ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ދެ މީހަކު އެ މަރާމާރީ ހިންގި ތަނުގައި ވެސް ނެތްކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ހުށަހަޅައިފި އެވެ.
އުދައްޔު، 17، މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް މާރާމާރީ ހިންގުމުގައި ބައިވެރި ވުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ތިން މީހުނަށް ވެސް ކުރާ އެ ދައުވާތައް އިއްވަވައިފަ އެވެ. އަދި ދައުވާތައް ސާފުކުރުމަށް ފަހު، ތިން މީހުންގެ ފަރާތުން ތިއްބެވި ދިފާއީ ވަކީލުން ވަނީ ދައުވާއަށް އެ މީހުން އިންކާރު ކުރާ ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތުން ހުށަހަޅާ ހެކިތަކާއި ދިފާއީ ހެކިތައް ހާމަ ކުރުން ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މައްސަލާގައި ހިމެނޭ ޝަރަފުގެ ދިފާއީ ވަކީލު މުހައްމަދު ނިޝާން ލިޔުމުން ހެކިންގެ ލިސްޓު ހުށަހަޅަން ދެ ދުވަހުގެ މުއްދަތެއް ދެއްވަން އެދިވަޑައިގަތުމުން އެ ފުރުސަތު ގާޒީ ދެއްވި އެވެ.
ޝަމީމް އާއި މާޒިންގެ ގާނޫނީ ވަކީލު މުހައްމަދު ޝަހީދު ވިދާޅުވި ގޮތުން، އެ ދެ މީހުންގެ ފަރާތުން ހަތް ހެއްކެއް ވަނީ ހުށަހަޅުއްވައިފަ އެވެ. ފުރަތަމަ ކުރިއަށް ދިޔައީ ޝަމީމްގެ ބައި ކަމުން އޭނާގެ ފަރާތުން ހުށަހަޅުއްވާ ދިފާއީ ހެކިން ވަނަވަރާއި އެކު ހާމަ ކުރެއްވި އެވެ.

އެކަމަކު، މާޒިންގެ ފަރާތުން ހުށަހަޅާ ހެކިތައް ވެސް ލިޔުމުން ދެ ދުވަހުގެ ތެރޭގައި ހުށަހަޅަން ގާޒީ އެންގެވިއެވެ. މާޒިންގެ ބައި ކުރިއަށް ގެންދިޔައީ ޝަރަފަށް އުފުލާ ދައުވާތައް އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދިއުމަށް ފަހުގައެވެ. ޝަރަފަށް ވެސް ހެކި ހުށަހަޅަން ދެ ދުވަސް ގާޒީ ދެއްވި އެވެ.
ޝަމީމްގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކިތަކުގެ ވަނަވަރު ހާމަ ކުރެއްވުމަށް ފަހު ވަކީލު ޝަހީދު ވިދާޅުވީ އެ ހެކިތަކަކީ އެ މަރާމާރީ ހިންގި ވަގުތު އެ ތަނުގައި ނެތް ކަން ސާބިތު ކުރަން ވެގެން ހުށަހެޅުއްވި ހެކިތަކެއް ކަމުގަ އެވެ. އޭނާ ވިދާޅުވި ގޮތުން، އެ ތަނުގައި ޒުވާބުކޮށްފައި ޝަމީމް ދިޔައީ އޭނާގެ ގެއަށެވެ. މާރާމާރީ ހިންގައި އުދައްޔު މަރާލުމާއި ހަމައަށް ދިޔައީ އޭގެ ފަހުންނެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްޗަށް ކުރާ ދައުވާތަކުގައި ހިމެނޭ ހެކި މަދަނީ މިންގަނޑުން ވަޒަން ކުރެއްވުމަށް ފަހު، މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ކަނޑައެޅުއްވި އެވެ.
މީގެ އިތުރުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހެކިތައް ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދައުލަތަށާއި ދިފާއަށް ވެސް ގާޒީ ދެއްވި އެވެ. ދެން މި މައްސަލައިގެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގަ އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި ހުށަހެޅުމަށާއި އެއާ މެދު ގޮތެއް ނިންމުން އޮންނާނެ ކަމުގަ އެވެ. އަދި މައްސަލަ ކުރިއަށް ދާނެ ގޮތުގެ ތާރީޚްތައް ހިމެނޭ ތާވަލެއް ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މީގެ ކުރިން މި މައްސަލާގައި އޮތް އަޑުއެހުމެއްގައި ދައުލަތުން ވަނީ ދައުލަތުގެ ފަރާތުން ހުށަހަޅުއްވާ 25 ހެއްކެއް ސިއްރުކޮށްދޭން އެދިފަ އެވެ. ނަމަވެސް ދައުލަތުން އެދުނު ވަރަށް ސިއްރު ކުރުމުގެ އަމުރެއް ގާޒީ ނެރެ ނުދެއްވި އެވެ.
މި މައްސަލާގައި ހިމެނޭ ސިއްރު ހެކިންގެ ބަޔާންތައް ވެސް ވަނަވަރު އުނި ކުރުމަށް ފަހު ދިފާއަށް ދޭން ގާޒީ އެންގެވި އެވެ. އަދި ހާދިސާ ހިނގި ތަނުގެ މަންޒަރުތައް ހިމެނޭ ވީޑިއޯ ފުޓޭޖް ވެސް ހެކިވެރިން އަރާ މަންޒަރުތައް އުނިކޮށްފައި ދޭން އެންގެވި އެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ. ކުޑަކުއްޖަކަށް ވުމުން އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާއަށް ކުރާއިރު، އުދައްޔު މަރުވީ އެ ކުއްޖާ ދިން ހަމަލާއަކުން ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.













