މަގުމަތީ ހުންނަ އާންމު ހުސް ޖާގަތަކަކީ އެންމެން ބޭނުމަކަށް ހުންނަ ތަންތަނެވެ. އެކަމަކު ތޮއްޖެހި ދިއުމުން ނުކުންނަ މައްސަލަތަކަށް ހައްލު ހޯދަން އާންމު ހުސް ޖާގަތަކުގެ ބޭނުން "ރެގިއުލޭޓް" ކުރަން މަޖުބޫރު ވެސް ވެ އެވެ. ފުރަމާލެ ވެސް ފުރިގެން އައިސް މި ހުއްޓުނީ އޭގެ އެތައް މައްސަލަތަކެއްގެ ތެރެއަށެވެ. މީހުން ގިނަވެ، އުޅަނދުތައް ގިނަވެ، ޕާކް ކުރާނެ ހުސް ޖާގައެއް ހޯދުން ވެސް ދަތިވީއެވެ. ޕާކް ކުރާނެ ހުސް ޖާގަތައް އެކި ގޮތުން ގޮތުން ހޯދައި ޕާކިން ޒޯންތަކެއް ގާއިމް ކުރި އެވެ. ސިޓީ ކައުންސިލުން އެއިން ބައެއް ޖާގަތައް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.
އެންމެ ފަހުން މާލެ ސިޓީ ކައުންސިލުން ވަނީ 211 ޕާކިން ސްލޮޓް ވިއްކައިފަ އެވެ. ޕާކިން ޒޯނަކަށް ރަޖިސްޓްރީ ކުރެވެނީ ވެސް 500 ރ. ދައްކައިގެނެވެ. ފީއެއްގެ ގޮތުގައި މަހަކު 1500 ރ. ދައްކަން ޖެހެ އެވެ. ކޮންމެ މަހެއްގެ 10 ގެ ފަހުން ފައިސާ ދައްކާ ކޮންމެ ފަހަރަކު 50 ރ. ގެ ޖޫރިމަނާއެއް ވެސް ނަގަ އެވެ. މަހުގެ 15 ގެ ކުރިއަށް ފީ ނުދެއްކެއްޖެނަމަ ނުވަތަ ނުދައްކައިފިނަމަ ދޫކުރެވުނު ހުއްދަ ބާތިލް ކުރެ އެވެ. މި ގޮތަށް ޕާކިން ސްލޮޓްތައް ވިއްކީ 5.3 ޓަނަށް ބަރު ނުވާ ކާރު، ޕިކަޕު، އަދި ވޭންތަކަށެވެ. އެހެންވެ ކުރިން ސައިކަލު ޕާކް ކުރަން އޮތް އެތައް ހުސް ޖާގަތައް ވެސް ދިޔައީ ގެއްލެމުންނެވެ.
އެއާއެކު އާންމުންގެ ޝަކުވާތަކެއް އުފެދިފައި އޮތް އިރު، ގާނޫނީ ގޮތުން ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެއީ މަގުމަތީގައި އާންމު ބޭނުމަށް ހުންނަ ހުސް ޖާގަތައް (ޕަބްލިކް ސްޕޭސް) އާންމު އެންމެންގެ ބޭނުމަށް އޮތުމުގެ ބަދަލުގައި އެ ޖާގަތައް މަސްތަކާއި އަހަރުތަކަށް ދެމިގެންދާ ގޮތަށް އެހާ ދިގު މުއްދަތަކަށް އެ ތަންތަން ވަކި ބަޔަކު ބޭނުން ކުރަން ކުއްޔަށް ދޫކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ހެއްޔެވެ؟ ސިޓީއެއް ނުވަތަ ރަށެއްގެ ބިންތައް ބޭނުން ކުރުމުގެ ބާރު ލާމަކަރުޒީ ގާނޫނުން ކައުންސިލަށް ދީފައިވާ ބާރުން އެ ވަރުގެ ކަންކަން ވެސް ކުރެވިދާނެ ހެއްޔެވެ؟
ޕާކިން ޒޯންތައް ހެދުމާއި ދޫކުރުމުގައި ކައުންސިލްގެ ދައުރު
އެއްގަމު އުޅަނދުފަހަރުތަކުގެ ދަތުރުފަތުރުގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ގޮތުން އެ ކަމަށް ހާއްސަ ގާނޫނެއް އޮވެ އެވެ. އެ ގާނޫނު ހިންގުމުގެ ބާރު ދީފައި އޮންނަނީ އެ ދާއިރާގެ މަސްއޫލިއްޔަތެއް ހިމެނޭ މިނިސްޓްރީއަށެވެ. އޭގައި ގާނޫނު ހިންގުމުގެ މާ ބޮޑު ބާރެއް ކައުންސިލްތަކަށް ދީފައެއް ނުވެ އެވެ. ކައުންސިލަށް ދީފައި އޮންނަނީ އެ ކައުންސިލެއްގެ އިހްތިސޯސްގައި ހިމެނޭ ބިމެއްގައި ކުރެވޭ ކަމެއް، މިނިސްޓްރީއާ ގުޅިގެން ކުރުމަށެވެ.
ގާނޫނުގެ ދަށުން އެކުލަވާލާ އެންމެހާ ގަވާއިދުތައް ހެދުން ވެސް އޮންނަނީ މިނިސްޓްރީއަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ "އެއްގަމު އުޅަނދުތައް ޕާކް ކުރުމުގެ ގަވާއިދު" ގައި ކައުންސިލްތަކުގެ ދައުރު ބަޔާން ކޮށްފައިވެ އެވެ. އޭގައި އޮންނަ އޮތުން ޕާކިން ޒޯންތައް ކަނޑައެޅުމާއި އެއިން ވަކި ވަގުތުތަކަކަށް ފީއެއް ދައްކައިގެން ޕާކް ކުރެވޭނެ ސަރަހައްދުތަކެއް ކައުންސިލަށް ކަނޑައެޅެ އެވެ. އެކަމަކު އެއީ ވެސް މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކޮށްގެނެވެ.
titledesc
ޕާކިން ގަވާއިދު އޮތް ގޮތުން ސުވާލުތައް އިތުރު
އެއްގަމު އުޅަނދުތައް ޕާކް ކުރުމުގެ ގަވާއިދުގައި ކައުންސިލްތަކަށް އާންމު ހުސް ޖާގަތަކުގައި ޕާކިން ޒޯން ގާއިމް ކުރުމަށް ފަހު، ފީއެއް ދައްކާ ގޮތަށް އެ ޖާގަތައް ދޫކުރުމުގެ ބާރު އެބަ ދޫކޮށްލެވެ އެވެ. އެކަމަކު ގަވާއިދުގައި ލިޔެފައި އޮތް ގޮތުން، މާލެ ސިޓީ ކައުންސިލުން މިހާރު އެ މަސައްކަތް ކުރަމުން ދަނީ އެ ގަވާއިދާއި އެއް ގޮތަށް ކަމަށްތޯ ސުވާލު އުފެދެ އެވެ.
ސުވާލު އުފައްދަން ޖާގަ ލިބޭ އެއް ކަމަކީ ގަވާއިދާއި ޚިލާފު ކަމަށް ފާހަގަކޮށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ބަޔަކު ޝަކުވާއެއް ހުށަހެޅުމުންނާއި އެއީ ގަވާއިދާއި ޚިލާފަށް އޮތް ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ބަޔާނެއް ނެރެފައި އޮތުމުންނެވެ. މިނިސްޓްރީން ބުނެފައި އޮތް ގޮތުން، ކައުންސިލުން އެ ދޫކުރާ ގޮތަށް މަސްތަކަކަށް އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ޕާކިން ޒޯންތައް ވަކި ބަޔަކަށް ކުއްޔަށް ދޫނުކުރެވޭނެ އެވެ. ގަވާއިދު އެ ކަމަށް ޖާގަ ނުދޭ ކަމުގަ އެވެ.
ކައުންސިލަށް އެ ބާރު ލިބިދޭ ކަމަށް ބުނެވޭނެ ޖާގަ ލިބެނީ ގަވާއިދުގައި "ވަކި ވަގުތުތަކަކަށް ވަކި ފީއެއް ދައްކައިގެން ޕާކް ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ" ކަމަށް ލިޔެފައި އޮންނާތީ އެވެ. މި ނޫހާ ވާހަކަ ދެއްކި ބައެއް ގާނޫނީ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި، އެހެން ގަވާއިދުގައި ލިޔެފައި އޮންނާނީ ކައުންސިލުން ބޭނުންވާ "ވަކި ވަގުތުތަކަކަށް" އެ ކަން ކަނޑައަޅަން އެބަ ފުރުސަތު ލިބިދޭ ކަމުގަ އެވެ.
"ގަވާއިދުގައި މި އޮންނަނީ ވަކި ވަގުތުތަކަކަށް ވަކި ފީއެއް ދައްކައިގެން ޕާކް ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅޭނެއޭ، އެހެންވީމާ ކައުންސިލަށް އެބަ ފުރުސަތެއް ދޫކޮށްލެވޭ އެ ކަމުގައި، މަހު ފީއެއް ނަގާ ގޮތަށް ޕާކިން ޖާގަތަކެއް އުޅަނދުތަކަކަށް ދޫކޮށްލަން، ގަވާއިދު ލިޔެފައި އޮތް ގޮތުން އެ ޖާގަ އެބަ ދެވެއޭ ބުނާނެ ޖާގަ ވެސް އެބަ އޮތް،" ނޫހުގައި ނަން ނުޖެހުމަށް އެދި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައި އޮންނަނީ އެއީ ވަކި ސަރަހައްދުތަކެއްގައި ޕާކް ކުރާނަމަ އެ ޕާކް ކުރާ ވަގުތެއްގައި ކައުންސިލަށް ފީއެއް ދައްކާ ވާހަކަ ކަމުގަ އެވެ. އެއީ އެއްވެސް ހާލަތެއްގައި މަސްތަކަކަށް ނޫނީ އަހަރުތަކަކަށް ދިގުދެމިގެންދާ ގޮތަށް އާންމު ހުސް ޖާގަތަކެއް ވަކި ބަޔަކަށް ކުއްޔަށް ދިނުން ނޫން ކަމުގަ އެވެ. އެ ގޮތަށް ދިނުމަކީ ގަވާއިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގައި އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުގައި އެ ހިމެނޭ ވަގުތުތަކަކީ އެއީ ގަޑިން ގަޑިއަށް ގުނާފައި އޮންނަ ކަމެއް، ތި ގަވާއިދުގައި ވެސް އެ ބުނަނީ އެ ވަގުތަކަށް ޕާކް ކުރަންޏާ ފީއެއް ދައްކާ ގޮތަށް އޮތަސް އެންމެ ރަނގަޅޭ، އެއްވެސް ހާލަތެއްގައި ފައިސާ އޮތް މީހަކު އޭނާގެ އުޅަނދު ތިން ހަތަރު އަހަރު ވަން ދެން ބާއްވާ ގޮތަކަށް ހުސް ޖާގައެއް ހިފޭ ގޮތަކަށް ގެންދާށެކޭ ނޫން،" އެހެން ވަކީލަކު ބުންޏެވެ.
ސިޓީ ކައުންސިލުން ބުނަނީ ގާނޫނީ ގޮތް ބެލިން ކަމަށް
މި ކަމުގައި އުފެދިފައިވާ ގާނޫނީ ސުވާލުތަކާއި ގުޅިގެން އެ ކަންކަމަށް ރިއާޔަތްކުރިންތޯ މި ނޫހުން ސުވާލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ ސްޕޯކްޕާސަން މަރިޔަމް ޝިއުނާ ވިދާޅުވީ، ސިޓީ ކައުންސިލުން އެ މަސައްކަތް ގެންދާނެ ގޮތެއް ފާސްކުރުމުގެ ކުރިއަށް އޭގައި އޮންނަ ގާނޫނީ އިޖުރާއަތްތައް ފުރިހަމަވޭތޯ ބަލާފައި ވާނެ ކަމަށެވެ. ސިޓީ ކައުންސިލްގައި ލީގަލް ކަންކަމަށް ޚާއްސަ ޑިޕާޓްމަންޓްއެއް ވެސް އޮވެ އެވެ.
"މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަށް ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން، ކައުންސިލްގެ ގާނޫނީ ޓީމާއި ވެސް މަޝްވަރާކޮށް ކޮންމެ ނިންމުމެއް ވެސް ގެންދަނީ މި އުސޫލުން، [ޕާކިން ޒޯންތައް ކުއްޔަށް ދޫކުރުމުގައި] ގާނޫނީ ގޮތުން ބަލަން ޖެހޭނެ ހުރިހާ ކަމެއް ވެސް ބަލާފައި ކައުންސިލުން އަމަލު ކޮށްފައި ވާނީ،" ޝިއުނާ ވިދާޅުވި އެވެ.
ގަވާއިދުގައި އޮތް ގޮތުގެ މަތިން މިނިސްޓްރީއާ މަޝްވަރާ ކުރިންތޯ ސުވާލު ކުރުމުން ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ވެސް ހަދާ ނިންމުމަށް ފަހު ކައުންސިލުން ފާސްކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމުގަ އެވެ. އަދި އެއަށް މިނިސްޓްރީން ގެންނަން ބުނި ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ލޭންޑް ޔޫޒް ޕްލޭނަކީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިންތައް ބޭނުން ކުރާނެ ގޮތުގެ މައްޗަށް ޓެކްނިކަލް (ފަންނީ) ފެންވަރުގައި، އެ ރަށެއް ނޫނީ ސިޓީއެއްގެ ރައްޔިތުންގެ ހިޔާލު ހޯދައިގެންނާއި ކަމާއި ގުޅުން ހުރި އެންމެހާ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށްގެން ތައްޔާރުކުރަން ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ލާޒިމުކުރާ އެއްޗެކެވެ. މާލެ ސިޓީ ކައުންސިލުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު، ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކުރީ ހައުސިން މިނިސްޓަރު ކަން ކުރައްވާފައިވާ ޑރ. ހައިދަރުގެ އެހީގަ އެވެ. ލޭންޑް ޔޫޒް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާއިރު އަދި ފާސްކޮށްފައެއް ނުވެ އެވެ.












