ލިވަޕޫލް (އޭޕްރީލް 2) - ބައިނަލްއަގުވާމީ ފޯރިގަދަ، ވާދަވެރި ދެ މެޗެއްގައި މުހައްމަދު ސަލާހާއި ސަޑިއޯ މާނޭގެ ކުރިމަތިލުންތަކެއް މިދިޔަ ދެ މަހު ފެނިގެންދިޔަ ނަމަވެސް އެ ދެ ކުޅުންތެރިންގެ ދެމެދުގައި މައްސަލައެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މާނޭ އަކީ ސެނެގާލްގެ ވައިސް ކެޕްޓަނެކެވެ. ސަލާހަކީ މިސްރުގެ ކެޕްޓަނެވެ. ސަލާހާއި މާނޭ އަކީ ކްލަބް ލެވަލްގައި ލިވަޕޫލްގެ އެޓޭކްގެ މުހިންމު ދެ ކުޅުންތެރިންނެވެ. މިދިޔަ ދެ މަސް ދުވަހު ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރާފައިވާ ހަބަރުތަކަށް ބަލާއިރު، ސެނެގާލާއި މިސްރު ބައްދަލުކުރި މެޗުތަކަކީ ސަލާހާއި މާނޭގެ ވާދަވެރި ކުރިމަތިލުންތަކެއް ކަމަށް ވަނީ ހިމަނައިފަ އެވެ.
ފެބްރުއަރީ މަހުގައި ޕެނަލްޓީ ޖަހައިގެން އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގައި ސެނެގާލް އަތުން މިސްރު ބަލިވިއިރު، މިިދިޔަ ހަފްތާގައި ވޯލްޑް ކަޕް ކޮލިފައިންގެ އެފްރިކާ ބައްރުގެ ޕްލޭއޮފް ދެ ވަނަ ލެގުން މިސްރު ވަނީ ހަމަ ޕެނަލްޓީ ޖަހައިގެން ސެނެގާލް އަތްދަށުވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ސެނެގާލް ކޮޅަށް ސަލާހު ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ސެނެގާލަށް އެފްރިކަން ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ލިވަޕޫލުން އުޅުނު ނަމަވެސް މާނޭ ވަނީ އެކަން އެ ގޮތަށް ނުކުރަން އެދިފަ އެވެ. އެއީ އޭނާ އެ ދެ ކާމިޔާބީ ހޯދިއިރު ވެސް އިދިކޮޅު ޓީމުގައި ސަލާހު ހުރުމުންނެެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ސަލާހާއި މާނޭ އަކީ އަދިވެސް ގާތް ދެ އެކުވެރިން ކަމަށެވެ.
"ގިނަ ފަހަރު އަމިއްލަ ބޭބެ އިދިކޮޅު ޓީމުގައި ހުއްޓަސް ބޭނުންވަނީ މޮޅުވާން. އެ ގޮތަށް ސަލާހާއި މާނޭ އަށް ވެސް އޮތީ. އެއްވެސް މީހަކު ފައިނަލެއް ނުކުޅޭނެ ބަލިވާން. އެ ގޮތަށް ސަލާހާއި މާނޭ ވެސް ދެ ޓީމެއްގައި ހުންނައިރު، އެއް ޓީމެއް މޮޅުވެ، އަނެއް ޓީމެއް ބަލިވާނެކަން ގަބޫލުކުރާނެ. އަހަރެން ދެކޭ ގޮތުގައި އެ ދެ މީހުންގެ މައްސަލައެއް ނެތް. އެ މީހުން އަދިވެސް ތިބީ އެކުވެރިންގެ ގޮތުގައި،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން މި ސީޒަނުގެ ބާކީ ބައިގައި ކުޅެން ހުރި މެޗުތަކަށް ދާއިރު ސަލާހާއި މާނޭގެ ގުޅުން ކުޑަވެގެން ނުރަނގަޅު އަސަރެއް ކޮށްފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކްލޮޕް ބުނީ އެ ފަދަ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، ލިވަޕޫލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 16:30 ގަ އެވެ.












