އޭއެފްސީ ކަޕްގެ ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މާދަމާރޭ ރާއްޖޭގެ ވެލެންސިއާއާ ދެކޮޅަށް މާލޭގައި ކުޅޭއިރު، ބޫޓާންގެ ލީގު ޗެމްޕިއަން ޕަރޯ އެފްސީން ހިތްވަރު ހޯދާނީ މީގެ ކުރިން ބޫޓާން ގައުމީ ޓީމު ރާއްޖޭގައި ދައްކާފައިވާ ރަނގަޅު ކުޅުމުން ކަމަށް ޕަރޯގެ ކޯޗު ޕުޝްޕާލާލް ޝަރްމާ ބުނެފި އެވެ.
މާދަމާރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕުޝްޕާލާލް ބުނީ އެންމެ ބޮޑު ޗެލެންޖަކީ މި ލެވެލްގެ ތަޖުރިބާ ޓީމުގައި ނެތުން ކަމަށެވެ.
ޕުޝްޕަލާލް ބުނީ އާންމުކޮށް ބޫޓާންގެ ޓީމްތައް ރާއްޖޭގައި ކުޅޭއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ރާއްޖޭގެ މޫސުން ކަމަށެވެ. މިހާތަނަށް ކުޅުނު ގިނަ މެޗު ހަވީރު ކުޅުނު ކަމުގައި ވިޔަސް މާދަމާގެ މެޗު ރޭގަނޑު ކުޅޭތީ އެ ކަމުން ޓީމަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ޕުޝްޕާލާލްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ޓީމުތައް ކޮޅަށް ބޫޓާނަށް މާލޭގައި މޮޅެއް ނުހޯދޭ އެންމެ ބޮޑު އެއް ސަބަބަކީ "މެންޓަލީ ވަރުގަދަ" ނުވުންކަން ފާހަގަކޮށް، ޕުޝްޕާލާލް ބުނީ އޭނާ ވެލެންސިއާއާ ދެކޮޅަށް ތައްޔާރުވާން ހިތްވަރު ހޯދާނީ ކުރިން ރާއްޖޭގައި ބުޓާނުން ކޮށްފައިވާ ރަނގަޅު ތަޖުރިބާތަކުގެ ހަނދާނުން ކަމަށެވެ. އެ ގޮތުން ޕުޝްޕާލާލް ހިމެނިގެން ބޫޓާން ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު އެއީ ރަނގަޅު ހަނދާނެއްގެ ގޮތުގައި ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ބައެއް ކުޅުންތެރިން އެބަތިބި ގަލޮޅު ދަނޑަށް ފަރިތަ. މި ދަނޑުގައި ކުޅެފައި ތިބި. އެހެންވީމަ އެކަމުގެ ސަބަބުން ފައިދާ ކުރާނެ. 2008 ވަނަ އަހަރުގެ ސެމީ ފައިނަލަކީ އަހަރެމެންނަށް ރަނގަޅުވާނެ މެޗެއް ހަނދާން ކުރަން. ދެން، އަހަރެން ފާހަގަކުރާނީ އެންމެ ކަމެއް، އަހަރެމެން އެބަޖެހޭ މި ނުކުންނަ ޗެލެންޖާ އެއްވަރަށް މެންޓަލީ ވަރުގަދަވާން. އޭރުން ނަތީޖާއެއް ނެރެވޭނީ،" ކުރިން ބޫޓާންގެ ގޯލު ބެލެހެއްޓި ކީޕަރު، ޕުޝްޕާލާލް ބުންޏެވެ.
ކޮވިޑްގެ ސަބަބުން ބޫޓާންގެ ފުޓްބޯޅަ އަށް ބޮޑު އަސަރެއް ކޮށްފައިވާއިރު، މިދިޔަ އަހަރު ބޫޓާން ލޮކްޑައުންކޮށްފައި އޮތުމުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ބޫޓާންގެ ގައުމީ ޓީމަކަށް ނުކުޅެވެނެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ އީގަލްސް އިން ވަނީ ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ލޮކްޑައުންގެ ހާލަތުގައި އެ މެޗު ކުޅެން ހުއްދަ ދިނީ ސިއްހީ ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިންނެވެ.
މި ފަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވާން ޕަރޯ އަށް މާ ރަނގަޅު ޕްރެކްޓިސް ތަކެއް ވެސް ނުކުރެވުނެވެ. ހަ ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ފަރިތަކުރުންތައް ގެންދެވުނުއިރު، ކޮލިފައިން މެޗަށް ރާއްޖެ އައުމުގެ ކުރިން ޕަރޯ އެފްސީން ވަނީ ހަފްތާއެއްހާ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ޕްރެކްޓިސްތަކެއް ކޮށްފަ އެވެ. އަދި ސުދޭވާ ދިއްލީ އެފްސީއާ އެކު މެޗުތަކެއް ވެސް ވަނީ ކުޅެފަ އެވެ.
ވެލެންސިއާއާ ބެހޭ މައުލޫމާތު ޕަރޯއިން އެއްކޮށްފައިވޭ
ވެލެންސިއާއާ ބެހޭ މައުލޫމާތު އެކަށީގެންވާވަރަށް ލިބިފައިވޭތޯ އެހުމުން ޕުޝްޕާލާލް ބުނީ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާކަން އެނގޭ ކަމަށާއި އެ މުބާރާތާއި ރާއްޖޭގެ ލީގުގައި ވެލެންސިއާ ކުޅެފައިވާ މެޗުތަކުގެ ވީޑިއޯ ބަލާފައިވާ ކަމަށެވެ.
އޭނާ ބުނީ ވެލެންސިއާގެ ބިދޭސީ ކުޅުންތެރިންތަކުގެ ތެރެއިން ސްޕެއިނުގެ ފޯވާޑް ބޯހާސް މާޓިން، މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އަދި ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށެވެ.
"ވެލެންސިއާ އަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާކަން ވެސް އެނގިފައިވޭ. އެކަމަކު، އަހަރެމެން މި މެޗަށް ނުކުންނާނީ ވެލެންސިއާގެ ކޮންމެ ޓީމެއް ނުކުތަސް ވަރުގަދަވާނެ ކަމަށް ބަލައިގެން. އަހަރެމެން ނަތީޖާއެއް ނެރޭ ކަމަށްވާނަމަ ވަރަށް ރަނގަޅަށް ކުޅެގެން ނޫނީ މި ކަމެއް ނުވާނެ،" ޕުޝްޕާލާލް ބުންޏެވެ.
ޕަރޯ ޓީމުގެ ކެޕްޓަން ވަންޗުކް ބުނީ ދިއްލީގައި ކުރި ތަމްރީންތަކުގެ ސަބަބުން ރާއްޖޭގެ މާހައުލަށް ހޭނެން ކުޅުންތެރިންނަށް ފަސޭހަވާނެ ކަމަށެވެ. އަދި އުންމީދަކީ މާދަމާރޭ ވެލެންސިއާ އަތުން ރަނގަޅު ނަތީޖާ އެއް ނެރުން ކަމަށެވެ.
މިއީ ޕަރޯ އެފްސީން އޭއެފްސީ ކަޕްގައި ކުޅޭ ދެ ވަނަ ފަހަރެވެ. އެ ޓީމުން 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނުއިރު، ޕްރިލިމިނަރީ ދެ ވަނަ ބުރުން ފުރުސަތު ހޯދި އެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ޕަރޯ އާއި ލަންކާގެ ޑިފެންޑާސް އެފްސީ ކުޅުނު މެޗުގެ ދެ ލެގު ނިމުނީ 5-5 އިންނެވެ. ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެން ޕަރޯ ވަނީ ޕްރިލިމިނަރީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު، ދެ ވަނަ ބުރުގައި އިންޑިއާގެ ވަރުގަދަ ބެންގަލޫރާ ކުޅެން ޖެހި ޕަރޯ ބަލިވީ 10-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ވެލެންސިއާ އާއި ޕަރޯ މާދަމާރޭ ވާދަކުރާއިރު، މި މެޗުން މޮޅުވާ ޓީމެއް ޕްރިމިލިނަރީ ކޮލިފައިންގެ ދެ ވަނަ ބުރުގައި ނުކުންނާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގަ އެވެ. އެ މެޗު އޮންނާނީ މި މަހު 12 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ މަޗިންދުރަ/ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެކު އޭއެފްސީ ކަޕްގެ މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 18-24 އަށެވެ.












