ލަންޑަން (އޭޕްރީލް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ކަރިމް ބެންޒެމާގެ ހެޓްރިކުން 3-1 އިން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް، ރެެއާލް މެޑްރިޑުން ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލިއިރު، ވިޔަރެއާލުން އަމިއްލަ ދަނޑުގައި 1-0 އިން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފި އެވެ.
މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ރެއާލް ހޯދި ފުރަތަަމަ މޮޅެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޗެލްސީން ވަނީ ރެއާލް ކަޓުވާލައިފަ އެވެ. މިރޭ، ޗެލްސީ ދަނޑުގައި ރެއާލުން ހޯދި މި މޮޅާ އެކު މިދިޔަ ސީޒަނުގެ މުބާރާތުގައި ވީ ބަލީގެ ބަދަލުހިފުމުގެ ހިތްހަމަަޖެހުން ރެއާލްގެ އޮންނާނެ އެވެ. ރޯދަ ވިއްލިތާ ކުޑައިރުކޮޅެއް ފަހުން، އުމުރުން 34 އަހަރުގެ ބެންޒެމާ މިރޭގެ މެޗަށް ނުކުމެ ތިން ގޯލު ޖެހިއިރު، އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ޗެލްސީ ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ބެންޒެމާ ވަނީ ފަހު ހާފުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. އަދި މިރޭ ޗެލްސީ ދަނޑުގައި 46 މިނިޓް ތެރޭ ބެންޒެމާ ހެޓްރިކް ހެދިއިރު، އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ނޮކައުޓް ބުރުގައި ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހެދި ދެ ވަނަ ކުޅުންތެރިޔާ އެވެ. ކުރިން އެކަން ހާސިލްކޮށްފައި އޮތީ ރެއާލްގައި ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ޗެލްސީގެ އަޒްޕްލިއަސެއްޓާ (މ) ކައިރިން ރެއާލްގެ ބެންޒެމާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
އަނިޔާ އިން ރަނގަޅުވެ ބެންޒެމާ ކުޅެން ނުކުތީ މި ހަފްތާގައި ސްޕެނިޝް ލީގުގައި ސެލްޓަ ވިގޯއާ ދެކޮޅަށެވެ. އެ މެޗުގައި ބެންޒެމާ ވަނީ ދެ ޕެނަލްޓީން ދެ ގޯލު ޖަހައިފަ އެވެ. މިރޭ ހެޓްރިކެއް ހެދިއިރު، މި ސީޒަނުގެ ބެލޮންޑިއޯ ލިބެން ޖެހޭނީ އޭނާ އަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ބެންޒެމާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 36 މެޗުން 37 ގޯލު ޖަހައި 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗު ފަށައިގެން ރެއާލަށް ލީޑުނަގައިދޭން ކައުންޓަ އެޓޭކެއްގައި ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ބެންޒެމާ ރެއާލަށް ލީޑުނަގައިދިނީ 21 ވަނަ މިނިޓްގައި ވިނީޝިއުސް ނެގި ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ގޯލު ޖެހިތާ ތިން މިނިޓް ވެސް ނުވަނިސް ލޫކަ މޮޑްރިޗް ނެގި ހުރަހަކުން ބެންޒެމާ ވަނީ ބޮލުން އިތުރު ގޯލެއް ޖަހައި، ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ.
ރެއާލުން ދެ ގޯލު ޖަހައި، ހަމަޖެހިލާން ފުރުސަތެއް ނުދީ ޗެލްސީން ފުލުފުލުގައި އެޓޭކްކުރަން ފެށި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 40 ވަނަ މިނިޓްގައި ޗެލްސީގެ ކައި ހަވާޓްޒް ބޮލުން ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދިނުމެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޒެމާ އަށް ވަނީ ތިން ވަނަ ގޯލެއް ޖަހައި ހެޓްރިކް ފުރިހަމަަކުރަން ފުރުސަތު ލިބިފަ އެވެ. އެކަމަކު، އޭރިއާތެރެއިން ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އެހެން ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 40 ވަރަކަށް ސިކުންތު ތެރޭގައި ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އާއި ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ހެދި ގޯހެއްގެ ފައިދާނަގައި، ބެންޒެމާ ވަނީ ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޗެލްސީ މި ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ. ހޮނިހިރު ދުވަހުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-1 އިން ބަލިވިއިރު، މިރޭ ރެއާލް އަތްދަށުވީ އެވެ. ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ އަންނަ ހަފްތާގައި މަދުވެގެން ތިން ގޯލުން ރެއާލް ދަނޑުގައި މޮޅުވެގެން، ނޫނީ ދެ ގޯލުގެ ފަރަގުން މެޗު ނިންމާލައި، ޕެނަލްޓީ އަށް ގޮސްގެން ކުރިހޯދައިގެންނެވެ.

ވިޔަރެއާލްގެ ޑަންޖޫމާ (ކ) އާއި ބަޔާންގެ އަލްފަންސޯ ޑޭވިސް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ
މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި ވިޔަރެއާލުން ބަޔާން ބަލިކުރިއިރު، މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އަށް ވަނަ މިނިޓްގައި ނެދަލެންޑްސްގެ ވިންގް އާނައުޓް ޑަންޖޫމާ އެވެ. ކުރިން އިންގްލެންޑްގެ ކްލަބް، ބޯންމައުތަށް ކުޅުނު ޑަންޖޫމާ އޭރިއާތެރެއިން މި ގޯލު ޖެހީ ވިޔަރެއާލްގެ މިޑްފީލްޑަރު ޑަނީ ޕަރޭހޯ ކުރި އެޓޭކެއްގައި ރަނގަޅު ވަގުތު ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
އުނާއި އެމެރީގެ ކޯޗުކަމުން ކުޅެމުން އަންނަ ވިޔަރެއާލުން މިރޭ ދެ ވަނަ ގޯލެއް ވެސް ޖެހި އެވެ. ވިޔަރެއާލްގެ ފްރާންސް މިޑްފީލްޑަރު ފްރާންސިސް ކޮކަލިން ޖެހި ގޯލު ބަލައިނުގަންނަން ނިންމީ އެ އެޓޭކަށް އޭނާ އެރިއިރު، އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. ކޮކަލިން އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.
ވިޔަރެއާލުން މިރޭ ބަޔާންގެ އެޓޭކްތައް ރަނގަޅަށް ޑިފެންސްކުރުމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން ތަޖުރިބާކާރު ޑިފެންޑަރު ރައުލް އަލްބިއޯލްގެ ކުޅުން ފާހަގަކުރަން ޖެހެ އެވެ. ވިޔަރެއާލަކީ މި ފަހަރު ޗެމްޕިއަންސް ލީގުގައި ބަޔާން ބަލިކުރި ފުރަތަމަ ޓީމެވެ.
އަންނަ ހަފްތާގައި ބަޔާންގެ ދަނޑު އަލިއާންޒް އެރީނާ އަށްދާއިރު، ވިޔަރެއާލަށް ލީޑެއް އޮތުމަކީ ހިތްހަމަޖެހުމެކެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ވިޔަރެއާލަށް ސެމީ އަށް ދެވޭނެ އެވެ. ބަޔާނަށް ދެ ގޯލުން މޮޅުވެގެން ވެސް ސެމީގެ ޖާގަ ހޯދޭނެ އެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު، ލިވަޕޫލުން ވަނީ ރަށުންބޭރުގައި 3-1 އިން ބެންފީކާ ބަލިކޮށްފަ އެވެ. މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެފަ އެވެ.












