ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާއިން ސާލަމަތްވި ހަތަރު މީހުންގެ މައްސަލަ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި ކަމުގެ ދައުވާ ޖުމްލަ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އޭގެ ތެރެއިން ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ދެން ދައުވާ ލިބުނު މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުރި ދައުވާތައް ސާބިތެއް ނުވި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މި ނޫހަށް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އެއާއެކު ރިޕޯޓް ދިރާސާ ކުރުމަށް ފަހު އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިއަށް (ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި) މައްސަލަ އިސްތިއުނާފް ކުރުމަށް،" ޝަފީއު ވިދާޅުވި އެވެ.

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.
ޔާމީން ރަޝީދު މަރާލި ކަމަށް ދަށު ކޯޓުގައި ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ނެގުމުގެ ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހިޖުރީ ދެ މަހު ރޯދަ ހިފުމަށެވެ. މި ގޮތަށް ހުކުމް އިއްވީ ޔާމީންގެ މަންމަ މަރުގެ ދިޔަ ނަގަން އެދުމުންނެވެ.













