ރަށު އިގުތިސޯދު ކުރިއަރުވަން މަސައްކަތްކުރާ ތަނަކަށް ކައުންސިލްތައް ވާންޖެހޭ ކަމަށާއި އެކަމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީން ބާރުއަޅާ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
އުރީދޫ ރޯދަ ކެމްޕޭންގެ ދަށުން، "ކަނޑޫދޫ މިރުސް"، ވިޔަފާރި ބްރޭންޑަކަށް ބަދަލުކޮށް އެ ބްރޭންޑް ތައާރަފުކުރުމަށާއި، ކަނޑޫދޫ މިރުހުގެ ސޯސް ތައާރަފުކުރަން މެންހެޓަން ބިޒްނަސް ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަފްޝަން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ފަހު ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދައި، ރަށު އިގުތިސޯދުގައި ހަރަކާތްތެރިކަން ހުރުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން މުޅި މުޖުތަމައުގެ، މުޅި ރަށުގެ އިގުތިސޯދު ހިންގައި، [އެކަންކަމަށް] ވަރަށް ބޮޑު ހިތްވަރެއް ދޭ ބަޔަކަށް ކައުންސިލްތައް ހެދުމަށް އަޅުގަނޑުމެން ވަރަށް ބާރުއަޅަން،" އަފްޝަން ވިދާޅުވި އެވެ.
ރަށްރަށުގެ ތަރައްގީ ޕްލޭން ހެދިއިރު ރަށު އިގުތިސޯދު ކުރިއަރުވަން ކައުންސިލްތަކަށް ކުރެވޭނީ ކޮންކަމެއްތޯ ވަރަށް ބޮޑަށް ބެލި ކަމަށާއި އެކަންކަން ކައުންސިލްތަކާ ހިއްސާކޮށްފައި ވާނޭ ކަމަށް އަފްޝަން ވިދާޅުވި އެވެ.
ރަށު އިގުތިސޯދު ކުރިއެރުވުމަށްޓަކައި ކައުންސިލްތަކާއި ބޮޑެތި ވިޔަފާރި ކުންފުނިތައް ގުޅިގެން ކަންކަން ހިންގުން މުހިންމުކަން ފާހަގަ ކުރައްވައި އަފްޝަން ވިދާޅުވީ ކަނޑޫދޫ މިރުސް ބްރޭންޑްކުރަން އުރީދޫން ކުރި މަސައްކަތަކީ އެފަދަ ލާމަސީލެއް ކަމަށެވެ.

"ރާއްޖޭގަ ގާއިމުވެފަ ހުރި ވިޔަފާރިތަކާއި ކައުންސިލްތަކާއި ލިންކް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އެކަން ކުރަން ވިސްނާފަ އޮއްވާ އެކަމުގެ އިނިޝިއޭޓިވް އުރީދޫއިން ނެންގެވިކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް،" އަފްޝަން ވިދާޅުވި އެވެ.
ކަނޑޫދޫ މިރުސް ބްރޭންޑްކޮށް، ސޯސް ތައްޔާރުކޮށް، އަދި އެ ތަކެތި ވިއްކުމަށް ކަނޑޫދޫ މިރުސްގެ ނަމުގައި ވެބްސައިޓެއް ހެދުމަކީ ލާމަސީލު މިސާލެއް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. އަދި އެއީ މުޅި ރާއްޖެއަށް ވެސް ލިބިގެންދިޔަ ހަދިޔާއެއް ކަމަށް އަފްޝަން ވިދާޅުވި އެވެ.
ކައުންސިލްތަކާއި ވިޔަފާރިތައް އެއްކޮށް މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް ޕްރޮމޯޓުކުރާ ހިޔާލެއް ކަމަށާއި އެފަދަ ކަންކަމުގައި އުރީދޫއިން އަބަދު ވެސް މިސާލު ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ މި މޮޑެލް އެހެން ކުންފުނިތަކުން ވެސް ބަލައިގަނެ ކުރިޔަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެކަމަށް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަ މަށް ޝައްކު ނުކުރައްވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.













