައި އަވޭ ގޯލް ގަވާއިދެއް ނެތުމުން އެގްރިގޭޓަށް ބަލާއިރު، ޗެލްސީ އަށް އޮތީ އެޓޭކިން ގޭމަކަށް ކުޅެގެން ހައްލެއް ހޯދައި، ނަތީޖާ އަނބުރާލެވޭތޯ މަސައްކަތް ކުރުމެވެ.
"ރެއާލްގެ ދަނޑު، ބާނަބައުގައި މޮޅުވުމަކީ ފުޓްބޯޅައިގެ އެންމެ އުނދަގޫ އެއް ޗެލެންޖް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުންޏެވެ.
"މި ޗެލެންޖް އިތުރަށް އުނދަގޫވެފައިމިވާ ސަބަބަކީ ސީދާ ވަކި ސްކޯތަކަކުން މޮޅުވާން ޖެހޭތީ. ދެ ގޯލުގެ ފަރަގުން ނޫނީ ތިން ގޯލުގެ ފަރަގަކުން މޮޅުވުން. މިއީ ދެން ގާތްގަނޑަކަށް ނުވާނެ ފަދަ ކަންކަން. އެކަމަކު، އޭގެ މާނަ އަކީ އަހަރެމެން މަސައްކަތް ކުރުން ހުއްޓާލީއެއް ނޫން. އެ ކަމަށް ނުކުމެ މަސައްކަތް ކުރަން މި ތިބީ،"
ޓުޗެލް ބުނީ ތަށި ދިފާއުކުރަން ނުވަތަ ޗެމްޕިއަންސް ލީގުގައި ދެމި އޮންނަން ޗެލްސީން ދެން ނުކުންނަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ.
ޗެލްސީ ވަނީ މި ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ސައުތެމްޓަން އަތުން 6-0 އިން މޮޅުވެފަ އެވެ. ޓުޗެލް ބުނީ ސައުތެމްޓަން މެޗުގެ ނަތީޖާ އަކީ ފަހަކަށް އައިސް ޗެލްސީން ނެރެމުން އައި ދަށް ނަތީޖާތަކަށް ފަހު ޓީމު ހަމަޖެހިލަން ލިބުނު ފުރުސަތެއް ކަމަށެވެ.
ރެއާލާއި އެހެން ގައުމުތަކުގެ ކްލަބްތަކަށް ޗެމްޕިއަންސް ލީގުގައި ލިބޭ އެއް އެޑްވާންޓޭޖަކީ އަމިއްލަ ލީގުގައި ފަސް ބަދަލު ކުރެވޭ ގަވާއިދަށް އަމަލުކުރާތީ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގައި ފަސް ބަދަލު ކުރެވޭ ގަވާއިދަށް އަމަލުކުރަން ރުހުން ލިބިފައިވަނީ އަންނަ ސީޒަނުން ފެށިގެންނެވެ.
އަނިޔާގެ ސަބަބުން ޗެލްސީގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ މިރޭގެ މެޗުގައި ނުކުޅޭނެ އެވެ.
މިދިޔަ ހަފްތާގައި ޗެލްސީ އަތުން ރެއާލް މޮޅުވިއިރު، މިއީ ޔޫރަޕްގެ މުބާރާތެއްގައި ޗެލްސީގެ މައްޗަށް ރެއާލުން ކުރިހޯދި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ފަސް ފަހަރު ކުޅެގެން ވެސް ޗެލްސީ އަތުން ރެއާލަށް މޮޅެއް ނުހޯދުނެެެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ދެ ވަނަ ލެގުގައި މިރޭ ރެއާލާ ދެކޮޅަށް ޗެލްސީން ނުކުންނާނީ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ހިފައިގެން މޮޅުވުމުގެ އަމާޒުގައި ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި ފުރަތަމަ ލެގުން ރެއާލް މޮޅުވެފައި އޮތުމުން މިރޭގެ މެޗު ފަސޭހަ ކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
ޗެލްސީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.












