ލަފާ ދޭ މީހުން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ދެކެ ބިރުން، ޔޫކްރެއިންގެ ހަނގުރާމައިގެ ހަގީގަތް އޮޅުވާލަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އިނގިރޭސި ޖާސޫސީ މައުލޫމާތަށް ބަލާއިރު، ޔޫކްރެއިންގައި ތިބި ރަޝިއާ ސިފައިން ވަނީ ހިތްވަރު އެލިފަ އެވެ. އަދި ސަޕްލައި ނުލިބި، އަމުރުތައް ތަންފީޒު ކުރަން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
އެމެރިކާއިން ބުނީ ހަނގުރާމައިގެ ހަގީގަތް ޕުޓިންއަށް އޮޅުވާލަމުންދާ އިރު، ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގްތިސާދަށް ކުރާނެ އަސަރުގެ ހަގީގަތް ވެސް ދަނީ އޮޅުވާލަމުންނެވެ.

އެމެރިކާގެ ވާހަކަތަކަށް ރަޝިއާ ސަރުކާރުން އަދި ރައްދެއް ނުދެ އެވެ.
ރަޝިއާގެ ފައުޖުން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ޕުޓިންއަށް "އިހްސާސްވާ" ކަމަށާއި އެހެންވެ ޕުޓިން އާއި އަސްކަރީ ލީޑަރުންނާ ދެމެދު ނުތަނަވަސްކަން އެބަ އޮތް ކަމަށް އެމެރިކާއިން ބުނެ އެވެ.
ޕެންޓަގަން އިން ބުނީ އެފަދަ ހާލަތެއް އޮތުމަކީ "ކަންބޮޑުވާ" ކަމެއް ކަމަށާއި އޭގެ ސަބަބުން ސުލްހަވެރި މަޝްވަރާ މެދުވެރިކޮށް ހަނގުރާމަ ނިންމަން އިތުރަށް އުނދަގޫވެދާނެ ކަމަށެވެ.
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު އަންގާރަ ދުވަހު ތުރުކީގައި ސީދާ މަޝްވަރާތައް ބޭއްވި އެވެ. އޮންލައިން މަޝްވަރާތައް އޭޕްރިލް އެއް ވަނަ ދުވަހު އަލުން ފަށާނެ އެވެ.










