އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އެޅި ޕޮލިސް އެކަޑަމީ (ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް) ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޮލިސް ކޮލެޖް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ސޯލިހެވެ.
ދިވެހި ފުލުހުންނަށް ތަމްރީންތައް ދިނުމަށް ހާއްސަކޮށްގެން ހުޅުވި މި އެކަޑަމީ އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުވި އެކަޑަމީއެކެވެ.
އެ އިމާރާތުގައި ހިމެނޭ ތަންތަން:
- އެކޮމަޑޭޝަން ބްލޮކްތައް
- މެޑިކަލް ހިދުމަތް ދޭނެ ކްލިނިކްތައް
- ޕީޓީ ގްރައުންޑް
- ހެލިޕޭޑާއި ޓްރެއިނިން ސެންޓަރު
- 800 މީހުންގެ ޖާގައިގެ ޖިމެއް
- ފުޓްބޯޅަ ދަނޑެއް
- ބާސްކެޓް ކޯޓެއް
- ޓެނިސް ކޯޓެއް
- 400 މީޓަރުގެ ޓްރެކެއް
- 340 މީހުންގެ އޮޑިޓޯރިއަމެއް
- 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައް
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017ގަ އެވެ.

އައްޑޫ ޕޮލިސް އެކަޑެމީ އަކީ އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު މަޝްރޫ އެވެ. އަދި އައްޑޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު އެވެ. މި އެކަޑެމީ އަކީ ހިތަދޫގައި ކުރިން ހުރި ފުލުހުންގެ ޓްރެއިނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހިންގައިދޭން ނިންމި މަޝްރޫއެކެވެ.













