އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަަތަމަ ބުރުގައި މިރޭ ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީއާ ދެކޮޅަށް އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން މޮޅުވެ، ރާއްޖޭގެ ކްލަބް ވެލެންސިއާ އިން ކޮލިފައިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދައިފި އެވެ.
ކޮލިފައިން ދެ ވަނަ ބުރުގައި މި މަހު 12 ވަނަ ދުވަހު ވެލެންސިއާ ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެ މެޗު ކުޅޭނީ ބަންގްލަދޭޝްގަ އެވެ.
މިއީ ވެލެންސިއާ އިން މިދިޔަ މަހު 19 ވަނަ ދުވަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ކުޅުނު މެޗަށް ފަހު މިވީ 15 ދުވަސް ފަހުން ކުޅުނު ފުރަތަަމަ މެޗެވެ. ވެލެންސިއާ އިން ލީގުގެ ފުރަތަމަ ބުރަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ކުޅުނު އެކުވެރި ކަމުގެ މެޗަށް ޓީމަށް ބްރޭކެއް ދޭން ޕްރެކްޓިސް މެދުކަނޑާލުމަށް ފަހު އަލުން ފެށީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ.
ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނީ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ވެލެންސިއާގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް މި ވަގުތު ހުރީ އަމިއްލަ ސަަަބަބަކާ ހުރެ ޓީމާ ދުރުގަ އެވެ. ވެލެންސިއާ އިން ފުރަތަމަ ނިންމީ ބިދޭސީ ކުޅުންތެރިން ނުލައި މިރޭގެ މެޗު ކުޅޭށެވެ. އެކަމަކު، ފަހުން ނިންމީ ސްޕެއިނުގެ ފޯވާޑް ބޯހާސް މާޓިން އާއި ސްޕެއިންގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ފުރަތަމަ އެގާރައިގައި ހިމަނައިގެން މެޗު ފަށާށެވެ.

މެޗުގެ ފެށުމުގެ ކުރިން ސްޕެއިންގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ވޯމްއަޕްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗު ފަށައިގެން މިނިޓެއް ނުވަނިސް ޕަރޯ އިން އެޓޭކެއް ކުރި އެވެ. އެ ޓީމުގެ އަރިމަތިން ކުޅޭ ފޫބް ތިންލޭ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ވެލެންސިއާގެ ބޯހާސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޕަރޯ އިން އެ ޓީމުގެ ކުރިއަށް ކުޅޭ މެކްސްވެލް އެލޮން އަށް ދީގެން އެޓޭކް ކުރަން މަސައްކަތް ކުރަމުން ދިޔައިރު، މެޗުގެ 12 ވަނަ މިނިޓްގައި އެލޮން ނެގި ހުރަހަކުން ގޯލު ކުރިމަތީގައި ހުރި ޕަރޯގެ ކިންގާ ވަންޗުކް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ވެލެންސިއާ އިން ޕަރޯ އޭރިއާތެރޭގައި ކުރި ފުރަތަމަ ރަނގަޅު އެޓޭކްގައި ލީޑުނެގި އެވެ. މިއީ މެޗުގެ 18 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު) ޖެހި ގޯލެކެވެ. ބޯހަސް އޭރިއާތެރެއިން ކޮންޓްރޯ ކޮށްލި ބޯޅަ ލިބުނީ ޔާނު އަށެވެ. ޔާނު ހަމަޖެހިލާފައި ފޮނުވާލި ބޯޅަ ޕަރޯގެ ކީޕަރު ގްޔެލްސްޓެން ޒަންގްޕޯ ބޯމަތިން އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މިއީ ކްލަބް ލެވަލްގައި ޔާނުގެ ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ.

ލަނޑު ޖެހުމަށް ފަހު ވެެލެންސިއާގެ ޔާނު އާއި ފައިޓޯ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޕަރޯ އިން ކުޅުން ރަނގަޅުކޮށް މެޗުގެ 27 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. ފުލުފުލުގައި ހޯދި ދެ ވަނަ ކޯނަރުގައި ޕަރޯގެ ގޯލު ޖެހީ އެލޮން އެވެ. ޕަރޯގެ ފޫބް ނަގައިދިން ކޯނަރަކުން އެލޮން ފުއްމައިގެން އަރައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ޕްރެޝަރެއް ނެތި އެވެ. އޭގެ ހަ މިނިޓް ފަހުން އޭރިއާތެރެއިން އެލޮން ބޮލުން ޖެހި ނުރައްކާތެރި ބޯޅަ ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ލީޑެއް ނަގަން ވެލެންސިއާ އިން އަވަސްވެގަތެވެ. އަދި ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. ޕަރޯ އޭރިއާތެރެއިން ބޯހާސް އަށް ލިބުނު ބޯޅަ ފޮނުވާލަން ވަގުތު ލިބުނު ނަމަވެސް ލަސްކޮށްލުމުން އޭނާ ޖެހި ޝޮޓް ޕަރޯ ޑިފެންޑަރު ވަނީ ބްލޮކްކޮށްފަ އެވެ.
ވެލެންސިއާ އިން ދެ ވަނަ ހާފަށް ނުކުތީ ދެ ބަދަލެއް ގެނެސްގެންނެވެ. އެއީ ހުސެއިން ހަނާން (ޖޯ) އާއި އިސްމާއިލް ޒާން އާމިރުގެ ބަދަލުގައި އިސްމާއިލް އީސާ (މެސީ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކުޅެން އަރުވައިގެންނެވެ. މިއީ ޓެކްޓިކަލީ ގެނައި ދެ ބަދަލެވެ. ފުރަތަމަ ހާފުގެ ތެރެއިން ހުސެއިން ފައިސަލް (ފައިޓޯ) އަށް އަނިޔާވެގެން ވެލެންސިއާ އިން ވަނީ ޔޫސުފް ރަމީޒް (ރަމީ) ކުޅެން އަރުވައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭ ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ގޯލަަށް ފޮނުވާލަން އެރި ޑޮމިންގޭޒް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޕަރޯގެ ޔެޝީ ޑޯޖީ އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން ދިޔަ ބޯޅަ އޭރިއާތެރެއަށް ވަދެ ފޮނުވާލުމުން ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.

ޕަރޯ ދެ ކުޅުންތެރިން ކައިރިން ވެލެންސިއާގެ ބިޗަޑް (މ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގެ 67 ވަނަ މިނިޓްގައި ވެލެންސިއާގެ ބޯހާސް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ބޯހާސް އަށް އެ ބޯޅަ ދޭން ހުސްވިއިރު، ޔާނު ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެ ގޯލު ބަލައިނުގަނެ އެވެ. އޭގެ ދެ މިނިޓް ފަހުން ޔާނު ނެގި ހުރަހެއް ޕަރޯ ކުޅުންތެރިއަކު އަތުގައި ޖެހުމުން ވެލެންސިއާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު، ސިންގަޕޫރުގެ ރެފްރީ އަހްމަދު އަގާޝާ ނިންމީ ޕެނަލްޓީ ނުދޭށެވެ.
ޕަރޯ އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަހަން އެންމެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ޔެޝީ އޭރިއާތެެރެއިން ހުސްކޮށްލާފައި އެލޮން އަށް ދިން ބޯޅަ ޖަހަން އެރި ނަމަވެސް ފައިގައި ލައްވާލާގޮތެއްނުވި އެވެ. އޭގެ ހަ މިނިޓް ފަހުން ޕަރޯގެ ސްޓެފާން ޑޭންގް އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅަ ކީޕަރު ޓޮޕްލަކް މަތަކުރިއިރު، ރީބައުންސް ބޯޅަ އެހެން ކުޅުންތެރިއަކަށް ލިބުމުގެ ކުރިން އަތަށް ނެގި އެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ވެލެންސިއާ އިން ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. ބޯހާސް ހުސްކޮށްލާފައި އޭރިއާތެރެއިން ޔާނު އަށް ދިން ބޯޅަ ފޮނުވާލި ނަަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ވެެލެންސިއާގެ ގިނަ ކުޅުންތެރިންގެ ފަރާތުން ދެ ވަނަ ހާފުގައި ވަރުބަލިކަން ފެނިގެންދިޔައިރު، އެ ޓީމުގެ ފަހަތަށް ދާ ބޯޅަތަކުގައި ދިޔައީ ޕަރޯ އަށް ފުރުސަތު ލިބެމުންނެވެ. އެ ގޮތުން މެޗުގެ 85 ވަނަ މިނިޓްގައި ވެލެންސިއާގެ އަލީ ސަމްދޫހް މުހައްމަދު (އައްޔަ)ގެ ފަހަތަށް ދިޔަ ބޯޅައެއް ހޯދައި، ޕަރޯގެ ޔެޝީ ވޮލީ އަކުން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ ކުޅުން 90 މިނިޓް ނިމުނުއިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ވެލެންސިއާގެ ޔާނު ހުސްކޮށްލާފައި ބިޗަޑަށް ދިން ބޯޅަ ފޮނުވާލިއިރު، ޕަރޯ ކީޕަރު ޒަންގްޕޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އީސަ ހިލޭ ޖެހުމަކުން ނެގި ބޯޅަ ޑޮމިންގޭޒް ބޮލުން ފޮނުވާލުމުން ވެސް ކީޕަރު ޒަންގްޕޯ ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ބޯހާސް އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވެލެންސިއާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 100 ވަނަ މިނިޓްގަ އެވެ. ޔާނު ހުސްކޮށްލާފައި ނެގި ބޯޅަ ކީޕަރު ޒަންގްޕޯ އަތްމަތިން ވެއްޓުނު ވަގުތު ބޯހަސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ވެލެންސިއާ އިން ފަހަތަށް ޖެހިގެން ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެން ފެށި އެވެ. ޕަރޯ އިން އެއްވަރުކުރެވޭތޯ ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކުރި ނަމަވެސް ގޯލަށް ޖެހޭގޮތެއްނުވި އެވެ.
ވެލެންސިއާ އިން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވަނީ ބޫޓާންގެ އޭރުގެ ޗެމްޕިއަން ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. އެ ފަހަރު ވެލެންސިއާ އިން ކޮލިފައިން ދެ ވަނަ މެޗުގައި އިންޑިއާގެ މޯހަން ބަގާން އަތުންވީ ބައްޔެވެ.
މި ފަހަރުގެ ކޮލިފައިން ދެ ވަނަ ބުުރުގައި ވެލެންސިއާ އިން އަބަހާނީއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްލޫ ސްޓާ އިން ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދީ މިއަދު ނޭޕާލްގެ މަޗިންދުރަ އަތުން ކަތުމަންޑޫގައި 2-1 އިން މޮޅުވެގެންނެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެކު އޭއެފްސީ ކަޕްގެ މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 18-24 އަށެވެ.













