ޔޫރޮޕާ ލީގު: ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ވެސްޓް ހޭމަށް މޮޅެއް ނުހޯދުނު

Apr 7, 2022, 9:19 PM
ފްރޭންކްފާޓްގެ ތިން ކުޅުންތެރިން ކައިރިން ބާސެލޯނާގެ ޕެޑްރީ (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ފްރޭންކްފާޓްގެ ތިން ކުޅުންތެރިން ކައިރިން ބާސެލޯނާގެ ޕެޑްރީ (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 7) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާ އާއި އެއިންޓްރަކްޓް ފްރޭންކްފާޓް 1-1 އިން އެއްވަރުވިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ވެސްޓް ހޭމް ޔުނައިޓެޑާއި ލިޔޯން ކުޅުނު ކުއާޓާ ފައިނަލް މެޗު ވެސް 1-1 އިން އެއްވަރުވެއްޖެ އެވެ.

ޖަރުމަނުގެ ފްރޭންކްފާޓް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް ފުރަތަމަ ހާފުގައި މާ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ފްރޭންކްފާޓްގެ އަންސްގާ ކްނައޮފް ވަނީ މޮޅު ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ކްނައޮފް އޭރިއާބޭރުން ޖެހި ބޯޅަ ބާސެލޯނާ ކީޕަރު ޓާ ސްޓެގެން އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން ކުރި މަސައްކަތް މާގިނައިރެއްނުވެ ކާމިޔާބުކުރި އެވެ. މެޗުގެ 66 ވަނަ މިނިޓްގައި މި ގޯލު ޖެހީ ފެރާން ޓޮރޭޒް އެވެ. ބާސެލޯނާ އިން މެދުތެރެއިން ކުޅުނު ރަނގަޅު ކުޅުމަކަށް ފަހު ފްރެންކީ ޑި ޔޯން ޖައްސާލި ބޯޅަ ފެރާން ވަނީ ހަމަޖެހިލާފައި ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގައި ހޯދި ދެ ވަނަ ރީނދޫ ކާޑާ އެކު ފްރޭންކްފާޓްގެ ޓޫޓާ އަށް މެޗުގެ 78 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކި އެވެ. އިތުރު ވަގުތު ހިމެނޭ ގޮތަށް މެޗުގެ ފަހު 15 ވަރަކަށް މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެެގެން ވެސް ފްރޭންކްފާޓް ވަނީ ބާސެލޯނާއާ އެއްވަރުކޮށްފަ އެވެ. މި ނަތީޖާއާ އެކު ނިމުމުން އަންނަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ސެމީގެ ފުރުސަތު ލިބޭނެ އެވެ.

ވެސްޓް ހޭމްގެ ބޮވެން (ވ) ލިޔޯންގެ ޕަކޭޓާ ކައިިރން ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ވެސްޓް ހޭމުން ރޭވި ގޮތަށް ކުރިއަށްދާން މައްސަލަ ދިމާވީ އެ ޓީމުގެ އާރޮން ކްރެސްވެލް އަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ލިޔޯންގެ މޫސާ ޑެމްބެލޭ ހުސްކޮށް ބޯޅަ ހިފައިގެންދިޔަ ވަގުތެއްގައި ހުރަސްއެޅި ކަމަށް ބަލައި ކްރެސްވެލް އަށް ދެއްކީ ސީދާ ރަތެކެވެ. މިއީ ޔޫރަޕްގެ ރަސްމީ މުބާރާތެއްގައި ވެސްޓް ހޭމް ކުޅުންތެރިއަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފްގައި ކުޅެން ޖެހުނު ނަމަވެސް ފުރަތަމަ ލީޑުނެގީ ވެސްޓް ހޭމް އިންނެވެ. ލިޔޯންގެ ޑިފެންޑަރު ޖެރޯމް ބޯޓެން ހެދި ގޯހެއްގެ ފައިދާނަަގައި ވެސްޓް ހޭމްގެ މި ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ޖެރޮޑް ބޮވެން އެވެ.

މެޗުގެ 66 ވަަނަ މިނިޓްގައި ލިޔޯނުން އެއްވަރުކުރީ ޓޮޓެންހަމްގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޓަންގީ އެންޑޮމްބެލޭ އެވެ. ލިޔޯންގެ ވިންގް، ޓެޓޭ ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޖެހި ބޯޅައެއް ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު އެންޑޮމްބެލޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ލިޔޯން ދަނޑުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ސެމީން ޖާގަ ލިބޭނެ އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް އަނެއް ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު، އަބެލް ރުއީޒްގެ ގޯލުން ޕޯޗުގަލްގެ ބްރާގާ އިން ވަނީ ސްކޮޓްލެންޑްގެ ރޭންޖާސް 1-0 އިން ބަލިކޮށްފަ އެވެ. އެޓަލަންޓާގެ ލުއިސް މުރިއެލް ލީޑުނަގައިދީފައި ވަނިކޮށް އާރްބީ ލައިޕްޒިގުން 1-1 އިން އެއްވަރުކުރީ އެޓަލަންޓާގެ ޑަވިޑޭ ޒަޕަކޯސްޓާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި މެޗުގައި ލައިޕްޒިގުގެ އަންޑްރޭ ސިލްވާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox