އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލް ގުޅިގެން "ރަމަޟާން މޮޓޯ ކެމްޕެއިން" ނަމުގައި އެއްގަމު އުޅަނދު ފަހަރުތަކަށް އަގުހެޔޮ އިންޝުއަރެންސް ޕެކޭޖެއް ލޯންޗުކޮށްފި އެވެ.
މި މަހުގެ 8 އިން މެއި 22 އަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންތައް ވަރަށް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. މި ކެމްޕޭނުގެ ދަށުން ކަސްޓަމަރުންނަށް 20-25 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.
އެގޮތުން ސައިކަލު އިންޝޫރެންސްގެ އަގު 695ރ. އަށް ތިރިކޮށްފައިވާއިރު ކާރާއި ޖީޕު ފަދަ އެއްގަމު އުޅަނދުތަކުގެ އިންޝޫރެންސް އަގު ވަނީ 2،875ރ. އަށް ތިރިކޮށްފަ އެވެ.
އެގޮތުން، ބައްލަވައިގަންނަވާ ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއި އެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓު ޕްލޭނުގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.
މި ކަވަރޭޖު ތައްޔާރުކޮށްފައި ވަނީ 150،000ރ. ގެ ސާމާނަށް ކަވަރޭޖު ލިބޭ ގޮތަށެވެ. އަދި، އެލައިޑުގެ ވެބްސައިޓުން ރެޑީމްކޮށްލެވޭނެ އެވެ. ހަމައެހެންމެ، ބޭނުން މީހަކަށް މި ޕްލޭން ހަދިޔާ ވެސް ކޮށްލެވޭނެ އެވެ.
އެލައިޑުން މި ޕްލޭންތައް ތައްޔާރުކޮށްފައި ވަނީ ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭ ގޮތަށެވެ. އެގޮތުން، އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުމާއި، މީހުން ގަސްދުގައި ދޭ ގެއްލުމާއި އަދި އޭގެ އިތުރުން މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައް ވެސް ކަވަރު ކުރާނެ އެވެ.
ސަރުކާރުން ލާޒިމް ކުރާ ތާޑް ޕާޓީ މޮޓޯ އިންޝޫރެންސް ޕްލޭންތަކަކީ ހަމައެކަނި ތިންވަނަ ފަރާތާއި އެ ފަރާތުގެ ވެހިކަލަށް ލިބޭ ގެއްލުން ކަވަރު ކުރާ ޕްލޭނަކަށް ވާއިރު، އެއާ ހިލާފަށް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއަކީ ވެހިކަލްގެ ވެރިފަރާތަށާއި އޭނާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކަށް ވެސް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ދެގުނަ ފައިދާ ކުރުވަނިވި ޕްލޭނެއް ކަމަށް އެލައިޑުން ބުނެ އެވެ.
އެލައިޑުގެ އަމާޒަކީ ރަމަޟާން ކެމްޕެއިންގެ ތެރެއިން ކުންފުނިން ފޯރުކޮށްދޭ އާންމުންނަށް ބޭނުންތެރި ހިދުމަތްތަކާއި ގުޅޭ ހޭލުންތެރިކަން އިތުރުކޮށް ހެޔޮ އަގުގައި ހުރިހާ ފަރުދުންނަށް ވެސް މި ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.










