އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ކްލަބް ވެލެންސިއާ އިން ބަންގްލަދޭޝަށް ފުރަން މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
ވެލެންސިއާ އިން ޕްލޭއޮފް ދެ ވަނަ ބުރުން ފުުރުސަތު ހޯދީ މިިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެރޭ މާލޭގައި ކުޅުނު ކޮލިފައިން ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީ 2-1 އިން ބަލިކުރުމަށް ފަހު އެވެ. ބޫޓާންގެ ޗެމްޕިއަން ޕަރޯގެ މައްޗަށް ވެލެންސިއާ އިން ކުރިހޯދީ 120 މިނިޓް ކުޅެގެންނެވެ.
ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ވެލެންސިއާ ކުޅެން ޖެހޭ މެޗު އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ. އެ މެޗަށް ދާން ވެލެންސިއާ އިން ފުރަން އެންމެ ފުރަތަމަ މަސައްކަތްކުރީ ރޭ އެވެ. އެކަމަކު، ބައެއް އިންތިޒާމްތައް ހަމަނުޖެހޭތީ ވެލެންސިއާ އަށް ރޭ ނުފުރުނީ އެވެ.
ދެ ވަނަ ފުރުސަތަކަށް، މިއަދު މެންދުރު ފަހު ވެލެންސިއާ އިން ފުރަން މަސައްކަތް ކުރިިއިރު، މިއަދު ވަނީ ޓީކެޓް ލިބިފަ އެވެ. އެހެން ނަމަވެސް ފުރަން ކުރި މަސައްކަތް ކާމިޔާބުނުވީ މާލީ ގޮތުން ހަމަޖެހިފައި ހުންނަން ޖެހޭ އިތުރު ކަންކަމާ ބެހޭގޮތުން ހުރިހާ އިންތިޒާމެއް ހަމަނުޖެހޭތީ އެވެ. އަދި މާލީ ގޮތުން ދަތި ހާލަތުގައި އޮތުމުން އިދާރީ ގޮތުން ބަލާއިރު، ބިދޭސީ ކުޅުންތެރިންގެ ވިސާގެ ބައެއް ކަންކަން ވެސް ހަމަނުޖެހި ހުރުމުން މެޗަށް ފުރެން ނެތީ އެވެ.
އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމުގެ ގިނަ ހަރަދުތައް ހަމަޖައްސަނީ އެފްއޭއެމާއި ޔޫތު މިނިސްޓްރީ އަދި އެ ކްލަބަކުންނެވެ. އެއީ އޭއެފްސީ ކަޕްގައި ކުޅޭ ކްލަބްތަކުން އޭގެ ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން (އެއާ ޓިކެޓް އާއި ހޮޓެލް ބުކިން ފަދަ އިންތިޒާމް) ފުރިހަމަކުރުމަށް ފަހު މިނިސްޓްރީ އާއި އެފްއޭއެމަށް ހުށަހެޅުމުންނެވެ. މިއީ ތިން ފަރާތް ގުޅިގެން ހަމަޖައްސަން ޖެހޭ ކަންކަމެވެ.
އެނގިފައިވާ ގޮތުގައި ފަހަކަށް އައިސް ބައެއް އަހަރުތަކުގައި އޭއެފްސީ ކަޕްގައި ކުޅޭ ބައެއް ކްލަބްތަކުން މުބާރާތުގެ ހަރަދުތައް ކޮށްފައި އައުމުން މިނިސްޓްރީން ރީއިމްބާސް ކޮށްދޭ ގޮތަށް ވެސް ވަނީ އަމަލުކޮށްފަ އެވެ. އެކަމަކު، ވެލެންސިއާގެ ކުޅުންތެރިން އިއްޔެ އިން ފެށިގެން ފުރަން ތައްޔާރީ ހާލަތުގައި ތިބިއިރު، ގިނަ ކަންކަން ހަމަނުޖެހި މިހާތަނަށް މެޗަށް ދެވޭ ގޮތްނުވީ އެވެ.
އަދި މިއަދު މެންދުރުގެ ވަގުތެއްގައި ވެލެންސިއާ އިން ވަނީ އޭއެފްސީ ކަޕް މެޗަށް ފުރެން ނެތް ކަމަށާއި މާދަމާ މާލޭގައި ޕްރެކްޓިސް އޮންނާނެކަން ކުޅުންތެރިންނަށް އަންގައިފަ އެވެ.
މިއީ މި ފަދަ ގޮތަކަށް އޭއެފްސީން ޝެޑިއުލްކޮށްފައި އޮތް ބައިނަލްއަގުވާމީ މެޗަކަށް ރާއްޖޭގެ ފުޓްބޯޅަ ޓީމަކަށް ނުފުރި ކަންތައްތަކެއް ދިމާވި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އަބަހާނީ ކުޅެން އޮތް މެޗު، ކޮވިޑްގެ ހާލަތާ ހެދި ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތެއް ނުވެ، އަބަހާނީ އަށް ރާއްޖެ އައިސް ކުޅެވޭނެ ފުރުސަތެއް ވެސް ނެތުމުން އެންމެ ފަހުން އޭއެފްސީން ނިންމީ އަބަހާނީ މުބާރާތުން ވަކިކޮށް އީގަލްސް އަށް އޮޓަމެޓިކުން ޕްލޭއޮފްގެ ޖާގައެއް ދޭށެވެ. ޕްލޭއޮފްގައި އީގަލްސް ވަނީ އިންޑިއާގެ ބެންގަލޫރު އަތުން ބަލިވެފަ އެވެ.
ވެލެންސިއާ އަށް އަބަހާނީ މެޗަށް ނުފުރުނުއިރު، ވެލެންސިއާ އަށް މެޗު ކުޅެން ބަންގްލަދޭޝަށް ނުދެވިއްޖަނަމަ މީގެ ގޮތެއް ނިންމާނީ އޭއެފްސީ އިންނެވެ. އެ ހާލަތުގައި ވެލެންސިއާގެ މައްސަލަ އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ އެވެ.
އޭއެފްސީން ކުރިން އަމަލުކުރަމުން އައި ގޮތާއި މުބާރާތުގެ ގަވާއިދު އޮތްގޮތަށް ބަލާއިރު، ޕްރިލިމިނަރީ ދެ ވަނަ ބުރުގެ މެޗަށް ވެލެންސިއާ ނުދެއްވިއްޖެނަމަ އެ މެޗު އަބަހާނީ އަށް ލިބޭނެ އެވެ. އަދި އޭރުން އެ ޓީމުން ކޮލިފައިން ޕްލޭއޮފްގައި ކުޅެން ޖެހޭނީ ޕްރިލިމިނަރީ ދެ ވަނަ ބުރުގެ އަނެއް މެޗުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ދެން އެ ގްރޫޕަށް ވަންނާނީ ކޮލިފައިން ކާމިޔާބުުކުރާ ޓީމެކެވެ. އަންނަ މަހު 18-24 އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ.













