އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ދެކުނު ޕޮލިސް ރީޖަން (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ) ގައި ހިމެނޭ ރަށެއްގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކު ކަމަށް ފުލުހުން ބުންޏެވެ.
"އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަމުން އަންނައިރު، އެ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކޮށް، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެފަދަ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.













