ހުޅުމާލޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން, 59, މަރާލި ކަމުގެ ދައުވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތު ކުރަން ވެގެން ދައުލަތުން ހުށަހެޅި މުހިންމު ހެއްކެއް ރާއްޖޭން ބޭރުގައި ހުރިކަން އެނގިއްޖެ އެވެ.
އދ. މާމިގިއްޔަށް އުފަން ޑްރައިވަރު ގާސިމް މަރާލި ކަމަށް އަދުހަމް ވަނީ ޝަރީއަތުގައި އިއުތިރާފް ވެފަ އެވެ. ނަމަވެސް، އެ ކަން ކުރީ ގަސްތުގައި ނޫން ކަމަށް އަދުހަމް ބުނާތީވެ، މިހާރު ކުރިއަށް ދަނީ ގަސްތު މަރު ސާބިތު ކުރުމުގެ މަރުހަލާ އެވެ.
ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އަދުހަމްގެ އަދަބު ލުއި ކޮށްދޭން އެދުނު ނަމަވެސް މައްސަލަ އާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތް ކުރިއަށް ގެންދަން ނިންމަވައިފަ އެވެ.
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދެ ހެއްކެއް ހާޒިރު ކުރަން ނިންމާފައިވެ އެވެ. އެއިން އެއް ހެއްކަކީ ހުޅުމާލޭގެ ކެފޭ ހައެއް ނަމަކަށް ކިޔާ ކެފޭއެއްގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. އަދުހަމް ގާސިމަށް ހަމަލާ ދިން ވަޅި އަކީ އެ ކެފޭއިން ނެގި ވަޅިއެކެވެ.
މިއަދު ޝަރީއަތަށް ހާޒިރުވީ އެ ހެކިވެރިޔާ ބުނި ގޮތުން އެ ކެފޭގައި މަސައްކަތް ކުރާ އެހެން ބިދޭސީއަކަށް އޭނާ ވަޅިއެއް ދިނެވެ. އެއީ މަސް ކަނޑަން ވަޅިއެއް ބޭނުންވާތީ ކަމަށް ބުނުމުންނެވެ. އެކަމަކު ފަހުން އެ ބިދޭސީ މީހާ ވެސް އަދި ވަޅި ވެސް ފެނިފައި ނުވާ ކަމަށް ބުންޏެވެ.

ފަހުން ދައުލަތުގެ ވަކީލު މުހައްމަދު ނާސިހް ވިދާޅުވި ގޮތުގައި ވަޅި ލިބުނު ކަމަށް އެ ބުނާ އިންޑިއާގެ ހާޝިމް ހަނީފް އަކީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެއްކެކެވެ. ނަމަވެސް، އެ މިހާ މިހާރު އިންޑިއާއަށް ޑީޕޯޓު ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އަދުހަމް އެ ވަޅި ހޯދީ ހާޝިމް ހަނީފް އަތުން ކަމެއް އަދި ސާފެއް ނޫނެވެ. ކޯޓަށް ހާޒިރު ކުރި ބިދޭސީ މީހާ ވަޅި ދިނީ ހާޝިމް ހާނިފް އަތަށެވެ. އޭނާއަށް އަދުހަމް ފެނިފައެއް ނުވެ އެވެ. އަދި، ފަހުން ވަޅި އަނބުރާ ގެނެސްފައި ނުވާތީ އެ ކަމާއި އެ ވަރަށް އުޅެފައި ނުވާނެ ކަމަށް ހެކިވެރިޔާ ބުނެފައިވެ އެވެ.
އަދުހަމަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެކެވެ. އޭނާ ޝަރީއަތަށް ކިޔައިދިން ގޮތުގައި ގާސިމް މަރާލި ދުވަހު ވެސް ހެނދުނުން ފެށިގެން އޭނާ އުޅުނީ މަސްތުވާތަކެތި ގަންނަން ފައިސާ ހޯދުމަށެވެ. ހަވީރު ވަގުތު ކެފޭއަކުން ވަޅިއެއް ނެގީ ވެސް ބިރު ދައްކައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
ދައުލަތުން މިއަދު ހާޒިރު ކުރަން މަސައްކަތް ކުރި އެހެން ހެކިވެރިޔަކު ވެސް ޝަރީއަތަށް ހާޒިރެއް ނުވެ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ދެން އޮންނަ އަޑުއެހުމަކަށް އެ ހެކި ހާޒިރު ކުރަން މަސައްކަތް ކުރާނެ އެވެ. މިއަދު ހާޒިރުވާނެ ކަމަށް އެ ހެކިވެރިޔާ ކުރިން ބުނި ނަމަވެސް އިއްޔެއާއި މިއަދު ހެކިވެރިޔާއަށް ނުގުޅޭ ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.
އޭގެ އިތުރުން ގާސިމްގެ ހަށިގަނޑު ތަހުލީލުކޮށް، މެޑިކޯ ރިޕޯޓްއަކާއި ޑެތު ސަމަރީ ރިޕޯޓް ތަހުލީލު ކުރި ޑޮކްޓަރު ވެސް ރާއްޖޭން ބޭރުގައި ހުރި ކަން ދައުލަތުން ފާހަގަކުރި އެވެ. އެހެންކަމުން ހެއްކެއްގެ ގޮތުގައި މަރާ ގުޅުން ހުރި ހާއްސަ ރިޕޯޓްތައް ތައްޔާރު ކުރި ޑޮކްޓަރު ވެސް ހާޒިރު ކުރެވިފައެއް ނުވެ އެވެ.
މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު އެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު ހެނދުނާއި، 14 ވަނަ ދުވަހު ހެނދުނު ވެސް އަޑުއެހުމެއް ބާއްވަން ތާވަލު ކޮށްފައިވެ އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. ގާސިމް މަރާލި ކަމަށް ފުރަތަމަ އެއްބަސްވެފައި އޭނާ ފަހުން ކުށަށް އިންކާރު ކުރެ އެވެ. އެ ފަހުން ދައުލަތުގެ ޚަރަދުގައި އޭނާއަށް ދިފާއީ ވަކީލަކު ވެސް ހަމަޖައްސާފައި ވަނިކޮށް އަލުން ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް، އަދުހަމް ބުނަނީ ގާސިމް މަރުވީ އޭނާގެ އަތުން ފޭރެން އުޅެނިކޮށް އޮޅިގެން ކަރަށް ވަޅި ހެރިގެން ކަމަށެވެ. އަދި، އެ ވަގުތު ހުރީ މަސްތުވާތަކެތި ބޭނުން ކޮށްގެން ކަމަށް ވެސް އަދުހަމް ބުނެ އެވެ.













