ރާއްޖޭގައި މިހާތަނަށް ހިންގޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.
އެކްސަލަރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމް ގާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވާ ޗައިނާ ހުއަޑޮންގް އިންޖިނިއަރިންގް ކޯޕަރޭޝަން ޖޮއިންޓް ވެންޗާގެ މަޝްރޫއެކެވެ.
މިއީ ރާއްޖޭގައި އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއު އެވެ.
އެގޮތުން މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އަދި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮންގް އިންޖިނިއަރިންގް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގް ގޯ އެވެ.
އެސްޕަޔާ މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް ހުޅަވާލި ފުރުސަތުގައި 34 ކުންފުންޏަކުން ވަނީ ޕްރީކޮލިފިކޭޝަން ހުށަހަޅާފަ އެވެ. އަދި ޕްރީކޮލިފިކޭޝަން ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ ހަތަރު ކުންފުންޏަކުންނެވެ.

އަދި ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެންމެ ކުޑަ އެގެއް ހުށަހެޅީ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޗައިނާގެ ޕަވާ ޗައިނާ ހުއަޑޮންގް އިންޖިނިއަރިންގް ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗާ އިންނެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގޭ އިއާދަކުރަނިވި ހަކަތައިގެ އެއްމެ ބޮޑު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ
ހަ ސަރަހައްދެއްގައި ސޯލާ ޕީވީގެ ނިޒާމު ގާއިމުކޮށް އުފައްދާ ކަރަންޓް 15 އަހަރުގެ ޕަވާ ޕާޗޭސިންގް އެގްރީމެންޓެއްގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަށް ވިއްކުމަށް އެ ކުންފުނިން ހުށަހެޅީ އުފައްދާ ކޮންމެ ކަރަންޓް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ޕަވާ ޕާޗޭސިން އެގްރީމެންޓް މޮޑެލްގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެންމެ ހެޔޮ އަގެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެން ދަށް އަގެވެ.
މި މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރަނީ:
- އައްޑޫ ސިޓީ: ތިން މެގަވޮޓް
- ފުވައްމުލައް ސިޓީ: ދެ މެގަވޮޓް
- ގދ. ތިނަދޫ: ދެ މެގަވޮޓް
- ކުޅުދުއްފުށީ ސިޓީ: 1.5 މެގަވޮޓް
- ބ. އޭދަފުށީ: 1.5 މެގަވޮޓް
- ޅ. ހިންނަވަރު: އެކެއް މެގަވޮޓް
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް ނިމި ކަރަންޓުގެ ހިދުމަތް ދެވޭނޭ ކަމަށް އަންދާޒާ ކުރެވެނީ އެ އަހަރުގެ ފަހުކޮޅު އެވެ.
މި މަޝްރޫއުއިން 11 މެގަވޮޓްގެ ސޯލަ ޕީވީގެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މި ނިޒާމުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ އެވެ. އޭގެ ސަބަބުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ އެވެ.
ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

އިއާދަކުރަނިވި ހަކަތައިގެ އެއްމެ ބޮޑު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަރްމެންޓް މިނިސްޓްރީ
އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރެވޭނެ އެވެ.
އެސްޕަޔާ މަޝްރޫއުގެ އިތުރުން ވާލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ.
އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.
މިނިސްޓްރީން ހިންގާ އެސްޕަޔާ އަދި އެރައިސް މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ހަރަދު ކުޑަކޮށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމާއެކު މިކަމަށް ފުރުސަތުތައް ހުޅުވައިދިނުމާއި އަދި މިކަމާ ގުޅޭ ތަމްރީން ދިނުން މި މަޝްރޫއުގައި ހިމެނެ އެވެ.
މި މަޝްރޫއިން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ. އަދި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ.
އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮންގް އިންޖިނިއަރިންގް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގް ގޯ އެވެ.
މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާ ދެމެދުވެސް ކޯޕަރޭޝަން އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ. މި އެގްރީމެންޓަގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.













