ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ބެލެވިގެން އައްޑޫއިން އިއްޔެ ހައްޔަރު ކުރި ހަ މީހަކު ހަތް ދުވަހަށް ބަންދު ކުރުމަށް ސ. ހިތަދޫ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން އިއްޔެ ނުވަ މީހަކު ހައްޔަރު ކުރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އައްޑޫއިން ހައްޔަރު ކުރީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ތާއީދު ކުރާ ކަމަށް ބެލެވޭ ބަޔެކެވެ. އެމީހުންގެ ހައްޔަރު ކުރުމުގެ އިތުރުން ދިރިއުޅޭ ގިނަ ތަންތަން ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ވަސީލަތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ މައްސަލައާ ގުޅިގެން ތިން ކުޑަކުއްޖަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެމީހުން ފުލުހުންގެ ހައްޔަރަކަށް ނުނަގަ އެވެ.
އައްޑޫއިން ހައްޔަރު ކުރި މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެމީހުން ހައްޔަރު ކުރީ ސީދާ ކޮން ކަމެއް ކުރަން އުޅެގެން ކަމެއް ވެސް ނުބުނެ އެވެ. ހަމައެކަނި ބުނީ "ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި" ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަން، ރައީސް ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ހުންނަވަނިކޮށް ކުރިއަށްގެންދިޔަ ނަމަވެސް، ޓެރަރިޒަމްގެ އަމަލު ހިންގަން އުޅުނީ އެ ދެ ބޭފުޅުންގެ ދަތުރާ ދިމާކޮށްކަން ބުނާކަށް ނޭނގެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021، މާލޭގައި ގޮއްވާލި ވަރުގަދަ ބޮމަށްފަހު ވެސް އައްޑޫއިން ފުލުހުން ބަޔަކު ހައްޔަރު ކުރި އެވެ. އެފަހަރު ޖުމްލަ އަށް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި، ނަޝީދަށް ދިން ހަމަލާ މާސްޓާމައިންޑު ކުރި ކަމަށް ބެލެވޭ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ހިމެނެ އެވެ.
titledesc













