ޓެކްސް ޒިންމާތައް އަދާނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އަންމަ މަހުން ފެށިގެން އެންފޯސްމަންޓު ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
އެންފޯސްމަންޓް ފިޔަވަޅުތައް އެޅުން މީރާ އިން ހުއްޓާލީ، ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ލައިގަތް އިގުތިސޯދީ ހީނަރުކަމާ ގުޅިގެން ވިޔަފާރިތަކަށް ދިން ވަގުތީ ލުޔެއްގެ ގޮތުގަ އެވެ.
އެއާ އެކު ޓެކްސް ގާނޫނުގެ ދަށުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުން އެ އިދާރާއިން މަޑުޖައްސާލި އެވެ. އަދި އެ ބަލިމަޑުކަމުގެ ހާލަތު ދެމިގެން ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް ވިޔަފާރިއަކަށް ޓެކްސް ބަޔާން ހުށަނާޅައިގެން ނޫނީ ޓެކްސް ނުދައްކައިގެން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
އެކަމަކު ކޮވިޑުގެ ހާލަތަށް ފަހު ރާއްޖޭގެ އިގުތިސޯދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށް މީރާއިން ނިންމީ އަލުން ފިޔަވަޅު އަޅަން ފަށާށެވެ.
އެންފޯސްމަންޓް ޕޮލިސީ އުވާލާ، އަމަލުކުރަން އާ އުސޫލުތަކެއް
ޓެކްސް އިލްތިޒާމުތައް ފުރިހަމަ ނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އެންފޯސްމަންޓް ފިޔަވަޅުތައް އަޅަން ކުރިން ގެންގުޅުނީ މީރާގެ "އެންފޯސްމަންޓް ޕޮލިސީ" އެކެވެ. ނަމަވެސް، އަންނަ މަހުން ފެށިގެން މި ޕޮލިސީ އުވާލާނެ އެވެ.
އޭގެ ބަދަލުގައި އެންފޯސްމަންޓް ފިޔަވަޅުތައް އަޅާނީ ޓެކުހާއި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދަން އެ އިދާރާއިން އަމަލުކުރާނެ ގޮތުގެ ފަސް އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ. އެ އުސޫލުތަކަކީ:
- ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު
- އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އުސޫލު
- ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކަ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު
- ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކް އެކައުންޓް ބެލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު، އަދި
- ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލެވެ.
މި އުސޫލުތަކުގައި ހިމަނާފައިވާ މައިގަނޑު ކަންކަމާއި އެންފޯސްމަންޓް ޕޮލިސީ އާ މާ ބޮޑު ތަފާތުތަކެއް ނެތް ނަމަވެސް، ބައެއް މުއްދަތުތައް އިތުރުކޮށްދިނުމާއި މިހާރަށް ވުރެ ތަފުސީލީ ގޮތެއްގައި ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތް ހިމަނާފައިވެ އެވެ.










