އޭއެފްސީ ކަޕަށް ތައްޔާރުވާއިރު ވެލެންސިއާ އަށް ޗެލެންޖް ބޮޑު

ވެލެންސިއާގެ އެސިސްޓަންޓް ކޯޗު ކުޑަހީނާ (ވ) އާއި ޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ އެސިސްޓަންޓް ކޯޗު ކުޑަހީނާ (ވ) އާއި ޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދީ މެޗަކުން ބަލިނުވެ އެވެ. ޕްރެޒިޑެންޓްސް ކަޕަށް ފަހު، ދެން މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަށައިގެން މިހާތަނަށް ވެލެންސިއާ އަށް ވަނީ އެކި މައްސަލަތައް ކުރިމަތިވެ، ބައެއް މެޗުތަކުގެ ނަތީޖާ އަށް ވެސް އަސަރުކޮށްފަ އެވެ. ދެ ވަނަ ބުރު ފަށާއިރު، ވެލެންސިއާ އޮތީ ތިން ވަނައިގަ އެވެ.

އަނިޔާގެ މައްސަލަތަކާއި މާލީ ގޮތުން ހުރި ދަތިތަކުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވި ލަސްވާތީ ޓީމުގެ ހާލަތު މި ފަހުން ވަރަށް ގޯސްވި ހާލަތަަކަށް ވެސް ދިޔަ އެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަތުން ވެލެންސިއާ ބަލިވި މެޗަށް ފަހު އެ ޓީމުން މިދިޔަ މަހު 26 ވަނަ ދުވަހާ ހަމައަށް ބްރޭކެއް ނަގަން ނިންމީ 25 އާ ހަމަ އަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ދާނެ ކަމަށް ބަލައިފަ އެވެ. ވެލެންސިއާ އިން ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ ޕްރެކްޓިސް މެދުކަނޑާލި ކަމަށް މީޑިއާގައި ވާހަކަ ދެކެވުނުއިރު، އެ ގޮތަށް ބައެއް ކުޅުންތެރިން ވެސް ވަނީ ނުސީދާ ގޮތަކަށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

ވެެލެންސިއާގެ އެސިސްޓަންޓް ކޯޗު، އަދި ޓީމުގެ މެނޭޖްމަންޓްގައި ވެސް އިސް މަސައްކަތްތަކެއް ކުރަމުން އަންނަ، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އިސްމާއިލް އާސިފް (ކުޑަހީނާ)، "އަދަދު" އަށް ބުނީ 26 އާ ހަަމައަށް ނެގީ ބްރޭކެއް ކަމަށާއި އަލުން ޕްރެކްޓިސް ފަށަން ނިންމީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ހަމަޖައްސާފައި ކަމަށެވެ.

"ދެން އެ އުޅެނީ މީޑިއާގައި ހަބަރު ފަތުރާ ބަޔަކަށް އޮޅިގެން. އަނެއްހެން، ޕްރެކްޓިސް ހުއްޓާލައި މެނޭޖްމަންޓަށް ޕްރެޝަރު ކުރާ ވާހަަކައެއް ނުދެކެވޭ. އަނެއްހެން އެހާ ބޮޑު މެނޭޖްމަންޓެއް އޮންނަ ވެސް ޓީމެއް ނޫންތާ މިއީ. އަހަންނާ މައުއާ (އިލްމާއު ހުސެއިން) މި ތިބެނީ މެނޭޖްމަންޓަށް ބެލިޔަސް ފެންނަން،" ކުޑަ ހީނާ ބުންޏެވެ.

އަލުން ވެލެންސިއާ އިން ޕްރެކްޓިސް ފަށައިގެން މިހާތަނަށް ކުރިއަށް ގެންދިޔަ ތިން ޕްރެކްޓިސް ގެންދިޔައީ ގަލޮޅު ދަނޑުގަ އެވެ.

މީގެ ކުރިން ބޭއްވި ވެލެންސިއާގެ ޕްރެކްޓިހެއްގެ ތެރެއިން ކުޑަހީނާ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޑަހީނާ ބުނީ ރަނގަޅު ޕްރެކްޓިހެއް ކުރަން ބަލާއިރު، މިހާރު ޓާފް ދަނޑުގައި ކުރާ ހަތަރު ޕްރެކްޓިހާ ގަލޮޅު ދަނޑުގެ އެއް ޕްރެކްޓިސް ވެސް ނުބައްދަލު ކަމަށެވެ. އެހެންވެ، ބޭނުންވާ ލެވަލަށް މަޑުމަޑުން ގެންދަން ގަލޮޅު ދަނޑުގައި ކުރެވޭ މި ޕްރެކްޓިސްތައް ރަނގަޅު ކަމަށެވެ.

ވެލެންސިއާ އަށް މި ވަގުތު އަނިޔާ އާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެފައި އޮތް މައްސަލަތަކަށް ބަލާއިރު، އަންނަ އަންގާރަ ދުވަހުގެރޭ ބޫޓާންގެ ޕާރޯ އެފްސީއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި ވެލެންސިއާގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.

ވެލެންސިއާގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ޕްރެކްޓިހަށް ނުކުންނަން ޑޮކްޓަރުގެ ހުއްދަ ލިބުނު ކަމުގައި ވިޔަސް ޕާރޯ މެޗުގައި ނުފެންނާނެ އެވެ. ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ފަޔަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ދެނެގަންނަން އިތުރު އެމްއާރްއައި އެއް ހަދަން ޖެހިފައިވާއިރު، އިސްމާއިލް އީސާ (މެސީ) އަންނަނީ އަނިޔާއިން ރިކަވާވާން ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.

އަމިއްލަ މައްސަލައެއްގެ ސަަބަބުން ވެލެންސިއާގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް މި ވަގުތު ހުރީ ކްލަބާ ދުރުގަ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ވެލެންސިއާ އިން ޕާރޯއާ ކުޅެން ޖެހޭއިރު، ޓީމަށް މި އޮތީ އެކި ގޮތްގޮތުން އަސަރު ކޮށްފަ އެވެ.

ކުޑަހީނާ ބުނީ އޭއެފްސީ ކަޕްގެ މެޗުތަކެއް ކުޅެލަން ބަލާއިރު ވެލެންސިއާގައި އެންމެ ވަރުގަދަ ޓީމެއް ނެތް ކަމަށެވެ. މިހާރު ކުޅެން ޖެހިފައިވަނީ ގައުމީ މުބާރާތުގެ ތަށި ހޯދި ޓީމުގައި ތިބި ވެސް މުހިންމު ހަތަރެއް ނޫނީ ފަސް ކުޅުންތެރިން ނުލައި ކަމަށެވެ. އެ ކުޅުންތެރިންނަކީ ފައިސަލް، ޑަކްސަން ޕުސްލަސް (ދަންޖެހިގެން މަރުވި ލަންކާ ކުޅުންތެރިޔާ)، ސެންޓޭ، ހަލީލް، ސްޕެއިނުގެ ފޯވާޑް ބޯހާސް މާޓިން އެވެ.

"އެ ފަސް މީހުންގެ މައްޗަށް ވެލެންސިއާގެ ގޭމް ބިނާކުރަމުން މި އައީ. މިހާރު އޭގެ މީހުންނަށް ބަލާއިރު، ބޯހާސް ނޫނީ އެކަކު ވެސް ނެތް،" ކުޑަހީނާ ބުންޏެވެ.

"ކީކޮށް (މުހިންމުކޮށް) ތިބި ފަސް ކުޅުންތެރިއަކު ނެތި ވެސް ރަނގަޅަށް ކުޅެވޭނެ ބަޔަކަށް މި އޮތީ މާޒިޔާ ދޯ. ރިޕްލޭސްމަންޓެއް އޮތީ އެ މީހުން އަތުގައި. މާޒިޔާ އަށް އެ ގޮތަށް ހަމަޖެހިލައިގެން ކުޅެވުނަސް ވެލެންސިއާ އަށް އެ ހާލަތެއް ނެތް،" ކުޑަހީނާ ބުންޏެވެ.

"ސެންޓޭ ހުންނަ ނަމަ ވެސް ރަނގަޅުވާނެ. އޭރުން ޓެކްޓިކްސް އަށް ވޯކްކޮށްލަން ވެސް ފަސޭހަވާނެ،"

މުހިންމު ކުޅުންތެރިންތަކެއް ނުލައި، ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ގޮތަށް އޭއެފްސީ ކަޕްގައި ނުކުޅެވޭނެ ކަމަށް ކުޑަހީނާ ވެސް ގަބޫލުކުރެ އެވެ.

އަންނަ އަންގާރަ ދުވަހު ބޫޓާންގެ ޕާރޯ އަތުން މޮޅުވެއްޖެނަމަ، ކޮލިފައިން ދެ ވަނަ މެޗުގައި ކުޅެން ޖެހޭނީ މި މަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަބަހާނީ އަތުން މޮޅުވެއްޖެނަމަ ދެން، އިންޑިއާގައި މި މަހު 19 ވަނަ ދުވަހު ކުޅެން ޖެހޭނީ އޭޓީކޭ މޯހަން ބަގާންއާ އެވެ.

އޭޓީކޭ މޯހަން ބަގާން އަތުން މޮޅުވެއްޖެނަމަ ވެލެންސިއާ އަށް އަންނަ މަހު ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތަކުން ފުރުސަތު ލިބޭނެ އެވެ.

"ބޫޓާން ޓީމު އަތުން މޮޅުވެވޭނެ. އެއީ ހޯމް ވީމަ އިންނާނެ އެ ޔަގީންކަން. އެ ޓީމުގެ މައުލޫމާތު މާ ބޮޑަށް ހޯދަން ނޫޅި އަމިއްލަ ސްޓްރެންތަށް މަސައްކަތް ކުރިޔަސް އެކަން ކުރެވޭނެ. އަހަރެމެން ކުޅެމުން މި އައި ލެވަލަށް ކުޅެން ގޭމް ތެރެއަށް ވީހާ ވެސް އަވަހަށް ވަނުން މި އޮތީ،" ކުޑަހީނާ ބުންޏެވެ.

ކުޑަހީނާ ބުނީ ބޫޓާން ޓީމު، ޕާރޯ، އަތުން މޮޅުވެ، ދެން ކުޅެން މި ޖެހޭ ޑާކާ އަަބަހާނީ އާއި އޭޓީކޭ މޯހަން ބަގާން އަކީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތަޖުރިބާ ވެސް ހުރި ޓީމުތަކަށް ވުމާ އެކު އެ ޓީމުތަކާ ދެކޮޅަށް ރަށުންބޭރުގައި ކުޅުންވާނީ "ވަރަށް ޗެލެންޖިން" ކަމަކަށް ކަމަށެވެ.

ޕާރޯއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅުމަށް ފަހު ވެލެންސިއާ އިން މި މަހު އަށް ވަނަ ދުވަހުގެރޭ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަަ ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ. ޕާރޯ އަތުން މޮޅުވެއްޖެނަމަ ވެލެންސިއާ އިން 12 ވަނަ ދުވަހު އަބަހާނީއާ ކުޅެން 10 ވަނަ ދުވަހު ބަންގްލަދޭޝަށް ފުރަން ޖެހޭނެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާގެ މެޗެއްގެ ތެރެއިން ކުޑަހީނާ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޑަހީނާ ބުނީ މި ވަގުތު އޮތް ހާލަތާއި ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ކަންކަމަށް ބަލާއިރު، ކުރެވޭނެ މާ ބައިވަރު ކަމެއް ނެތް ކަމަށެވެ. ތިބި ކުޅުންތެރިން ލައިގެން މެނޭޖްކުރުން ނޫން ގޮތެއް ނެތް ކަމަށް ކުޑަހީނާ ވެސް އެއްބަސްވެ އެވެ.

ޕާރޯ ޓީމުން މާލެ އައުމުގެ ކުރިން އަންނަނީ އިންޑިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުންނެވެ.

ވެލެންސިއާ އިން އަންނަ އަހަރު ޓީމެއް ބިނާކުރުމާއި އިތުބާރު ހޯދުމުގެ ވިސްނުން

މި ފަަހަރުގެ ޕްރެޒިޑެންޓްސް ކަޕް (ގައުމީ މުބާރާތު) ގެ ތަށި ލިބުމުން ވެލެންސިއާ އިން ދެން އަމާޒުހިފީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމާއި ރާއްޖޭގެ އެފްއޭ ކަޕް ކާމިޔާބު ކުރުމަށެވެ. އަދި ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ރަނގަޅު ހިސާބެއްގައި އޮތުން ވެސް ވީ އަމާޒަކަށެވެ.

"އެ ޕްލޭން ހަލާކުވެގެން ދިޔައީ ބައިވަރު ކަންތައްތަކެއް ދިމާވީމަ. ދެން، އެކްސްކިއުޒެއް (ޝަކުވާއެއް) ނޫން މިއީ، ޓީމު ތެރޭގައި ބައިވަރު ކަންތައްތައް ދިމާވާނެ. އެކަންކަމާ ޖެހޭނީ ކުރިމަތިލާން،" ކުޑަހީނާ ބުންޏެވެ. "އަންނަ އަހަރަށް ޓީމު (ކުޅުންތެރިން) ބަދަލުކުރުމުގެ ވިސްނުން މިހާރު މި ހުރީ. ސަޕޯޓަރުން ގިނަޔަސް ވެލެންސިއާ އަަކީ މާ ބޮޑު މެނޭޖްމަންޓެއް އޮންނަ ޓީމެއް ނޫން. މީގެ މި ވަގުތަށް މެނޭޖްމަންޓަށް ވެސް މި ތިބީ ކޯޗިން ޓީމުގައި ތިބި މީހުން،"

ކުޑަހީނާ ދެކޭގޮތުގައި ވެލެންސިއާ ބޭނުންވާ މިސްރާބަށް ދާން ޓީމު ބަދަލުކޮށް، ވަރުގަދަކުރާއިރު ކުރަން ޖެހޭނެ މުހިންމު ކަމަކީ ކުޅުންތެރިންގެ "އިތުބާރު" ކްލަބަށް ހޯދުން ކަމަށެވެ. އެ ގޮތުން ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ދެވޭ ފެންވަރުގައި ވެލެންސިއާ ކުރިއަށް ގޮސްގެން ނޫން ގޮތަކަށް މި ޓީމު ރަނގަޅު ނުކުރެވޭނެ ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ.

"ކުޅުންތެރިން މި އަށް ހޯދައި، ޓީމު ބަދަލުކުރަން ކުރާ މަސައްކަތުގައި ކުޅުންތެރިންގެ އިތުބާރު އެބަ ހޯދަން ޖެހޭ މި ކްލަބުން. ވެލެންސިއާ މި ބޭނުންވާ މިސްރާބަށް ގޮސް، ވެލެންސިއާ އިން ވެލެންސިއާގެ ގޮތުގައި އޮންނަން ވެއްޖިއްޔާ އެބަޖެހޭ ބަރާބަރަށް މުސާރަ ވެސް ދެވެން. އޭރުން މި ވަރުގަދަ ކުރަން ކުޅުންތެރިން ގެނެވެން އޮތީ ވެސް،" ކުޑަހީނާ ބުންޏެވެ.

ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ މާޒިޔާއާ ވާދަކުރެވޭ ވަރުގެ ޓީމެއް ވެލެންސިއާ އިން ހަދާކަމަށް ވާނަމަ ދުރާލާ ޕްލޭނެއް ހަދައިގެން ރަނގަޅަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކުޑަހީނާ ވެސް އެއްބަސްވެ އެވެ.

ކުޑަހީނާ ބުނީ މިހާރު މިދާ ގޮތަށް ނުވިސްނައި ކުރިއަށްދާން ފަށައިފިނަމަ ދެން މާޒިޔާއާ ޗެލެންޖް ވެސް ނުކުރެވޭ ހިސާބަށް ދިއުން އެކަށީގެންވާ ކަމަށެވެ.

"އެ މީހުންގެ (މާޒިޔާގެ) ޓްރެއިނިންތައް، އެ މީހުންގެ މުސާރަ، ޓީމުގައި މޮޅެތި ޕްލޭޔަރުން ގިނަވުން، އެ ތިން ކަންތައް އެ މީހުންގެ ފުރިހަމަކޮށް އިންދައި، އަހަރެމެންނަށް ނުކުމެ މިހާރު މި އޮތްގޮތަށް ޗެލެންޖެއް ނުކުރެވޭނެ،" ކުޑަހީނާ ބުންޏެވެ.

"ބޭނުންވަނީ ޗެލެންޖިން ބޯޅަ ކުޅޭ ޓީމެއް ބިނާކުރަން ވެލެންސިއާގައި. މިހާރު ފޯކަސް ހުރީ އެ ގޮތަށް،"

ވެލެންސިއާ އިން މިހާރު ކުޅެމުން އަންނަނީ އަހުމަދު މުޖުތަބާ (ފެސްކޯ)ގެ ހެޑް ކޯޗުކަމުގަ އެވެ. އެސިސްޓަންޓް ކޯޗުގެ މަގާމާއި ޓްރެއިނަރަކަށް ހުރީ ކުޑަހީނާ އެވެ. ފެސްކޯ އާއި ކުޑަހީނާ ވަނީ މީގެ ކުރިން ވެސް އެކުގައި ގިނަ އަހަރުތަކެއް ވަންދެން ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެތެެރެއިން އެއް ކަމަކީ 2017 ވަނަ އަހަރު ވެލެންސިއާ ގޮވައިގެން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރުމެވެ.

އެ ފަހަރު ކޮލިފައިން ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ކުޅުނު ފުރަތަމަ ލެގު އެ ގައުމުގައި ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މާލޭގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 3-0 އިންނެވެ. އޭގެ ފަހުން ވެލެންސިއާ އިން ކޮލިފައިން ޕްލޭއޮފްގައި މޯހަން ބަގާންއާ މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެކަމަކު، އިންޑިއާގައި މޯހަން ބަގާން އަތުން 4-1 އިން ބަލިވެ، ގްރޫޕް ސްޓޭޖުގެ ޖާގަ ނުލިބި ކެޓީ އެވެ. އެ ފަހަރު ކުޅުނު މޯހަން ބަގާން މިހާރު އޮތީ 2020 އިން ފެށިގެން އެތުލެޓިކޯ ޑި ކޮލްކަތާއާ އެއްކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox