މެންޗެސްޓާ (މާޗް 28) - މެންޗެސްޓާ ޔުނައިޓެޑްގައި އަންނަ ސީޒަނުގައި ވެސް މަޑުކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދާދިފަހުން ސްޕެއިނާއި އިޓަލީ އަދި އިންގްލެންޑްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޔުނައިޓެޑަށް ފުރުސަތު ނުލިބިއްޖެނަމަ ރޮނާލްޑޯ އެ ޓީމު ދޫކޮށްލާނެ އެވެ. އެކަމަކު، އިނގިރޭސި ނޫހެއް ކަމަށްވާ "ދި އެތުލެޓިކް" އިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ ނިންމާފައިވަނީ މި ސީޒަނުގައި ކޮންމެ ގޮތެއް ވިޔަސް ޔުނައިޓެޑާ އެކު އަންނަ ސީޒަނުގައި މަޑުކުރުމަށެވެ.
އެތުލެޓިކުން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ މި ގޮތަށް ނިންމީ މި އަހަރުގެ ފަހު ކޮޅުގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވާނެ ކަމުގެ ޔަގީންކަން އޮތުމުން އޭގެ ކުރިން އެހެން ކްލަބަކާ ގުޅުމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވާނެތީ އެވެ.
ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ޕޯޗުގަލް ކުޅުނު ސެމީ ފައިނަލް މެޗުން ވަނީ ތުރުކީ އަތުން މޮޅުވެފަ އެވެ. މާދަމާރޭ ނޯތު މެސެޑޯނިއާ އަތުން ޕޯޗުުގަލް މޮޅުވެއްޖެނަމަ ގަތަރު ވޯލްޑް ކަޕް ޖާގައެއް ޕޯޗުގަލް އަށް ކަށަވަރުވީ އެވެ. ނޯތު މެސެޑޯނިއާ އިން ވަނީ ޕްލޭއޮފް ސެމީ ފައިނަލުގައި އިޓަލީ ކަޓުވާލައިފަ އެެވެ.
ޔުވެންޓަސް ދޫކޮށް މި ސީޒަނުގައި ރޮނާލްޑޯ, ޔުނައިޓެޑާ ގުޅުނީ މެންޗެސްޓާ ސިޓީ ވެސް އޭނާ ހޯދުމުގެ ރޭހުގައި އޮއްވަ އެވެ. ރޮނާލްޑޯ ވަނީ މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް މުހިންމު ގޯލުތަކެއް ޖަހައިދީފަ އެވެ. ޔުނައިޓެޑަށް މި ސީޒަނުގައި ތަށްޓެއް ހޯދުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވެފައިވާއިރު، އެ ގޮތަށް ނިމިއްޖެނަމަ މިއީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭ ރޮނާލްޑޯ، ކްލަބް ލެވަލްގައި ތަށްޓެއް ނެތި ސީޒަނެއް ނިންމާލާނެ ފުރަތަމަ ފަަހަރެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅެދިން 33 މެޗުން 18 ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












