ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީ ފުޓްސަލް ޓީމަށް އެ ރަށުން ރޭ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.
ތިމަރަފުށިން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދިއިރު، މިއީ އެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް ހަ ފަހަރު ބޭއްވިއިރު، ތިން ފަހަރު ތަށި ގެންދިޔައީ ތިމަރަފުށިންނެވެ. އެއީ 2016، 2019 އަދި 2022 އެވެ.
މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި ތިމަރަފުށިން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތިމަރަފުށީގެ އަސްވަދު (ކ) އާއި އެ ރަށުގެ ބައެއް ސަޕޯޓަރުން.-- ފޮޓޯ: ތިމަރަފުށީ ކައުންސިލް
ތިމަރަފުށީ ފުޓްސަލް ޓީމު ރޭ އެ ރަށަށް ދިޔައީ، ރަށު ރައްޔިތުންގެ ދައުވަތަކަށެވެ. ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔަން ގިނަ ބަޔަކު އެއްވެތިބި އެވެ. އެ ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ގިނަ ރައްޔިތުންތަކެއް ވަނީ ޓީމަށް މަރުހަބާ ކިޔުމުގައި ބައިވެެރިވެފަ އެވެ.
ޓީމުގެ ޝަަރަފުގައި ބޭއްވި އިވެންޓް އޮތީ 2015 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުގައި ތިމަރަފުށީގައި އެޅި މެޓް ފުޓްސަލް ދަނޑު ކައިރީގަ އެވެ.
މި އިވެންޓްގައި ތިމަރަފުށީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރި މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ވަނީ ސެޓްފިކެޓް ދީފަ އެވެ. އަދި ތިމަރަފުށްޓައް ރީތި ނަން ހޯދައިދޭން ގޯލްޑަން ފުޓްސަލް ޗެލެންޖް ފަދަ މުބާރާތްތަކުގައި ބައިވެރިވެ، ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސް (ޓީއެފްޕީ) ކުރާ މަސައްކަތް ވެސް ވަނީ އަގުވަޒަންކޮށްފަ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޓީއެފްޕީގެ ނަމުގައި ތިމަރަފުށިން ބައިވެރިވީ ނަމަވެސް ކައުންސިލް އިދާރާއިން މި ކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ދެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފުރަތަމަ އެޅި ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެއް ދަނޑަކީ ތިމަރަފުށީ މެޓް ދަނޑެވެ. އެ ދަނޑު މިހާރު ހަލާކުވެފައިވާއިރު، ތިމަރަފުށީ ކައުންސިލުން ވަނީ އެކި ފަހަރުތަކެއް މަތިން ތިމަަރަފުށީގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އަޅައިދޭން ސަރުކާރުގެ އެކި އެކި ވުޒާރާތަކަށް ގޮވާލައިފަ އެވެ. އެކަމަކު، މިއަދާ ހަމައަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވެ އެވެ.

ތިމަރަފުށީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: ތިމަރަފުށީ ކައުންސިލް އިދާރާ
މި ސަރުކާރުން ރަށްރަށުގައި އަޅާ ޓާފް ދަނޑުތަކުގެ ތެރެއިން ދަނޑެއް ތިމަރަފުށީގައި ވެސް އަޅަމުން އަންނައިރު، މިހާތަނަށް ދަނޑުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވަނީ އެކަށީގެންވާ ފެންވަރެއްގައެއް ނޫނެވެ. އެއީ ވެސް އެ ރަށު ޒުވާނުންގެ ޝަކުވާއެކެވެ.
ރޭ ތިމަރަފުށީގައި ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ރަށުގެ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށް ބައިވެރިވާ ބޮޑެތި މުބާރާތްތަކުގެ ޗެމްޕިއަންކަން ރެކޯޑް އަދަދަކަށް ހޯދާ ރަށެއްގެ ގޮތުގައި ތިމަރަފުށި އޮތް ކަމުގައި ވިޔަސް ސަރުކާރުން ތިމަރަފުށީގައި ރަނގަޅު ފުޓްސަލް ދަނޑެއް އަޅައިދީފައިނުވުމަކީ ދެރަކަމެއް ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ތިމަރަފުށީ ކައުންސިލްގެ ރައީސް، އިސްމާއިލް ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފަށް އިލްތިމާސެއް ކުރައްވައިފަ އެވެ. އެއީ ތިމަރަފުށިން ފުޓްސަލާއި ފުޓްބޯޅައިގައި ހޯދަމުން މި އަންނަ ކާމިޔާބީގެ އަގުވަޒަންކޮށް، ރަނގަޅު ދަނޑެއް އެ ރަށަށް ދިނުމަށް އެދި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ތިމަރަފުށިން ވަނީ ދެ ފަހަރެއްގެ މަތިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ، އެއް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2018 ވަނަ އަހަރު ރާއްޖޭގެ އެންމެ ބޮޑު ލީގު ދިވެހި ޕްރިިމިއާ ލީގުގައި ވެސް ތިމަރަފުށި ވަނީ ކުޅެފަ އެވެ.












