މެޗު ޝެޑިއުލާ ބެހޭގޮތުން ފެސްކޯގެ އިލްތިމާސެއް އެފްއޭއެމަށް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފެސްކޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފެސްކޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ދެ ވަނަ ބުރުގައި މި މަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭގެ ކްލަބް ވެލެންސިއާއާ ކުޅެން ޖެހޭ މެޗުގެ ކުރިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ މެޗެއް ވެލެންސިއާ އިން ކުޅެން ޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށްދޭތޯ އެފްއޭއެމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އިލްތިމާސެއް ކޮށްފި އެވެ.

ވެލެންސިއާ އިން އޭއެފްސީ ކަޕް ކޮލިފައިން ދެ ވަނަ ބުރުން ޖާގަ ހޯދީ ރޭ ގަލޮޅު ދަނޑުގައި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ އަތުން އިތުރު ވަގުތުގެ ދެ ހާފް، 120 މިނިޓް ކުޅެގެން 2-1 އިން މޮޅުވެގެންނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ކޯޗު ފެސްކޯ ބުނީ ހަގީގަތުގައި މިއީ ވެލެންސިއާ އަށް އެކަނި ލިބުނު ކާމިޔާބެއް ނޫން ކަމަށެވެ. އޭނާގެ ގަބޫލުކުރުމަކީ "މިއީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ކާމިޔާބެއް" ކަމަށެވެ.

ވެލެންސިއާ އިން ރޭގެ މެޗުގައި ކުޅުނުއިރު، ރޯދަ ވަރުބަލިކަން އިހުސާސްކުރެވުނުތޯ ކުރެވުނު ސުވާލަށް ދިން ޖަވާބުގައި ފެސްކޯ ބުނީ އެ ވާހަަކަ އަށް ވުރެ ބޮޑަށް އޭނާ ދައްކަން ބޭނުންވާ ވާހަކަ އަކީ ރޯދަ ވަރުބަލިކަމާއި ވެލެންސިއާ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތައް ވެސް ފުނިޖެހިފައި އޮތް ދަނޑިވަޅެއްގައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭ ގޮތަށް ޝެޑިއުލްގައި އޮތްއޮތުމާ ބެހޭގޮތުންނެވެ.

މިހާރު އޮތްގޮތުން ވެލެންސިއާ އިން ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާ ކުޅެން ޖެހޭނެ އެވެ. ފެސްކޯ ބުނީ ޓީސީ މެޗު ކުޅޭ ގޮތަށް ދެން ވެލެންސިއާ އިން ޖެހެނީ އެއް ދުވަސްތެރޭ ބަންގްލަދޭޝްގެ ދަތުރު ފަށަން ކަމަށެވެ.

"ނުވަ ވަނަ ދުވަހު ދަތުރުކުރަން ފަށްޓަން އެބަޖެހޭ. ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރުގެ ޓްރެވަލިންއެއްގެ (ބަންގްލަދޭޝަށް ކުރާ ދަތުރުގެ) ވާހަަކަ އަޅުގަނޑުމެން މި ދައްކަނީ. އެ އަށް ފަހު 12 ވަނަ ދުވަހު މެޗު އިންނާނީ،" ފެސްކޯ ބުންޏެވެ.

"ޓްރެވަލިން އަކީ ވަރަށް ލޯޑް. ހަގީގަތުގައި މި ވަރުގެ މެޗެއް ކުޅުމޭ އެއް ވަރަށް ލޯޑް ނަގާ ކަމެއް. ޓްރެވަލިން އަކީ. ދެން ގޮސްފައި، ގާތްގަނޑަކަށް އެއް ދުވަސް، 24 ގަޑިއިރު ފަހުން އެބަޖެހޭ އަނެއް މެޗު ކުޅެން. އެއީ އުނދަގޫ ސިޓުއޭޝަނަކަށް ވާނެ. އޭގެ ބަދަލުގައި އަޅުގަނޑުމެން މި ޕީރިއަޑް ތެރޭގައި ރެސްޓްކުރެވޭނެ (އަރާމް ކުރެވޭނެ) ކަހަލަ އެހެން ކަހަލަ އިންތިޒާމެއް އެފްއޭގެ ފަރާތުން ނޫނީ ލީގު އޮގަނައިޒްކުރާ ފަރާތުން ހަދާލައި ދެއްވިއްޔާމު އެއީ ޓީމަށް ލިބޭނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެ،"

ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ރޭގެ މެޗުގައި ކުޅުނު ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވެސް ފެސްކޯ ދެއްކި ވާހަަކަ އަށް އެއްބަސްވެ އެވެ. ތޮލާލް ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު، ރޯދައިގެ ތެރެއިން ދަތުރެއް ކޮށްފައި، ރިކަވަރީ ދުވަސް މަދުކޮށް އޮވެފައި އިންޓަނޭޝަނަލް މެޗު އެންމެ ރަނގަޅަށް ކުޅުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް، އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވުމުގެ އުންމީދު އެބައޮތް ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ. ރޭގެ މެޗުގައި ބަދަަލަކަށް ދެ ވަނަ ހާފްގައި ކުޅެން އެރި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އިސްމާއިލް އީސާ (މެސީ) އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައިސް ދައްކަމުން އަންނަ ހިތްވަރު ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުޅުންތެރިންގެ ފިޓްވަމުން އަންނަ ވަރަކަށް ވެލެންސިއާގެ ކުޅުން ވެސް ރަނގަޅުވާނެ ކަމަށް ފެސްކޯ ބުނެފައިވެ އެވެ.

ޕަރޯ އިން ރޭގެ މެޗުުގައި ވަނީ ވެލެންސިއާ ކައިރިން ރަނގަޅަށް ކުޅެފަ އެވެ. ލިބުނު ފުރުސަތުތައް ގޯލަށް ހަދައިލިނަމަ ޕަރޯ އަށް އަނެއް ބުރުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕުޝްޕާލާލް ޝަރްމާ ވެސް ވަނީ ބުނެފަ އެވެ.

ފެސްކޯ ބުނީ މެޗަށް ތައްޔާރުވިއިރު، ވެލެންސިއާ އިން ޕްލޭންކުރި ގޮތަށް ގިނަ ކަންކަން ދިޔަ ކަމަށެެވެ. އެކަމަކު، ބައެއް ކަންކަން ބޭނުންވި ލެވަލަށް ނުހުރުމުން އުނދަގޫތަކެއް ދިމާވި ނަމަވެސް ޖުމްލަކޮށް މެޗުގެ ކޮންޓްރޯލް އޮތީ ވެލެންސިއާ އަތުގައި ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

ކޮލިފައިން ދެ ވަނަ ބުުރުގައި ވެލެންސިއާ އިން އަބަހާނީއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްލޫ ސްޓާ އިން ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދީ އިއްޔެ ނޭޕާލްގެ މަޗިންދުރަ އަތުން ކަތުމަންޑޫގައި 2-1 އިން މޮޅުވެގެންނެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެކު އޭއެފްސީ ކަޕްގެ މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 18-24 އަށެވެ.

ވެލެންސިއާ އިން އެންމެ ފަހުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނީ މީގެ 13 އަހަރު ކުރިންނެވެ. ވެލެންސިއާ އިން 2017 ވަނަ އަހަރުގެ ކޮލިފައިންގައި ވާދަކޮށް ކެޓީ ޕްލޭއޮފް ސްޓޭޖުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox