މާޗު 20، 2022 ވީ އާދީއްތަ ދުވަހު މަންޓާ އެއާގެ ކަނޑަށްޖައްސާ ބޯޓު، އެންއާރް - 1052 މާލެ ބަނދަރުން، ފުރައިގެން ތ. އަތޮޅުގައި އޮންނަ ކޮމޯ މާލިފުށީ ފަޅަށް ތިރިކޮށްލި އިރު ފަސްބަދުރުވައިގެ ހިތްގައިމުކަން ކަފަ ވިލާ ގިނަކޮށް އޮތް ނޫ އުޑުން އެއްބަޔަށް ބުނެދިނަސް، ވައިރޯޅި ނިކަން ބާރެވެ. ބާނިލައި ގިނަކޮށް ނަގަމުން ދިޔަ ރާޅުތަކުގެ ތެރެއަށް ބޯޓު ޖައްސާލުމާއެކު މައި ދޮރު ހުޅުވާލާފައި ހުށިޔާރު ކަމާއެކު ބޯޓުން ބޭރަށް، ފްލޯޓިން ޕްލެޓްފޯމް މައްޗަށް ފުންމައިލީ އާދައިގެ އިސްކޮޅަކާއި ރޫފައެއް ހުރި ޒުވާން ދެ އަންހެން ކުދިންނެވެ. އެއީ އަހަރެމެންނާއެކު ދަތުރުގައި ބައިވެރިވި ބޯޓުގެ ދެ ފަޅުވެރިންނެެވެ. ކުޅުދުއްފުއްޓަށް އުފަން 32 އަހަރުގެ އާމިނަތު ތަސްލީމާ، ނުވަތަ ތައްތި އާއި މާލެ އަށް އުފަން 31 އަހަރުގެ އައިޝަތު މުޒްނާ (ޗޮއްޕި) އެވެ. އެ ދެ ޒުވާނުންގެ ހަރަކާތްތައް ހަލުވި ވެފައި ފާޑުވެރި އެވެ. ވަށައިގެން ނަގަމުންދިޔަ ރާޅުތަކުގެ ތެޅުވުމަށް ފަރުވާލެއް ނެތި، ބޯޓުގެ ވާތަށް، ފަހަރަކު ވަލަކަށް ދަމައި ބާރުކުރަމުން އައްސަމުން ދިޔައިރު އެ މަންޒަރު ފެނިގެން، އިށީނދެގެން ތިބި ގޮނޑިތަކުން ތެދުވެ، ވިލާތު ގެސްޓުން ކުޑަދޮރުން ލޯދީގެން އާސޯހުވެފައި ބަލަން ތިއްބެވެ.
އެއީ ހާއްސަ ވަގުތުކޮޅެކެވެ. އެމީހުންނަށް ނޭނގި އޮތް ކަމަކީ، އެ ތިބެވުނީ ތާރީހީ ވަގުތުކޮޅެއްގެ ތެރޭގައި ކަމެވެ. އެ ދަތުރުގައި އެމީހުންނާއެކު ބޯޓަށް އެރީ ރާއްޖޭގައި ތިބި ހަމައެކަނި ދެ އަންހެން ސީޕްލޭން ފަޅުވެރިން ކަމެވެ. މަންޓާ ސީޕްލޭން ކުރޫގެ ތައްތި އާއި ޗޮއްޕި އެވެ.

ތައްތި އަކީ ތިން އަހަރު ކުރިން މަންޓާ އެއާލައިނާ ގުޅުމުގެ ކުރިން ގައުމީ އެއާލައިންގެ ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރި ޓްރެއިންޑް އެއާ ހޮސްޓެސް އެކެވެ. ފިޓްނަސް އިންސްޓަރަކްޓަރެކެވެ. އެކަމަކު ޒަމާންވީ ވިސްނުމެއް ބަދަލުކޮށްލައި ތާރީހުގެ ތެރޭގައި ހިމެނިގެން މަންޓާ ފަހުރުވެރިކޮށްލި 'ގަދަ' ދެ އަންހެނުންގެ ތެރޭގައި މި ނަމެއް ހިމެނުމުގެ ފަހަތުގައި އޮތީ ދެ ޖިންސަށް ނަމޫނާ އަކަށް ފުދޭވަރުގެ ގަދަ، ޖޯޝު ވަރުގަދަ ވާހަކަ އެކެވެ.
"ލަގެޖް ލޯޑްކުރަން އެކަނި އުޅޭއިރު، ބަރު ފޮށި އެއްޗެހި ނަގާ ޖަހާލީމަ މީހުން ބުނާނެ ހާދަ ގަދަ އޭ، ހާދަ ވަރުގަދަ އޭ. ފުރަތަމަ ހިތަށް އެރި މިވަރުގެ މަސްލް ސްޓްރެންތު ބޭނުންވާ މަސައްކަތެއް ނުވާނެ އޭ. ގިނަ އަންހެންކުދިން ނުވެސް ވިސްނާނެ މިކަހަލަ މަސައްކަތެއް ކުރަންވެސް. އެކަމަކު ހަޔާތުގައި އަޑި އަޅައިގެން ދިޔަ ކޮންމެ ވަގުތަކު ތައްތި އަށް ދަސްވި ފިލާވަޅަކީ ދޫދީގެން މުސްތަގުބަލު ކާމިޔާބު ނުކުރެވޭނެކަން،" މިހިސާބަށް ބުނެވުނު އިރު ކަރުނަ ބަރާވެ، އޭނާގެ ލޯ ތެމިއްޖެ އެވެ.
އެކަމަކު ސީޕްލޭން އިންސްޓްރަކްޓާ، ކްރޫ އެއްގެ އިތުރުން، މަންޓާ ސީޕްލޭން ދަތުރުތައް ތަރުތީބުން ވިލަރެސްކުރުމުގެ ފަހަތުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން، ރީތި ނަމެއް ހޯދަމުން އަންނަ ތައްތިގެ ލޮލުން، އާދައިގެ ސުވާލަކާއެކު އެވަގުތު ނިރާލީ އުފަލުގެ ކަރުނަ އެވެ.
އޭލެވެލް ނިމިގެން ޖެހިގެން އައި އެއް އަހަރު އެއްކޮށް ވަޒީފާ ހޯދަން ނުހުއްޓައި ކުރި މަސައްކަތް ނާކާމިޔާބު ވުމުން ވެސް އޭނާ ހިތްވަރު ދުލެއް ނުކުރެ އެވެ. ފުރަތަމަ ލިބުނު ކެބިން ކުރޫގެ ވަޒީފާއިން ކުއްލި ގޮތަކަށް ވަކިވާން ޖެހި އާ ފެށުމަކުން ފަށަން ޖެހުނު އުނދަގޫ ވަގުތުގައި ވެސް ޖޯޝު ދޫކޮށްނުލަ އެވެ. ދެން ނުކުތީ ފިޓްނަސްގެ ދާއިރާ އަށެވެ. ޓްރެއިނާއެއްގެ ލައިސަންސް ހޯދަން ދަލާއި ތަދުގެ ދުވަސްތައް ގުނަން ޖެހުމުން ހުރި ހަކަތައަކާއި ޖޯރެއް ލާފައި އެކަން ވެސް ހާސިލުވަންދެން އޭނާ ދެއްކީ ގަދަ ހިތްވަރެވެ.
"އެހެންވީމަ، އަންހެނުން ދާއިރާއަށް ނެރުމަށް މަންޓާއިން ފުރަތަމަ ފަހަރަށް ސީޕްލޭންގެ ފަޅުވެރިއަކަށް ވުމުގެ ދައުވަތު ދިނުމުން ވެސް ނުވާނެއޭ ބުނެފައި ދޫކޮށްލަން ހިތެއް ނޭދުނު. ކޮށްފައި ކާމިޔާބު ނުވެއްޖެނަމަ ނޫނީ ފުރުސަތުން އަތް ދޫނުކޮށްލަން ޒަމީރަށް އެއްބަސް ވެވުނީ. ލޯބިވާ މީހުން ވެސް ހިތްވަރު ދިނީ އެގޮތަށް،" ތައްތިގެ ވާހަކައިގެ ރާގާއި ހަމަ އަށް ހެޔޮވަރުވެ ގެތިގެން އައިޝަތު މުޒްނާ (ޗޮއްޕި) ގެ ވާހަކަ ފަށައިގަތީ ހުރިހާ ތައުރީފެއް އޭނާ މީހަކަށް ހަދައިދިން ދެ އަންހެނުންނަށް އޮއްސަމުންނެވެ.

ޗޮއްޕިގެ ދިހަ އަހަރަށް ވުރެ ދުވަސްވީ ކާމިޔާބު އުދުހުމުގެ ކެރިއަރާއި، އޭނާގެ އުފާވެރި، އެކުވެރި މިޒާޖުގެ ބިންގަލަކީ ދެގޮތެއް ނުވެ ހިތްވަރުދީ އެކަނި އޭނާ ބަލައި ބޮޑުކުރި މަންމަ އާއި ބޮޑުދައިތަގެ ހެޔޮ ތަރުބިއްޔަތެވެ.
"ވަރަށް ހިތްވަރުގަދަ ދެ އަންހެނުން ބަލައި ބޮޑުކުރި ހަމަ އެހާ ހިތްވަރު ކުރަން މަސައްކަތްކުރާ އަންހެނެއް ޗޮއްޕި އަކީ. ނަސީބު ތަންދިން ގޮތުން ފިރިމީހާ އަކީ ވެސް ދެވަނަ ވިސްނުމަކަށް ނުގޮސް ޗޮއްޕިގެ އުންމީދުތައް ހާސިލުކުރަން ހިތްވަރުދޭ މީހެއް. ޒަމާން ތަކަކަށް ފިރިހެނުންނަށް ހާއްސަވެފައި އޮތް މިކަހަލަ ބުރަ ވަޒީފާއަކަށް ކޮންފިޑެންސާއެކު އަމިއްލަ މީހާ ޕްރެޒެންޓް ކޮށް އެކަން ކާމިޔާބު ކޮށްލެވުނީ އެވަރުގެ ސަޕޯޓެއް ލިބޭތީ،" ޗޮއްޕި ބުންޏެވެ.
ޗޮއްޕި ބުނީ، ފްލައިޓް ކެބިން ކުރޫ އެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން ތަމްރީން ލިބިފައި ހުއްޓަސް، ސީޕްލޭން ފަޅުވެރިއެއްގެ ވަޒީފާ އަދާކުރެވިދާނެ ކަމާމެދު ޝައްކު ކުރެވުނު ކަމަށެވެ. އެއީ ޖެހިލުންކުޑަކަމާއި ހަކަތަ އެތައް ގުނައަކަށް ބޭނުންވާ މަަސައްކަތެކެވެ. ރާއްޖޭގައި މިހާތަނަށް ސީޕްލޭން ފަޅުވެރިންގެ ގޮތުގައި އަންހެނަކު ނެތުމަކީ ވެސް އެކަން ކުރެވިދާނެ ކަމާ މެދު އިތުރަށް ސުވާލު އުފެދުނު އެއް ސަބަބެވެ.
"ބައެއް މީހުން ބުނަން ވެސް ބުނި، ކުޑަ ކުޑަކޮށް ހުންނަ މީހަކު، ވާނެ ހެއްޔޭ އެވަރުގެ މަސައްކަތެއް. އެކަމަކު ޓީމުން ވެސް ކެނޑިނޭޅި ބުނީ ވާނެއޭ. އެހެންވީމަ ޗޮއްޕި އާއި ތައްތި ނިންމީ ދެމީހުންގެ ސަތޭކަ ތަމްރީނަށް ދޭން،" ޗޮއްޕި ކިޔައިދިނެވެ.
ޓްރެއިނިން ފަށައިގެން ދެ ހަފުތާގެ ތިއަރީ ނިމި ޑޮކަށް ނުކުމެ ފިޒިކަލް މަސައްކަތްތަކުގައި އުޅެން ފެށުމުން މަސައްކަތުގެ ޓެކްނީކްތަކާއި ގެންގުޅޭ އުކުޅުތައް ދަސްވާން ފެށުމުން ގެއްލިފައި އޮތް އިތުބާރު އަލުން ލިބި، އާ ހިތްވަރަކާ އެކު ތައްތި އާއި ޗޮއްޕި ލިޔަން ފެއްޓީ ކެރިއަރުގެ އެންމެ ޝައުގުވެރި ސަފުހާ އެވެ. އެކު އެކީގައި މަންޓާ އެއާލައިނުން ގާއިމްކުރީ މިސާލެކެވެ. މުގުރައިލީ އަހަރުތަކެއްވީ ސަގާފަތެކެވެ.
މިހިސާބަށް އާދެވުނީމަ އަދި ކިރިޔާ އިހުސާސްކޮށްލެވެނީ މި ދަތުރަކީ ކިހައި އުނދަގޫ ދަތުރެއް ކަން. ޒަމާންތަކެއް ވަންދެން ފިރިހެނުން ޑޮމިނޭޓް ކުރަމުން އައި ދުނިޔެއަކަށް އަލަށް ދެ އަންހެން ކުއްޖަކު ވަދެ، އެ އެންމެންގެ އިހުތިރާމާއި ހިތްވަރު ލިބިގެން އެއް ހަމައެއްގައި ފައި ސާބިތުކޮށްލެވުނީމަ އޭގެ ސަބަބުން އެހެން އަންހެން ކުދިންނަށް ލިބޭނީ ކިހާ ވަރެއްގެ ހިތްވަރެއްކަން ކުރިން އަންދާޒާ ވެސް ނުކުރެވޭ. އެހެންވީމަ މިއަދު ހިތުގައި ހިނގަނީ ފަހުރުވެރި ޝުއޫރެއް.
ޗޮއްޕި އާއި ތައްތި ބުނީ، ސީޕްލޭން ކްރޫ އެއްގެ ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ބާވަތުން އަންހެން ކުދިން ވަޒީފާ އަށް ކުރިމަތި ނުލިޔަސް، އެއީ އަބަދުވެސް އަންހެނުންނަށް ހުޅުވިފައި އޮތް ދާއިރާއެއް ކަމަށެވެ. އަންހެނުން ދާއިރާގައި މިހާތަނަށް ނެތީ، އެއީ އަންހެނުންނަށް ވެސް އޮތް ފުރުސަތެއްކަން ނޭނގޭތީ އެވެ. އެ ހޭލުންތެރިކަން ނެތީމަ އެވެ. ނުވަތަ މޫސުމަކަށް ފަރުވާލެއް ނެތި، ކަނޑުމަތީގައި ވެސް އުޅެންޖެހޭ ބުރަ މަސައްކަތަކަށް ވާތީ، ޒިންމާގެ ބާވަތުން ފިރިހެނުންގެ ދާއިރާއެއްގެ ގޮތުގައި އެންމެންގެ ވިސްނުމަށް ގަބޫލުކުރެވިފައި އޮތުމުން ކަމަށް ވެސް ވެދާނެ އެވެ.
އެކަމަކު އެ ދެ ޒުވާނުންނާއެކު މަންޓާ އިން ފުނޑައިލީ އެ ކޮށި ވިސްނުމެވެ. ކާމިޔާބު ދެ ނަމޫނާ އަންހެނުން ކުރިއަށް ނެރެ، ރީތި މަސައްކަތެއްގައި ފިރިހެނުންނާ ފައި ހަމަކޮށް ކުރިއަށް ދިއުމަށް ފުރުސަތެއް ފަހިކޮށްދިނީ އެވެ.













