ހިކިކޮށް ހުންނަ ސައިބޯންޏަކީ ރާއްޖޭގައި އިހުގެ އެއްޗަކަށް ވެ ނިމިއްޖެ އެވެ. މިހާރު އެބާވަތް ބޭނުންކުރަނީ އުމުރުން ދުވަސްވީ މީހުންނޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ބައެއް ގައުމުތަކުގައި އެއީ އަދިވެސް ހަމަ އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ސައިބޯނީގެ ތާރީހުގެ ތެރެއަށް ފީނައިލީމާ އެނގެން އޮތް ހަގީގަތަކީ އިންސާނުން ސައިބޯނި އުފައްދައި ބޭނުންކުރާތާ މިހާރު 2،500 އަހަރު ވެއްޖެ ކަމެވެ.
ރޯމަނުންގެ ތާރީހީ އިލްމުވެރިޔާ ޕްލިނީ ދަ އެލްޑާ ލިއުއްވާފައިވާ ގޮތުގައި އިހުގައި ސައިބޯނި އުފައްދައި އުޅުނީ ބަކަރީގެ ސަރުބިއާއި އަޅި އެއްކޮށްގެންނެވެ. މިހާރުގެ އިނގިރޭސިވިލާތުގެ ސަރަހައްދުގައި އިހުގައި އުޅުނު މީހުން (އިންލިޝް ސެލްޓްސް) އަދި ރޯމަނުންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ސައިބޯނި ބޭނުންކުރިކަން ތާރީހުން އެެނގެން އެބަ އޮތެވެ. އެކަމަކު އޭރުގައި ސައިބޯންޏަކީ މިހާރުހެން ސާފުތާހިރުވާން ބޭނުންކުރި އެއްޗެއް ނޫނެވެ. އެއީ އޭރުގައި ބޭސްވެރިކަމުގެ އެއްޗެކެވެ.
މީލާދީ ތާރީހުން ބަލާ ނަމަ ދެވަނަ ގަރުނާ ހަމައަށް ވެސް އެކަން އޮތީ އެމަގަށެވެ. އާއްމުކޮށް ސާފުތާހިރުކަމުގެ އެއްޗެއްގެ ގޮތުގައި ހުޅަނގުގެ މީހުން ސައިބޯނި ބޭނުންކުރަން ފެށީ މީލާދީ ގޮތުން ދެވަނަ ގަރުނުގަ އެވެ. އޭރުގައި ސައިބޯނި ބޭނުންކުރީ ހަމަ އެކަނި ގައިންތާހިރުވާން އެކަންޏެއް ނޫނެވެ. އަންނައުނު ދޮންނަން ވެސް ބޭނުންކުރީ ސައިބޯންޏެވެ. މީލާދީ ގޮތުން 19 ވަނަ ގަރުނާ ހިސާބަށް ވެސް އެކަން އޮތީ އެގޮތަށެވެ. އެއްޗިހި ދޮވުމަށް ސައިބޯނީގެ ބަދަލުގައި ދޮންނަކުނޑި އުފައްދަން ފެށީ 19 ވަނަ ގަރުނުގަ އެވެ.
ސައިބޯނި އުފައްދާ ގޮތް
ސައިންޓިފިކްކޮށް ބުނާ ނަމަ ސައިބޯންޏަކީ ސަރުބީއާއި ސޯޑިއަމް ހައިޑްރޮކްސައިޑް ރިއެކްޓްކުރުވުމުގެ ނަތީޖާއިން އުފެދޭ އެއްޗެކެވެ. އެކަމަކު މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ "ފައިނަލް ޕްރޮޑަކްޓެއްގެ ގޮތުގައި ސައިބޯނި ނެރުމަށް ޓަކައި މަރުހަލާތަކެއް ކަޑައްތުކުރަން ޖެހެ އެވެ.
ސެޕޮނިފިކޭޝަން:
މި މަރުހަލާގައި ކުރާ ކަމަކީ ޖަނަވާރުގެ ސަރުބީއާއި ކާށިތެޔޮ ފަދަ ބާވަތްތައް ސޯޑިއަމް ހައިޑްރޮކްސައިޑާ އެއްކޮށްގެން ހޫނުކުރުމެވެ. އެެހައިރުން އުފެދޭނީ ކާބޮކްސީލިކް އެސިޑްގެ ނަންދީފައިވާ އެސިޑަކުން އުފެދޭ ލޮނެކެވެ.
ގްލިސެރިން ވަކިކުުރުން
ސައިބޯނި އުފައްދަން ކުރާ މަސައްކަތުގައި އުފެދޭ މާއްދާއެއްކަމަށްވާ ގްލިސެރިން އަކީ ސައިބޯންޏަށް ވުރެ އަގުހުރި އެއްޗެކެވެ. އެހެންވެ ފުރަތަމަ އެއްކޮށް ހޫނުކުރާ ސަރުބީއާއި ސޯޑިއަމް ހައިޑްރޮކްސައިޑް އެއްކޮށްގެން ހޫނުކުރުމުން އުފެދޭ ގްލިސެރިން، އެކީގައި ހެން ވަކިިކޮށް ނަގަ އެވެ. ނުނަގައި ދޫކުރަނީ ސައިބޯނީގައި މިހުންނަ އޮމާންކަން ގެންނަން ފުދޭ މިންވަރެއް އެކަންޏެވެ.
ސޯޕް ޕއުރިފިކޭޝަން
ގްލިސެރިން ނެގުމަށް ފަހު ދެން އޮންނަ މަރުހަލާއަކީ ސޯޕް ޕިއުރިފިކޭޝަން ނުވަތަ ސައިބޯނި އިތުރަށް ސާފުކޮށް ފައްކާކުރުމެވެ. ސޯޑިއަމް ހައިޑްރޮކްސައިޑްގެ އަސްލަށް ބަދަލުނައިސް ހުރި އެތިކޮޅެއް ހުރިތޯ މިމަރުހަލާގައި ބަލާނެ އެވެ. އެއަށް ފަހު ސިޓްރިކް އެސިޑް ފަދަ ބާވަތެއް ބޭނުންކޮށްގެން އެ ނިއުޓްރަލައިޒްކުރާނެ އެވެ. އަދި ސައިބޯނީގައި އެކުލެވިފައިވާ ފެނުގެ ތިންބައިކޮށްފައި ދެބައި ވެސް ނަގާނެ އެވެ.
ފިނިޝިން
ސައިބޯނި ހަލާކުނުވާނެހެން ދިގުމުއްދަތަކަށް ބަހައްޓަން ބޭނުންކުރާ ޕްރިޒަވޭޓިވްސް އާއި މީރުވަސް ދުއްވަން އަޅާ ބާވަތްތަކާއި ޖައްސަން ބޭނުންވާ ކުލަ އަޅާނީ މިމަރުހަލާގަ އެވެ. އަދި ކަފަން ބޭނުންވާ ބައްޓަމަަކަށް ކަފައި ރީތިކުރުމަކީ ވެސް މިމަރުހަލާގައި ކުރާ ކަމެކެވެ. މިޒަމާނުގައި މިހުރިހާ ކަމެއްހެން ކުރާނީ މެޝިނަރީ ބޭނުންކޮށްގެންނެވެ.








