މިއުނިކް (އޭޕްރީލް 3) - ޖަރުމަނު ލީގުގައި ރޭ އާރްބީ ލައިޕްޒިގުން 4-1 އިން ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރުމުން، ފްރެއިބާގް ދަނޑުގައި 4-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބަޔާން މިއުނިކުން 9 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ގަދަ 10 ގައި އޮތް ކޮންމެ ޓީމެއް 28 މެޗު ކުޅެފައިވާއިރު، ބަޔާން އެންމެ ކުރީގައި އޮތީ 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 57 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ރޭ ހާތާ ބާލިން އަތުން 2-1 އިން މޮޅުވި ބަޔާ ލެވަކޫސަން އެވެ. ލެވަކޫސަނަށް 51 ޕޮއިންޓް ލިބިފައިވާއިރު، ލައިޕްޒިގު ހަތަރެއްގައި އޮތީ 48 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ބަޔާނުން 17 ސިކުންތު ވަންދެން ދަނޑުމަތީގައި 12 ކުޅުންތެރިން ލައިގެން ކުޅުނެވެ. މެޗުގެ 85 ވަނަ މިނިޓްގައި ބަޔާންގެ ނިކްލަސް ސޫލާ އާއި މާސެލް ސަބިޓްޒާ ވަނީ ކޮރެންޓިން ޓޮލީސޯ އާއި ކިންގްސްލީ ކޯމަންގެ ބަދަލުގައި ކުޅެން އަރުވަން ނިންމައިފަ އެވެ. ފުރަތަމަ ދަނޑުން ފޭބީ ޓޮލީސޯ އެކަންޏެވެ. ކޯމަން ނުފައިބައި ހުރިކަން އެނގުނީ ފްރެއިބާގް ކުޅުންތެރިން އެކަން ރެފްރީ ކްރިސްޓިއަން ޑިންގާޓްގެ ސަމާލުކަމަށް ގެނައުމުންނެވެ.
ފްރެއިބާގް ދަނޑުގައި ރޭ 57 ވަަނަ މިނިޓްގައި ޔޯސުއާ ކިމިކް ނެގި ހިލޭ ޖެހުމަކުން ލެއޯން ގޮރެޓްޒްކާ ބޮލުން ގޯލެއް ޖަހައި، ބަޔާނަށް ލީޑުނަގައިދިނެވެ. މިއީ ހަތަރު މަސް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް ގޮރެޓްޒްކާ ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު، ބަޔާނުން އެ ގޯލު ޖެހިތާ ފަސް މިނިޓް ތެރޭ ނިލްސް ޕެޓަަސަން ވަނީ ލަނޑެއް ޖަހައި ފްރެއިބާގަށް އެއްވަރުކޮށްދީފަ އެވެ. މިއީ އޭނާ މިހާތަނަށް ކުޅުނު މެޗުތަކުގައި ހުރިހާ މުބާރާތެއްގައި ފްރެއިބާގަށް ޖަހައިދިން 100 ވަނަ ގޯލެވެ.
ބަޔާނުން ދެ ވަނަ ފަހަރަށް ލީޑުނެގީ 73 ވަނަ މިނިޓްގައި އޭރިއާތެރެއިން ސާޖް ގްނަބްރީ ތިރިތިރިން ބޯޅަ ފޮނުވާލައިގެން ޖެހި ގޯލުންނެެވެ. މެޗުގެ 81 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ވައްދާލައި، ކޯމަން ވަނީ ބަޔާނަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ގްނަބްރީ ހުސްކޮށްލާފައި ދިން ބޯޅައަކުން އޭރިއާތެރެއިން ބަޔާންގެ ހަތަރު ވަނަ ގޯލު ޖެހީ ސަބިޓްޒާ އެވެ.

ޑޯޓްމަންޑް ކޮޅަށް ލައިޕްޒިގުގެ ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހި ލައިމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޑޯޓްމަންޑަށް ލީޑުނަގައިދޭން އާލިން ބްރައުޓް ހާލަންޑަށް ލިބުނު ފުރުސަތުގައި އޭނާ އަށް ގޯލެއް ނުޖެހުނުއިރު، މެޗުގެ 21 ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ ދިން ބޯޅައަކުން ކޮންރަޑް ލައިމާ ވަނީ ގޯލެއް ޖަހައި، ލައިޕްޒިގަށް ލީޑުނަގައިދީފަ އެވެ.
އޭގެ ނުވަ މިނިޓް ފަހުން ލައިމާ ޖެހި ބޯޅައެއް ޑޯޓްމަންޑް ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޯޅަ ގޯލަށް ވަދެ، ލައިޕްޒިގުން ލީޑުފުޅާކުރި އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައި، މެޗުގެ 58 ވަނަ މިނިޓްގައި ލައިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންކުންކޫ ވަނީ ލައިޕްޒިގުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ މޮޅު ޓީމު ގޯލެކެވެ. ޑޯޓްމަންޑްގެ އޭރިއާތެރޭގައި ބޯޅަ ދިފާއުކުރަން ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް ފުރުސަތެއް ނުދީ ލައިޕްޒިގަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި، ފްރާންސް ގައުމީ ޓީމުން ވެސް ޖާގަ ހޯދާފައިވާ އެންކުންކޫ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ 84 ވަނަ މިނިޓްގައި ލައިޕްޒިގުގެ އޭރިއާތެރެއިން އެމްރޭ ޗާން ނަގައިދިން ހުރަހަކުން ޑޯޓްމަންޑްގެ ނެދަލެންޑްސް ފޯވާޑް ޑޮންޔެލް މާލެން ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. އޭގެ މިނިޓެއް ފަހުން ލައިޕްޒިގުގެ ސްޕެއިން މިޑްފީލްޑަރު، ޑަނީ އޮލްމޯ، އޭރިއޭބޭރުން ޖެހި ހިތްގައިމު ގޯލުން އެ ޓީމު ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.












