ލެސްޓާ (އޭޕްރީލް 8) - ޔުއެފާ އިން މި އަހަރު މުޅިން އަލަށް ފެށި ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ލެސްޓާ ސިޓީ އާއި ޕީއެސްވީ އެއިންދޯވަން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ނޯވޭގެ ބޯޑޯ/ގްލިމްތު އަތުން ހޯސޭ މޮރީނިއޯގެ ރޯމާ 2-1 އިން ބަލިވެއްޖެ އެވެ.
ކުއާޓާ ފައިނަލްގައި ރޭ ކުޅުނު އަނެއް ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު، ނެދަލެންޑްސްގެ ފެޔަނޫޑް ވަނީ 3-3 ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގްއާ އެއްވަރުވެފަ އެވެ. އަދި ޑިމިޓްރީ ޕަޔެޓް ޖެހި ހިތްގައިމު ގޯލުން ފްރާންސްގެ މާސޭ ވަނީ 2-1 އިން ގްރީސްގެ ޕީއޭއޯކޭ ބަލިކޮށްފަ އެވެ.
ލެސްޓާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހުނަރުވެރި މިޑްފީލްޑަރު ހާވީ ބާންސް ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ޕީއެސްވީ އަށް މި މެޗުގައި ގޯލެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ޖަރުމަނަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ގޯލު ޖެހި މާރިއޯ ގޮޓްޒާ އެވެ. ގޮޓްޒާ ޖެހި ބޯޅަ ލެސްޓާ ގޯލުގައި ހުރި ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ޕީއެސްވީގެ މަޑުއޭކޭ (ވ) އަތުން ބޯޅަ ހޯދަން ލެސްޓާގެ ބާންސް ފައުލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަންނަ ހަފްތާގައި ލެސްޓާ އިން ޕީއެސްވީ ދަނޑުގައި މޮޅުވެގެން ނޫން ގޮތަކަށް ސެމީ ފައިނަލުގެ ޖާގަ ނުހޯދޭނެ އެވެ.
މި ފަހަރުގެ ކޮންފަރެންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވެސް ރޯމާ އާއި ބޯޑޯ/ގްލިމްތު ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް ސްޓޭޖުގެ ދެ މެޗަށް ބަލާއިރު، ބޯޑޯ/ގްލިމްތު ދަނޑުގައި އެ ޓީމުން ވަނީ 6-1 އިން ރޯމާ ބަލިކޮށްފަ އެވެ. ރޯމާ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެފަ އެވެ.
ރޭ ބޯޑޯ/ގްލިމްތު ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ ރޯމާ އިންނެވެ. ފުރަތަމަ ހާފުގައި ހެންރިކް މިކިތާރްޔަން ދިން ބޯޅައަކުން ލޮރެންޒޯ ޕެލެގްރީނީ ޖެހި ގޯލުން ރޯމާ އިން ކުރިހޯދި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ބޯޑޯ/ގްލިމްތުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ ބޯޑޯ/ގްލިމްތު އަށް އެއްވަރުކޮށްދިނީ ޔޫލްރިކް ސޯލްޓްނެސް އެވެ. އަދި މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓައި ބޯޑޯ/ގްލިމްތު މޮޅުކޮށްދިނީ ހޫގޯ ވެލްޓެސަން އެވެ.
މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ތިން މެޗު ކުޅުނުއިރު ވެސް މޮޅެއް ނުލިބީ އޮތީ ދެ ޓީމެއް އަތުންނެވެ. އެއީ ރެއާލް މެޑްރިޑާއި ބޯޑޯ/ގްލިމްތު އެވެ. އަންނަ ހަފްތާގައި ރޯމްގައި ކުޅޭ މެޗުން ބޯޑޯ/ގްލިމްތު އަތުން މޮޅުވެގެން ނޫން ގޮތަކަށް ރޯމާ އަށް ސެމީން ފުރުސަތު ނުލިބޭނެ އެވެ. ކޮންފަރެންސް ލީގުގެ ތަށި ރޯމާ އަށް ލިބިއްޖެނަމަ ޔޫރަޕްގެ ތިން ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކޯޗުގެ ޝަރަފް މޮރީނިއޯ އަށް ލިބޭނެ އެވެ.












