ބާސެލޯނާ (މާޗް 30) - ބާސެލޯނާ އަށް މި ފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 29 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 29 މެޗުން 57 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އެއް މެޗު މަދުން ކުޅެފައިވާއިރު، އެ ޓީމަށް ވަނީ 28 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.
މެޗު ހަމަކުރާއިރު، ބާސެލޯނާ އަށް ރެއާލާ ނުވަ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު، ބާސެލޯނާ އަށް ލީގުގެ އެއް ވަނަ އަށް އެރޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ލަޕޯޓާ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
"ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ސްޕެނިޝް ލީގުގެ ދެ ވަނަ ހޯދުމަކުން އަހަރެމެންނަށް ނުފުދޭނެ. އަހަރެމެން ސްޕެނިޝް ލީގު ކާމިޔާބުކުރަން ވެސް ބޭނުން. އެކަން ކުރެވޭނެ ކަމަށް އަހަރެން ގަބޫލު ވެސް ކުރަން،" އާރްއޭސީވަން އަށް ދިން އިންޓަވިއުގައި ލަޕޯޓާ ވިދާޅުވި އެވެ.
"އަހަރެމެންގެ މިހާރު އެބައޮތް ޗެމްޕިއަންކަން ހޯދޭނެ ފެންވަރުގެ ޓީމެއް، ލީގުގެ ފަހު ހިސާބުގައި އަހަރެމެން މި އަންނަނީ މޮޅަށް ކުޅެމުން. މި ކުޅުން ދަމަހައްޓައިފިނަމަ ޗެމްޕިއަންކަން ހޯދޭނެ،"
ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބާސެލޯނާ އިން ވަނީ ރެއާލް ދަނޑުގައި 4-0 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ބާސެލޯނާގެ ރައީސް ލަޕޯޓާ އަންނަނީ އެކި ފޯރަމްތަކުގައި އެ ޓީމަށް މި ފަހަރު ސްޕެނިޝް ލީގު ހޯދިދާނެ ކަމަށް ވިދާޅުވަމުންނެވެ.
ލަޕޯޓާ ވިދާޅުވީ މި ވަގުތު ބާސެލޯނާ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮސްމާން ޑެމްބެލޭގެ ކޮންޓްރެކްޓް އާ ކުރަން ބާސެލޯނާގެ ހުށަހެޅުންތައް ޑެމްބެލޭ އާއި އޭނާގެ އޭޖެންޓަށް އެނގޭނެ ކަމަށެވެ. އަދި ޑެމްބެލޭ އަށް ބާސެލޯނާގައި މަޑުކުރެވޭނީ ކްލަބްގެ ޕޮލިސީ ގަބޫލުކުރާ ވަރުގެ މުސާރަ އަކަށް އެއްބަސްވެވިގެން ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މެޗުތަކަށް ސްޕެނިޝް ލީގު މެދުކަނޑާލާފައިވާއިރު، އަލުން ސްޕެނިޝް ލީގު މި ހަފްތާގައި ފަށާނެ އެވެ. ބާސެލޯނާ އިން އާދިއްތަ ދުވަހުގެރޭ ކުޅޭނީ އަމިއްލަ ދަނޑުގައި ސެވިއްޔާއާ އެެވެ. ލީގުގެ ދެ ވަނަ އަށް ޖެހިލަން މި މެޗުން މޮޅެއް ހޯދުން ބާސެލޯނާ އަށް މުހިންމެވެ.












