ދެކުނަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްބާނަމުން ދިއުމާ ގުޅިގެން މިފްކޯއިން މަސްގަތުން ކޮންޓްރޯލްކޮށް ދޯންޏަކުން ފަސް ޓަނު ނަގަން ނިންމައިފި އެވެ.
މިފްކޯއިން ބުނީ ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުން ދާތީ، ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން މިއަދުން ފެށިގެން ދޯންޏަކުން ކިރަމުން ދާނީ ދުވާލަކަށް 5 ޓަނު ކަމަށެވެ.
އެގޮތުން މިދިޔަ އާދިއްތަ ދުވަހު 770 ޓަނުގެ މަސް އަދި އިއްޔެ 620 ޓަނުގެ މަސް ބާނައިގެން މަސްވެރިން އައިސް ތިބި ކަމަށެވެ. އެވެރެޖުކޮށް ދޯންޏަކަށް 12 ޓަނުގެ މަސް ބާނަމުންދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނުގެ މަސް ވަނީ ބާނާފަ އެވެ. އަދި، މިއަދު މިހާތަނަށް 510 ޓަނުގެ މަސް ބާނާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިހާލަތުގައި ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލެޓީގައި މަސް ގަނެ ބެހެއްޓުމަށް ބޭނުންވާތީ އިއްޔެ ކިޔުއަށް އެރި ދޯނިތަކުގެ މަސް ކިރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިއަދު ނެރުނު ބަޔާނުގައި މިފްކޯ އިން ބުންޏެވެ.
"މިހާރު ކިޔުގައި ތިބި ދޯނިފަހަރުގައި ހުރި މަސް ކިރާ، ފްރީޒް ކުރުމަށް ބޭނުންވާތީ މިއަދުން ފެށިގެން ކިޔުގައި ހުރި ކިޔުގައި ހުރި ދޯނިފަހަގެ މަސް މެނޭޖް ކުރެވެންދެން ނިންމާފައި ވަނީ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުމަށް،" މިފްކޯއިން ބުންޏެވެ.

ނަމަވެސް، ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކިޔު ނަމްބަރު ދީފައި ތިބި ދޯނިފަހަރުގެ މަސް ކިރާ ނިމެންދެން ކޮންޓްރޯލް ނެތި ނަގަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އަދި، ކޯލްޑު ސްޓޯރޭޖުތައް ފުރެމުންދާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއާ ބޯޓުތައް ގެނެސްގެން ލޯޑުކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހަމައެހެންމެ، ދެކުނުގެ މަސް ގަންނަ ފްލީޓާ ގުޅުމަށް 100 ޓަނުގެ މަސް ގަނެވޭ "ޖަޒީރާ 102" ބޯޓު މާދަމާ ކޫއްޑޫ ބަނދަރަށް ވަންނާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.












