ޓެލެސްކޯޕެއް މެދުވެރިކޮށް މިހާތަނަށް ހޯދި އެންމެ ދުރުގައިވާ ތަރިއަށް "އިއަރެންޑަލް"ގެ ނަން ދީފި އެވެ.
އެ ތަރީގެ އަލިކަން ދުނިޔެއާ ހަމައަށް ފޯރަން 12.9 ބިލިއަން އަހަރު ހޭދަވެފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
"އިއަރެންޑަލް" އަކީ ޓެލެސްކޯޕް ބޭނުންކޮށްގެން "ސިންގަލް" ނުވަތަ އެއް ތަރި އާއްމުކޮށް ހޯދޭ ހިސާބަށް ވުރެ ދުރުގައިވާ ތަރިއެކެވެ. އެ ތަރި ހިމެނޭ ހިސާބުން އާއްމުކޮށް ފެންނަނީ އެތއް މިލިއަން ތަރި ހިމެނޭ ތަފާތު ގެލެކްސީތަކެވެ.
ނަމަވެސް ޖައްވުގައިވާ ހަބްލް ޓެލެސްކޯޕުން "އިއަރެންޑަލް" ހޯދީ "ގްރެވިޓޭޝަނަލް ލެންސިންގް" ނަމަކަށް ކިޔާ ގުދުރަތީ ހާލަތެއް ބޭނުންކޮށްގެންނެވެ.

ހަބްލް ޓެލެސްކޯޕް.
އެ ހާލަތަކީ ލެންސެއް ޒޫމް ކުރުން ފަދަ ހާލަތެކެވެ. ޓެލެސްކޯޕަށް ފެންނަ ހިސާބުގައި ގިނަ ގެލެކްސީތަކެއް އެއް ސަފަކަށް ހުރި ނަމަ، އޭގެން އުފެދޭ ބިމަށް ދަމާ ބާރު ނުވަތަ "ގްރެވިޓޭޝަނަލް ޕުލް" އިން އެއަށްވުރެ ދުރުގައިވާ ތަކެތީގެ އަލިކަން ދަމައި، އެ އަލި ފެންނަ ވަރު ބޮޑު ވާނެ އެވެ.
އެގޮތަށް އާއްމުކޮށް ދެނެގަނެވެނީ އެހެން ގެލެކްސީތަކެވެ. ނަމަވެސް މި ފަހަރު ހަބްލް ޓެލެސްކޯޕަށް ފެނުނީ އެކަނި އިން "އިއަރެންޑެލް" ތަރި އެވެ.
މީގެ ކުރިން އެންމެ ދުރުން ފެނުނު ތަރިއަކީ "އައިކާރަސް" އެވެ. އެ ތަރި ވެސް ހޯދީ ހަބްލް ޓެލެސްކޯޕްގެ އެހީގަ އެވެ. އެ ތަރީގެ އަލިކަން ދުނިޔެއާ ހަމައަށް ފޯރަން ނުވަ ބިލިއަން އަހަރު ހޭދަވި އެވެ.








