ސެވިލް (އޭޕްރީލް 9) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޖެހި ދެ ގޯލުން 4-2 އިން ގްރަނާޑާ ބަލިކޮށް ސެވިއްޔާ އިން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 69 ޕޮއިންޓާ އެކު އޮތް ރެއާލް މެޑްރިޑެވެ. ދެ ވަނަ އަށް އެރި ސެވިއްޔާ އިން ވަނީ 31 މެޗުން 60 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 29 މެޗުން 57 ޕޮޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، އެތުލެޓިކޯ މެޑްރިޑް ވަނީ 30 މެޗުން 57 ޕޮއިންޓް ހޯދައިފަ އެވެ.
ސެވިއްޔާގެ އެސްޓަޑިއޯ ސަންޗޭޒް ޕިިޒްޗުއާން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލީޑުނެގީ ގްރަނާޑާ އިންނެވެ. މެޗުގެ 23 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ދިން ބޯޅަ އަކުން މި ލަނޑު ޖެހީ ޑާވިން މާޗިސް އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ސެވިއްޔާގެ ކެޕްޓަން ހެސޫސް ނަވާސް ނެގި ހުރަހަކުން ބްރެޒިލް ޑިފެންޑަރު ޑިއޭގޯ ކާލޯސް ވަނީ ބޮލުން ގޯލެއް ޖަހައި، ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެ ޓީމަށް އިތުރު ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިމުނީ އެއްވަރުވެގެންނެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ސެވިއްޔާ އިން ފުރަތަމަ ފަހަރަށް ލީޑުނެގީ ގްރަނާޑާގެ ކީޕަރު ލުއިސް މެކްސިމިއާނޯ ހެދި ގޯހެއްގެ ފައިދާނަގައި ލޫކަސް އޮކަމްޕޯސް ޖެހި ގޯލުންނެވެ. މި ގޯލު ޖަހަން ބޯޅަ ދިނީ ހެސޫސް ކޮރޯނާ އެވެ. ސެވިއްޔާ އަށް މެޗުގެ 76 ވަނަ މިިނިޓްގައި އެ ޓީމުގެ ސްޕެއިން ފޯވާޑް ރަފާ މީރް ވަނީ ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމި އެވެ.
ގްރަނާޑާ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި، ލުއިސް މިލާ ނަގައިދިން ކޯނަރަކުން ވިކްޓަ ޑިއާޒް ބޮލުން ގޯލެއް ޖަހައި ނަތީޖާ ހަަމަހަމަކޮށްފަ އެވެ.
ސެވިއްޔާ މޮޅުވީ އިތުރު ވަގުތަށް ދެއްކި 10 ވަރަކަށް މިނިޓް ތެރޭ، ދެ ގޯލު ޖަހައިގެންނެވެ. ސެވިއްޔާގެ ތިން ވަނަ ގޯލު ޖެހީ، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އިވާން ރަކިޓިޗް ދިން ބޯޅައަކުން މީރް އެވެ. އަދި އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި އަލެހަންދްރޯ (ޕާޕޫ) ގޯމޭޒް ވަނީ ސެވިއްޔާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ލީގުގައި މިރޭ އެއް ވަނައިގައި އޮތް ރެއާލުން ގެޓަފޭއާ ކުޅޭއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރަށުން ބޭރުގައި މަޔޯކާއާ ބައްދަލުކުރާނެ އެވެ. އަދި މާދަމާރޭ ބާސެލޯނާ ކުޅެން ޖެހޭނީ ރަށުންބޭރުގައި ލެވަންޓޭއާ އެވެ.












