ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ) ގެ ފަރާތުން ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ކޯސްޓް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގެ އޯޕަން ޑިވިޝަން ޗެމްޕިއަންކަން މޮންސްޓާސް އާއި ޗެކްމޭޓުން ހޯދައިފި އެވެ.
ދުނިޔޭގެ މައި ބާސްކެޓްބޯޅަ ޖަމިއްޔާ، ފީބާގެ ރުހުންލިބިފައިވާ މި މުބާރާތުގައި ޖުމްލަ އެއްކޮށް، އުމުރުފުރާގެ އަންހެން/ ފިރިހެން ވަކިން ފަސް ޑިވިޝަން (12، 14، 16، 20 އަދި 24 އަހަރުން ދަށުގެ ޑިވިޝަން)، އަންހެން/ ފިރިހެން އޯޕަން ޑިވިޝަން އަދި މާސްޓާ އަންހެން/ފިރިހެން ޑިވިޝަން ކުރިއަށްގެންދިޔަ އެވެ.

ކޯސްޓް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އަބީދު/ޑީބީސީ-ފޭސްބުކް
މި މަހު 3-7 އަށް ކުޅިވަރު އެކުވެނި އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގައި ކުރިއަށްދިޔަ މުބާރާތުގައި ފިރިހެން އޯޕަން ޑިވިޝަނުގައި އަށް ޓީމު ވާދަކުރި އެވެ. މަޝްހޫރު ގިނަ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ ފޯރިގަދަ މެޗުތަކެއް މި ޑިވިޝަނުގައި ފެނިގެންދިޔަ އެވެ.
ފިރިހެން އޯޕަން ޑިވިޝަން ޗެމްޕިއަންކަން ހޯދި މޮންސްޓާސް އިން ފައިނަލުގައި ވާދަކުރީ ބީއޯޑީއާ އެވެ. އެ މެޗުން 11-10 އިން މޮޅުވި މޮންސްޓާސް ޓީމުގައި ހިމެނެނީ އަބްދުﷲ އަމްޒަރު، އިބްރާހިމް އަންފާލް (އަންޓެ)، އިބްރާހިމް ރަޝްވާން (ޗިކު) އަދި އިސްމާއިލް ވިލްދާން އެވެ.

ފިރިހެން އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި މޮންސްޓާސް ޓީމުގެ ކުޅުންތެރިން.--- ފޮޓޯ: އަބްދުﷲ އަބީދު/ޑީބީސީ-ފޭސްބުކް
އަންހެން ޑިވިޝަން ފައިނަލުގައި ޗެކްމޭޓުން ވަނީ ފަސޭހަކަމާ އެކު 11-2 އިން ހަރީ ކޭން ބަލިކޮށްފަ އެވެ. ޗެކްމޭޓް ޓީމުގައި ތިބީ އައިމިނަތު އިޝްރާއު އަބްދުއްޝުކޫރު (އިއްކޮ)، އައިޝަތު އިނާޝާ، ނަޝްފާ އާމިރާ އަދި ރޫޔާ އަލީ އެވެ. އަންހެން އޯޕަން ޑިވިޝަނުގައި ހަތަރު ޓީމެއް ކުޅުނެވެ.
ހަތް ޓީމު ވާދަކުރި 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ 16-3 އިން ޝޫޓާސް ބަކިކޮށް ސްކައި އެވެ. ސާދަ އަހަރުން ދަށުގެ ފިރިހެން ބައިގައި ހަތް ޓީމު ކުޅުނުއިރު، ޗެމްޕިއަނުންނަކީ 12-5 އިން ސްޕްލެޝް ބަލިކުރި ނެކްސްޓްޖެން އެވެ. ހަތަރު ޓީމު ވާދަކުރި 24 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބީޓީސީން ހޯދީ ފައިނަލުގައި 20-6 އިން ހޮޓްޝޮޓްސް ބަލިކޮށްފަ އެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގައި ހަ ޓީމެއް ކުޅުނެވެ. މި ބައިގެ ޗެމްޕިއަންކަން ޕާލް އިން ހޯދީ ފައިނަލުގައި ސްޓްރީކާސް 6-5 އިން ބަލިކޮށްފަ އެވެ. އެންމެ ގިނަ ޓީމު ވާދަކުރި 16 އަހަރުން ދަށުގައި 10 ޓީމެއް ކުޅުނެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ އާރުކާޓީ އެވެ. އެއީ ފައިނަލުގައި 17-11 އިން އާޗާސް ވައިޓް ބަލިކޮށްފަ އެވެ.

ޑީބީސީގެ މަސްއޫލުވެރިޔާ، ޑޭވިޑް (ކ) އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޗެކްމޭޓް ޓީމުގެ އިއްކޮ އަށް ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: އަބްދުﷲ އަބީދު/ޑީބީސީ-ފޭސްބުކް
ވިހި އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަކުރީ ހަ ޓީމަކުންނެވެ. ފޯރިގަދަ ފައިނަލެއް ފެނުނު މި ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ހޮޓްޝޮޓްސް އެވެ. އެ ޓީމުން ފައިނަލުގައި ވަނީ 18-17 އިން ނަރޫޓޯ ބަލިކޮށްފަ އެވެ.
ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓްގައި އިސް މަސައްކަތެއް ކުރާ ކޯޗު މުހައްމަދު ހާޝިމް (ޑޭވިޑް)ގެ މަސްއޫލުވެރިކަމުގައި 2008 ވަނަ އަހަރު ވުޖޫދުކުރި ޑީ ބާސްކެޓްބޯޅަ ކްލަބުން އަހަރެއްގެ މައްޗަށް ގިނަ ހަރަކާތްތަކެއް ފޯރީގައި ކުރިއަށްގެންދެ އެވެ. އެ ގޮތުން މި ފަހަރު މި ބޭއްވި ކޯސްޓް ތުރީ އޮން ތުރީ މުބާާރާތަށް ވެސް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ. މުބާރާތުގެ އިސް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ.












