އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހުރިހާ ޝަރީއަތެއްގެ ވީޑިއޯ އަދި އޯޑިއޯ އާންމުކުރުމަށް ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓުން މިހާރު ޝަރީއަތްތައް ލައިވްކުރަމުން ދަނީ އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ. އޭގެ ތެރޭގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހުރިހާ ޝަރީއަތްތަކެއް ނުހިމެނެ އެވެ. ނަމަވެސް، މިއަދުން ފެށިގެން އެފަދަ ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯ ވެސް އާންމު ކުރުމަށް އެ ކޯޓުން ވަނީ ނިންމާފަ އެވެ.
ހައިކޯޓުން އެންމެ ފުރަތަމަ ޝަރީއަތެއް ލައިވްކުރީ ޖޫން 7، 2020 ގަ އެވެ. އޭގެ ފަހުން ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް އެ ކޯޓުން ވަނީ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން، ދާދިފަހުން ހައިކޯޓުން ވަނީ އެ ކޯޓުގައި ކުރިއަށްދާ އަޑުއެހުންތަކަށް ފޯނާއި ލެޕްޓޮޕްގެ އިތުރުން ޓެބްލެޓް ވެއްދުމަށް ވެސް ހުއްދަ ދޭން ފަށާފަ އެވެ. އޭގެ އިތުރުން، މައްސަލައެއް ހުށަހެޅުމާއެކު, އޭގެ މައުލޫމާތު ވެބްސައިޓުން ފެންނަން ހުންނަ ގޮތް ވެސް އެ ކޯޓުން ވަނީ ހަދާފަ އެވެ.
ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުން ވެސް އަންނަނީ ޝަރީއަތްތައް ލައިވްކޮށް އާންމުކޮށް ދުރަށް ދައްކަމުންނެވެ. ނަމަވެސް، އެ ކޯޓުތަކުގައި ހިނގާ ހުރިހާ ޝަރީއަތެއްގެ އޯޑިއޯ އަދި ވީޑިއޯ އާންމު ނުކުރެ އެވެ.












