ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް މިވަގުތައް އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު ބޭނުންކުރެ އެވެ. މިހެންކަމުން ތެލުގެ އަގު އުފުލުމަކީ އެ ކުންފުނީގެ ވިޔަފާރިކުރުމާއި ހިދުމަތް ދިނުމުގެ ހަރަދު ބޮޑުވާނެ ކަމެކެވެ.
މިހާރު ވެސް ކުންފުުނީގެ ހަރަދުތައް ބޮޑުވެފައިވާ ކަން ޔަގީންކޮށް ދެއްވަމުން އެމްޕީއެލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ދުނިޔޭގެ ބާޒާރާ އެކު ރާއްޖޭން ތެޔޮ ލިބޭ އަގު ބޮޑުވެ، ކުންފުނީގެ ހަރަދުތައް ބޮޑުވެފައިވާ ކަމަށެވެ.
އެކަމަކު އެއާ ގުޅިގެން އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތުގެ އަގަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ކުންފުނިން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އައިސްފައި ހުރި އަގާ ގުޅިގެން އަޅުގަނޑުމެން ޕޯޓުން ފޯރުކޮށްދޭ ހިދުމަތުގެ އަގު އެއްވެސް ވަރަކަށް ބޮޑު ކުރާކަށް ނުވިސްނަން"
މިހާރު އަގު ބޮޑު ނުކުރި ނަމަވެސް ޝާހިދުގެ ވާހަކަތަކުން ދޭހަވީ މިހާރަށް ވުރެ އަގުތައް އުފުލިއްޖެ ހާލަތެއްގައި އަގުތައް ބޮޑުކުރަން ޖެހިދާނެ ކަމެވެ. އެމްޕީއެލްގެ މިހާރަށް އަމާޒަކީ އަގުތައް ބަދަލުނުކޮށް ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ހުރި އަގުތަކަށް ބަލާއިރު، މި ހިނގާ މާޗު މަހުގެ ކުރީކޮޅު އަގުތައް އިންތިހާއަށް އުފުލުމަށްފަހު އަގު އުފުލުން ކުޑަކޮށް މައިތިރިވެއްޖެ އެވެ. އެކަމަކު އަދިވެސް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރުން މަތީގަ އެވެ.










