މާލޭގައި ކޮވިޑް ސާމްޕަލް ނަގާ އެހެން ސެންޓަރުތައް ބަންދުކޮށް، ސެނަހިޔާއިން އެކަނި ސާމްޕަލް ނަގާ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެ އެޖެންސީން ރޭ ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ދެން ކޮވިޑަށް ސާމްޕަލް ނަގާނީ ސެނަހިޔާއިން އެކަނި ކަމަށެވެ. އަދި، ދަރުބާރުގެ އާއި މީގެ ކުރިން މާލޭގައި ހިންގަމުންދިޔަ އެހެން ހުރިހާ ސެންޓަރެއް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ސެނަހިޔާގައި ކޮވިޑަށް ސާމްޕަލް ނަގާނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެެ އެހެން ހުރިހާ ދުވަހަކު ހެނދުނު 9 އިން ރޭގަނޑު 11 އާ ހަމަޔަށެވެ.
ގިނަ ސާމްޕަލް ސެންޓަރުތައް ބަންދުކުރަން ނިންމާފައިވަނީ މާލެ ސަރަހައްދުގެ ކޮވިޑް ކޭސްތައް އިންތިހާއަށް ދަށަށް ގޮސްފައިވާތީ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މާލޭގެ އިތުރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ހިންގަމުންދިޔަ ސާމްޕަލް ސެންޓަރު ވެސް އެޗްޕީއޭއިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބަންދުކޮށްފަ އެވެ.
ހުޅުމާލޭގައި މިހާރު ސާމްޕަލް ނަގަނީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލުންނެވެ. ވިލިމާލޭގައި އޮޕަރޭޓްކުރާ ފްލޫ ކްލިނިކުން އަދިވެސް ކޮވިޑަށް ސާމްޕަލް ނަގައިދޭނެ އެވެ.

މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑު ބަލި ފެތުރުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ މާލޭގައި ގިނަ ސާމްޕަލް ކަލެކްޝަން ސެންޓަރުތަަކެއް އޮޕަރޭޓްކޮށްފަ އެވެ. އެއީ ސޯޝަލް ސެންޓަރާއި، ހެންވޭރު ސްޓޭޑިއަމާއި، އަޑިޕާކުގައި ހިންގި ސެންޓަރުގެ އިތުރުން ސެނަހިޔާ ސެންޓަރެވެ. އޭގެ ފަހުން ދަރުބާރުގެއިން ވެސް ސާމްޕަލް ނެގޭ ގޮތް ހަމަޖެއްސި އެވެ.
ނަމަވެސް، އޭގެ ފަހުން ކޮވިޑުގެ އަދަދުތައް ދަށްވެ، ވެކްސިން ޖެހި މީހުންގެ އަދަދު އިތުރުވުމާއެކު، މީގެ ދެ އަހަރު ކުރިން ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ކޮވިޑުގެ ގިނަ ފިޔަވަޅުތަކަކަށް ވެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ސަރުކާރުން ވަނީ ލުއި ދީފަ އެވެ.
މާލޭގައި ސެނަހިޔާ ފިޔަވައި އެހެން ހުރިހާ ސާމްޕަލް ސެންޓަރެއް ބަންދުކުރިއިރު، މާލޭގެ ކޮވިޑް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ހުރީ ހަތަރު ޕަސަންޓުގަ އެވެ. ރާއްޖޭގެ ކޮވިޑް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ހުރީ 11 ޕަސަންޓުގަ އެވެ.












