ވާގޮތް: އެންއެފްޓީގެ ހާއްސަކަމާއި މަސައްކަތްކުރާ ގޮތް

ބޯޑް އޭޕް ޔޮޓް ކްލަބްގެ އެންއެފްޓީއެއް. މި ކްލަބްގެ އެންއެފްޓީ ދުނިޔޭގެ މަޝްހޫރު ތަރިން ވެސް ވަނީ އެތައް ލައްކަ ޑޮލަރަކަށް ގަނެފައި --- ފޮޓޯ: ޕިކްސަބޭ

ބޯޑް އޭޕް ޔޮޓް ކްލަބްގެ އެންއެފްޓީއެއް. މި ކްލަބްގެ އެންއެފްޓީ ދުނިޔޭގެ މަޝްހޫރު ތަރިން ވެސް ވަނީ އެތައް ލައްކަ ޑޮލަރަކަށް ގަނެފައި --- ފޮޓޯ: ޕިކްސަބޭ

ނަން ފަންޖިބަލް ޓޯކެން ނުވަތަ އެންއެފްޓީގެ ވާހަކައަކީ މިވަގުތު ދުނިޔޭގައި އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ. ކޮންމެ ދުވަހަކު އެތައް މިލިއަން ޑޮލަރެއް އެންއެފްޓީގެ ބާޒާރުގައި އަންނަނީ ދައުރު ކުރަމުންނެވެ. މީހުންގެ ސެލްފީ އާއި ޓްވީޓުތައް ވެސް އެންއެފްޓީގެ ގޮތުގައި އަންނަނީ ގަނެ ވިއްކަމުންނެވެ. އެންއެފްޓީ މާކެޓަކީ މިވަގުތު އެންމެ ޑިމާންޑު ބޮޑު އެއް މާކެޓޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލުތަކެއް އެބަ ހުއްޓެވެ. އެންއެފްޓީއަކީ ކޯއްޗެއް ހެއްޔެވެ. އެހާ ބޮޑު ޑިމާންޑެއް އެންއެފްޓީއަށް އޮތީ ކީއްވެ ހެއްޔެވެ. އެތައް މިލިއަން ޑޮލަރެއް އެންއެފްޓީ ގަތުމަށް މީހުން ހަރަދުކުރަނީ ކީއްވެ ހެއްޔެވެ. އެންއެފްޓީ މާކެޓުގައި ފޮރުވިފައިވަނީ ކޮން ސިއްރުތަކެއް ހެއްޔެވެ. އެންއެފްޓީއެއް ގަންނާނީ ކިހިނެއް ހެއްޔެވެ. އެ ސުވާލުތަކަށް ޖަވާބު ދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.

އެންއެފްޓީއަކީ ކޯއްޗެއް؟

ކުރުކޮށް ބުނާނަމަ އެންއެފްޓީއަކީ އަސްލު މުދަލެއް ރަމްޒުކޮށްދޭ ޑިޖިޓަލް މުދަލެކެވެ. އެއީ ކުރެހުމަކަށް ވެސް ވެދާނެ އެވެ. ލަވައެއް ނުވަތަ ވީޑިއޯއަކަށް ވެސް ވެދާނެ އެވެ. ގޭމްތަކުގައި ގަންނަން ހުންނަ އައިޓަމަކަށް ވެސް ވެދާނެ އެވެ. ޓްވީޓަކަށް ވެސް ވެދާނެ އެވެ. ކޮންމެ އެއްޗައް ވެސް އެންްއެފްޓީއެއްގެ ގޮތުގައި ވިއްކާލެވިދާނެ އެވެ.

އާންމު ގޮތެއްގައި އެންއެފްޓީ ގަނެ ވިއްކުމަށް ބޭނުންކުރަނީ ޑިޖިޓަލް ކަރަންސީ ނުވަތަ ކްރިޕްޓޯ ކަރަންސީ އެވެ. އާންމު ގޮތެއްގައި ގިނަ ކްރިޕްޓޯތަކުގައި ބޭނުންކުރާ އެންކޯޑިން ސޮފްޓްވެއާތައް އެންއެފްޓީ ގަނެ ވިއްކުމުގައި ވެސް ބޭނުންކުރެ އެވެ.

މީގެ އަށް އަހަރު ކުރިން ފެށިގެން ވެސް އެންއެފްޓީ މާކެޓަކީ ވުޖޫދުގައި އޮތް މާކެޓެކެވެ. ނަމަވެސް، މަޝްހޫރު ވާން ފެށީ 2017 އިން ފެށިގެންނެވެ. މެއިން ސްޓްރީމް މީޑިއާއަށް މަޝްހޫރުވީ އެއަށްވުރެ ވެސް ފަހުންނޭ ބުނެވިދާނެ އެވެ. އަންދާޒާތައް ދައްކާގޮތުން ނޮވެމްބަރު 2017 އިން ފެށިގެން މިހާތަނަށް އެންއެފްޓީ ގަތުމަށް 174 މިލިއަން ޑޮލަރު އެކި މީހުން ހަރަދުކޮށްފައިވެ އެވެ.

އެންއެފްޓީ ހާއްސަ ވަނީ ކީއްވެ؟

ޑިމާންޑު އޮންނަ އެއްޗެއްގެ ސަޕްލައި ކަނޑާލުމުން އޭގެ އަގު އިންތިހާއަށް އުފުލޭނެ އެވެ. މިއީ އެންއެފްޓީ މާކެޓުގެ އެންމެ މުހިންމު އެއް އަސާސެވެ. ކޮންމެ އެންއެފްޓީއަކީ އެހެން އެންއެފްޓީތަކާ ތަފާތު އެއްޗެކެވެ. ތިޔަ ކިޔުންތެރިޔާ ގަންނަ އެންއެފްޓީއެއް އެހެން މީހަކަށް ނުގަނެވޭނެ އެވެ. އެ ބޭނުންނަމަ އެ މީހަކު ވެސް ޖެހޭނީ ތިޔަ ކިޔުންތެރިޔާ އަތުން އެ ގަންނާށެވެ.

އެންއެފްޓީ މާކެޓުގައި ވިއްކަން ހުންނަ ތަކެއްޗަކީ ލިމިޓެޑު އެޑިޝަން ނުވަތަ އެ ވައްތަރުގެ އެހެން އެއްވެސް އެއްޗެއް މާކެޓުން ނުލިބޭނެ އެއްޗެއްސެވެ. ކޮންމެ އެންއެފްޓީއެއްގައި ވެސް އޭތި ވަކިކުރުމަށް ހާއްސަ އައިޑެންޓިފިކޭޝަން ކޯޑުތަކެއް ހުންނާނެ އެވެ. އެންއެފްޓީއިން އުފައްދަނީ "ޑިޖިޓަލް ސްކާސިޓީ" އެއް ކަމަށް މާހިރުން ބުނެ އެވެ.

އެހެން ޑިޖިޓަލް އުފެއްދުންތަކަކީ ކިތަންމެ ޑިމާންޑު ބޮޑުވިޔަސް ސަޕްލައި އަށް އަސަރު ކުރާ އެއްޗެއްސެއް ނޫނެވެ. ބޭނުން މިންވަރަކަށް ގަންނަން ލިބެ އެވެ. އެންއެފްޓީ ހާއްސަ ވަނީ މި ހިސާބުންނެވެ. އަގު ބޮޑުވަނީ ވެސް މިހެންވެ އެވެ.

މައިކު ވިންކަލްމަންގެ "އެވްރީޑޭސް: ދަ ފަސްޓް 5000 ޑޭސް" އަކީ 5،000 ކުރެހުމުގެ މައްޗަށް ބިނާކޮށް އުފެއްދި އެންއެފްޓީއެކެވެ. ކްރިސްޓީސްގައި އޮތް ނީލަމެއްގައި އޭތި ވިކުނީ 69.3 މިލިއަން ޑޮލަރަށެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ. މި ހުރިހާ ކުރެހުމެއް ނުވަތަ ވަކިވަކި ކުރެހުންތައް ވެސް އޮންލައިންކޮށް ކޮންމެ މީހަކަށް ވެސް ބަލާލެވޭނެ އެވެ.

އޮންލައިންކޮށް ލިބެން ހުރި ކުރެހުންތަކަކަށް އެތައް މިލިއަން ޑޮލަރެއް ހުށަހެޅީ ކީއްވެގެންތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ. ޖަވާބަކީ އެންއެފްޓީއެއްގެ ގޮތުގައި އެ ކުރެހުންތައް ގަތުމުން މިހާރު އެއީ މައިކް ވިންކަލްމަންގެ އަމިއްލަ ކުރެހުންތަކެއް ނޫނެވެ. އެއީ، އެންއެފްޓީއެއްގެ ގޮތުގައި އެ ކުރެހުންތައް ގަތް މީހާގެ އަމިއްލަ އެއްޗެކެވެ. މިއީ އެންއެފްޓީއަށް މިލިއަނުން އަގު ހުށަހަޅާ އަނެއް ސަބަބެވެ.

އެންއެފްޓީ މަސައްކަތް ކުރަނީ ކިހިނެއް؟

އެންއެފްޓީއާ ބެހޭ ހުރިހާ މައުލޫމާތެއް ރައްކާކުރެވިފައި ވަނީ ބްލޮކްޗެއިނެއްގަ އެވެ. މާނައަކީ އެންއެފްޓީ ބާޒާރުގައި ހިނގާ ހުރިހާ މުއާމަލާތެއް ރެކޯޑު ކުރެވި އާންމުކޮށް ފެންނާން ހުންނާނެ ކަމެވެ. އޭގައި ހުންނަ މައުލޫމާތު ބަދަލުކޮށް، ހެކުކޮށް ނުވަތަ ސިސްޓަމަށް މަކަރު ހެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.

އާންމުކޮށް، އެންއެފްޓީގެ މުއާމަލާތްތައް ކުރަނީ ކްރިޕްޓޯކަރަންސީއެއް ކަމަށްވާ އެތީރިއަމް އިންނެވެ. ނަމަވެސް، އެހެން ކްރިޕްޓޯތައް ވެސް އެންއެފްޓީ ގަނެ ވިއްކުމަށް ބޭނުން ކުރެވެ އެވެ. އެންއެފްޓީއެއް ވިއްކާލާއިރު ފަހުން އޭގެ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ރޯޔަލިޓީގެ ގޮތުގައި ފީއެއް ލިބޭ ގޮތަށް ވެސް ހެދޭނެ އެވެ.

މިއީ ފަންނުވެރިންނަށް އެމީހުން އުފައްދާ އުފެއްދުންތަކުން ރަނގަޅު އާމްދަނީއެއް ހޯދުމަށް އޮތް މަގެކެވެ. މިހާރު ކުރެހުމެއް ވިއްކަން ބޭނުންނަމަ ވެސް މުޅި ދުނިޔެއަށް ހުޅުވާލައިގެން ނީލަން ކުރެވިދާނެ އެވެ. އޮކްޝަން ހައުސް ނުވަތަ އާޓް ގެލަރީއެއް މެދުވެރިކޮށް އެކަން ކުރަން ނުޖެހޭނެ އެވެ.

އެންއެފްޓީއަކަށް އެއްޗެއް ބަދަލުކުރާނަމަ ޑިޖިޓަލް ކުރަން ޖެހޭނެ އެވެ. ޓްވިޓާގެ ކޯފައުންޑަރު ޖެކް ޑޯސީ އޭނާގެ ފުރަތަމަ ޓްވީޓު އެންއެފްޓީއަކަށް ބަދަލުކުރުމަށް ފަހު ވިއްކާލީ 2.9 މިލިއަން ޑޮލަރަށެވެ.

އެންއެފްޓީއެއް ގަންނާނީ ކިހިނެއް؟

އެންއެފްޓީއެއް ގަންނަނަމަ ބައެއް ކަންކަމަށް ވެސް ސަމާލުވާން ޖެހޭނެ އެވެ. ރަނގަޅަށް މާކެޓު ރިސާޗު ކުރަން ޖެހޭނެ އެވެ. ބައެއް ފަހަރު އެންއެފްޓީގެ ގޮތުގައި އެހެން މީހުންގެ އުފެއްދުންތައް ވަގަށް ނަގައިގެން ޑިޖިޓަލްކުރުމަށްފަހު ވިއްކަ އެވެ. މިފަދަ މައްސަލައެއް ދާދިފަހުން ރާއްޖޭގައި ވެސް ފެންމަތިވި އެވެ. އެހެންކަމުން އެންއެފްޓީ މާކެޓުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަން ޖެހެ އެވެ.

މި ހިސާބަށް އާދެވުނުއިރު އެންއެފްޓީއެއް ގަތުމަށް ތީގެ ތެރެއިން ބައެއް ކިޔުންތެރިން ޝައުގު އުފެދުމަކީ ވެދާނެ ކަމެކެވެ. ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ބޭނުން ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ނަމަވެސް އެންއެފްޓީ ގަނެވޭނެ ގޮތްތައް އެބަ ހުއްޓެވެ.

އެންމެ ފުރަތަމަ ކަމަކަށް ބޭނުންވާނީ ޑިޖިޓަލް ވޮލެޓެކެވެ. މިއީ އެންއެފްޓީ އާއި އެންއެފްޓީ ގަތުމަށް ބޭނުންކުރާ ކްރިޕްޓޯކަރަންސީ ބަހައްޓާނެ ވޮލެޓެވެ. މާކެޓުގައި ހުރި އެންއެފްޓީ ގަތުމަށް ދެން ބޭނުންވާނީ ކްރިޕްޓޯކަރަންސީ އެވެ. ކޮއިންބޭސް، ކްރަކެން، އީޓޯރޯ، ޕޭޕަލް އަދި ރޮބިންހުޑް ފަދަ ޕްލެޓްފޯމުތަކުން ކްރެޑިޓު ކާޑު ބޭނުންކޮށްގެން މިފަދަ ކަރަންސީތައް ގަނެވޭނެ އެވެ. އެއަށްފަހު ވޮލެޓަށް އެ ޖަމާވާނެ އެވެ.

ދެން އޮތީ އެންއެފްޓީ މާކެޓު ރިސާޗުކޮށް އެންއެފްޓީއެއް ގަތުމެވެ. މިވަގުތު އެންމެ ބޮޑު އެންއެފްޓީ މާކެޓުތަކަކީ އޯޕެންސީ.އައިއޯ، ރެރިބަލް އަދި ފައުންޑޭޝަން އެވެ. މި ޕްލެޓްފޯމުތަކުން އެތައް ހާސް އެންއެފްޓީ ވިއްކާ އާޓިސްޓުންނާ ދިމާވާނެ އެވެ. އަދި، އެތައް ހާއްސަ އެންއެފްޓީއެއް މާކެޓަށް ނެރެފައި ހުންނާނެ އެވެ.

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox