ރަށްރަށުގައި ހުރި، ސަގާފީ ތަރިކަތަކުގެ ގޮތުގައި ބަލާ އާސާރީ ތަންތަނަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރަމުންދާ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް ބުނެ، އެގޮތަށް ކަންތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އަަޅާނެ ކަމުގެ އިންޒާރު ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ދީފި އެވެ.
ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތްތަކާއި ވެވުތަކާއި ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ތަރިކަތަކަށް ކޮށްފާނެ އަސަރު ނުބަލާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ތަންތަނާ ގުޅޭ މަސައްކަތްތައް ކުރުމުގައި އެ މަރުކަޒުން ހޯދަން ޖެހޭ ހުއްދަ ނުހޯދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"...އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދަައި، އެތަންތަނަށް ކުރާނެ އަސަރަށް ބެލުމެއް ނެތި، ތަރައްގީގެ މަޝްރޫއުުތައް ކުރިއަށް ގެންދިއުން ވެގެން ދާނީ އެ ތަރިކަތައް ނިސްބަތްވާ ރަށާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ، އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް،" ތަރިކަ ރައްކާކުރާ މަރުކަޒުގެ ބަޔާނުގައި ބުންޏެވެ.
ތަރިކަތަކާ ގުޅޭ ތަންތަނާއި އެތަންތަނުގެ ކައިރީގައި މަސައްކަތްތައް ކުރާ އިރު، ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން ހަދާފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދަށް އަމަަލުކުރަން، ބަޔާނުގައި އެ މަރުކަޒުން ގޮވައިލާފައި ވެ އެވެ. އެކަމުގައި ކައުންސިލްތަކާއި އާއްމުންނަށް ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާކުރުމަށް ވެސް އެބަޔާނުގައި ގޮވައިލާފައި ވެ އެވެ.

"...މި ގާނޫނާއި ގަވާއިދަށް އަމަލު ނުކުރައްވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނަމެވެ،" ތަރިކަ ރައްކާކުރާ މަރުކަޒުގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ސަގާފީ ތަރިކަތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނާއި އެތަންތަނާ މެދު ދައުލަތާއި ފަރުދުންގެ ޒިންމާ ސަގާފީ ތަރިކައިގެ ގާނޫނުގައި ބަޔާންކޮށްފައި އެބަ އޮތެވެ. އެތަންތަނަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ކުށެއް ކަމަށް ވެސް އެގާނޫނުގައި ބަޔާންކޮށްފައި އެބަ އޮތެވެ. ސަގާފީ ތަރިކަތައް ރައްކާކުރާ މަރުކަޒު އުފެއްދީ އެ ގާނޫނުންނެވެ.












