ލަންޑަން (އޭޕްރީލް 6) - ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްގެ އަންހެނުން ސިސީ ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ މީޑިއާގައި އެ ވާހަކަތައް ދެކެވޭ ގޮތްގޮތަށް ނުބަލައި ޓުޗެލްގެ ފޯކަސް އޮތީ ޗެލްސީން ކުރިއަށް ކުޅެން ހުރި މެޗުތަކަށް ކަމަށް ބުނެފި އެވެ.
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ކުރެވޭ ހަނގުރާމައިގެ ސަބަބުން އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ ވިޔަފާރިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ޗެލްސީ އަށް ވެސް ވަނީ ކޮށްފަ އެވެ. އެކަމުގެ ތެރެއިން، ޗެލްސީގެ އިސް ފަރާތްތަކުގެ ދިރިއުޅުމުގެ ކަންކަމަށް ވެސް މީޑިއާ އިން އަންނަނީ ފާރަލަމުންނެވެ. އެ ގޮތުން، މި ފަހުން އިނގިރޭސި މީޑިއާގައި ހިނގާ އެއް ހަބަރަކީ ޗެލްސީ އުނދަގޫ ފައްތަރެއްގައި އޮއްވައި، އެ ޓީމުގެ ކޯޗު ޓުޗެލްގެ ކައިވެނި، ތޭރަ އަހަރަށް ފަހު ރޫޅުމުގެ މަގުމަތީގައި އޮތް ވާހަކަ އެވެ.
ޓުޗެލް އަށް މި ދިމާވެފައިވާ އުނދަގޫ ވަގުތުތަކުގެ ތެރެއިން ޗެލްސީގެ ނަތީޖާ އަށް ވެސް ވަނީ އަަސަރުކޮށްފަ އެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި 4-1 އިން ބްރެންޓްފޯޑް އަތުން ބަލިވި އެވެ. ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ނެރުނު އެންމެ ދަށް އެއް ނަތީޖާ އަށް ފަހު ދެން އެ ޓީމު ކުޅެން ޖެހޭ މެޗަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާ ބައްދަލުކުރާ މެޗެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް މެޗެއްގެ ތެރެއިން ޓީމަށް އިރުޝާދު ދެނީ.
"އަހަރެންގެ ދިރިއުޅުމުގައި ހުރިކަންކަން ވެސް ކުރިއަށްދާނެ. އެކަމަކު، މީޑިއާ ކުރިމަތީގައި އަހަރެންގެ ވަޒީފާ އަކީ އަހަރެންގެ ފޯކަސް އަކީ ޗެލްސީ. އެހެންވީމަ އަހަރެން މި ހުރީ ޗެލްސީއާ އެކު ކޮންމެ މެޗެއްގެ ޓާގެޓާ އެކު ކުރިއަށް ދިއުމުގެ ވިސްނުމުގައި،" ޗެލްސީ އަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ބްރެންޓްފޯޑް އަތުންވީ ބައްޔަކީ "ހަޖަމްކުރަން" އުނދަގޫ ކަމެއް ކަމުގައި ވިޔަސް މީގެ މުހިންމީ އެ މެޗުން ހެދުނު ގޯސްތަކުން ފިލާވަޅު ނަގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ބްރެންޓްފޯޑް މެޗަށް ކުޅުންތެރިން ނެގީ ރެއާލް މެޗަށް ވިސްނާފައި ކަމަށް ދެކެވޭ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
ޗެލްސީ އަތުން ޔޫރަޕްގައި ރެއާލަށް އަދި މޮޅެއް ނުހޯދެ އެވެ. މިހާތަނަށް ޗެލްސީން ރެއާލާ ދެކޮޅަށް ބަލިނުވެ، ފަސް މެޗު ނިންމާލިއިރު، އޭގެއިން ދެ މެޗަކީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ރެއާލް ކަޓުވާލިިއިރު ކުޅުނު މެޗުތަކެވެ.
ޓުޗެލް ބުނީ ރެއާލާ ދެކޮޅަށް މިރޭގެ މެޗަށް ނުކުންނަނީ މިދިޔަ އަހަރު މެޗުތަކަށް ބަލައިގެން ނޫން ކަމަށާއި މީގެ ވިސްނަން ޖެހޭނީ ރެއާލުން އެންމެ ފަހުން ކުޅެފައިވާ މެޗުތަކާ މި ވަގުތު އެ ޓީމުގެ ހާލަތަށް ކަމަށެވެ.
ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރެވިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޓުޗެލް ބުނީ މި މުބާރާތަކީ ކްލަބް ފުޓްބޯޅައިގައި ކާމިޔާބު ކުރަން އެންމެ އުނދަގޫ މުބާރާތް ކަމަށެވެ. އަދި ޗެލްސީން ވިސްނަނީ މެޗަކަށް ފަހު މެޗެއް ކުރިއަށް ދިއުމަށް ކަމަށްވާއިރު، މި ވަގުތު ވިސްނަނީ ހަމައެކަނި ރެއާލްގެ މެޗުތަކަށް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާއާ މެދު ޗެލްސީން ވިސްނަން ޖެހޭނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. މިރޭ ހަމަ އެ ވަގުތު ވިޔަރެއާލުން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ކުޅޭނެ އެވެ.












