ރިޕޯޓުއަދަދުތަކުން: 2025 ގައި މީރާއިން ބަލައިގަތް އާމްދަނީ

އަދަދުތަކުން: 2025 ގައި މީރާއިން ބަލައިގަތް އާމްދަނީ

މިދިޔަ އަހަރު މީރާއިން 32.7 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 39.7 ބިލިއަން ރުފިޔާގެ 80 ޕަސެންޓަށް ވުރެ އިތުރު އަދަދެއް. މީރާއަށް ގިނަ ފައިސާ ވަންނަނީ ޑޮލަރުން.

ގްރެފިކްސް: އަދަދު
ގްރެފިކްސް: އަދަދު

ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މީގެ ތެރޭގައި ޓެކްސްތަކާއި ޓެކްސް ނޫން އާމްދަނީ ވެސް ހިމެނެ އެވެ. މިއީ މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުން ފާހަގަކޮށްލެވޭ، އާމްދަނީގެ އުސްއަލިތަކާއި ބައެއް ތަފުސީލުތަކެވެ.

32.7 ބިލިއަން

މިއީ މީރާއިން މުޅި އަހަރުގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދެވެ. ޖުމްލަކޮށް ބަލާއިރު، ގިނަ ޓެކްސްތަކުން ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މީރާގެ ކަލެކްޝަން ރިޕޯޓުގައި އޮންނަ 20 ދާއިރާގެ ތެރެއިން އާމްދަނީ އިތުރުވީ 10 ދާއިރާއަކުންނެވެ. ބާކީ 10 ދާއިރާއިން ލިބުނު އާމްދަނީ ދަށްވީ ނަމަވެސް، އާމްދަނީ އިތުރުވީ ދާއިރާތަކުން އިތުރުވީ ވަރަކަށް ދަށްވީ ދާއިރާތަކުން ދަށަށް ނުދެ އެވެ.

އަހަރުންއަހަރަށް އާމްދަނީއަށް އައި އިތުރުވުމަށް ބަލާއިރު، މިދިޔަ އަހަރު މީރާއިން ބަލައިގަތް އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 14 ޕަސެންޓު އިތުރެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގަތީ 28.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާމްދަނީ އިތުރުވީ ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ޓެކްސްތަކާއި ބައެއް ފީތައް ބޮޑުކުރުމާއެކީ އެ ސިނާއަތާ ގުޅޭ ހުރިހާ ދާއިރާއަކުން ލިބޭ އާމްދަނީ އިތުރުވުމާއި އާންމު ވިޔަފާރިތަކުން ނަގާ ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމެވެ.

1.4 ބިލިއަން

މިއީ މިދިޔަ އަހަރު މީރާއިން ޑޮލަރުން ބަލައިގަތް އަދަދެވެ. ޑޮލަރުން ބަލައިގަތް އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 403 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. ޑޮލަރު އާމްދަނީއަށް މި ވަރުގެ އިތުރުވުމެއް އައީ ޑޮލަރުން ދައްކަން ޖެހޭ ޓެކްސްތަކާއި ފީތަކުގެ ރޭޓު ބޮޑުކޮށް، ޑޮލަރުން އާމްދަނީ ލިބޭ މީހުންނާއި ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދައްކަން މަޖުބޫރުކުރުމާ ގުޅިގެންނެވެ.

މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ ރަސްމީ ރޭޓުގައި ހިސާބުކުރުމުން ދިވެހި ރުފިޔާއަށް ބަދަލުކުރުމުން 22.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ނިމުނު އަހަރުގެ ތެރޭގައި މީރާއަށް ދިވެހި ފައިސާއިން ލިބުނު 10.1 ބިލިއަން ރުފިޔާއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު ޓެކްސް އާމްދަނީ އިތުރުވީ 306 މިލިއަން ޑޮލަރެވެ. އަދި ޓެކްސް ނޫން އާމްދަނީ އިތުރުވީ 96 މިލިއަން ޑޮލަރެވެ.

މީރާއިން މިދޔަ އަހަރު ބަލައިގަތް ޓެކްސް އާމްދަނީގެ ތަފުސީލު --- މަސްދަރު: މީރާ
މީރާއިން މިދޔަ އަހަރު ބަލައިގަތް ޓެކްސް އާމްދަނީގެ ތަފުސީލު --- މަސްދަރު: މީރާ

މީރާއިން މިދޔަ އަހަރު ބަލައިގަތް ޓެކްސް އާމްދަނީގެ ތަފުސީލު އަންގައިދޭ ތާވަލު --- މަސްދަރު: މީރާ

50 ޕަސެންޓު

މިއީ މީރާއިން ބަލައިގަތް ޖުމްލަ އާމްދަނީގެ ތެރެއިން ޖީއެސްޓީ ހިއްސާކުރާ އަދަދެވެ. ދައުލަތަށް އަބަދު ވެސް އެއް ދާއިރާއަކުން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އާންމު ވިޔަފާރިތަކުން ނަގާ ޖީއެސްޓީއިންނާއި ޓޫރިޒަމް ޖީއެސްޓީންނެވެ. މިދިޔަ އަހަރު ވެސް ޖީއެސްޓީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނެވެ. ޖީއެސްޓީގެ ބޮޑު ބަޔެއް ވަންނަނީ ޓޫރިޒަމުންނެވެ. މިދިޔަ އަހަރު ވެސް ޓޫރިޒަމް ވިޔަފާރިތަކުން ވަނީ ޓީޖީއެސްޓީގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ މީރާއަށް ދައްކާފަ އެވެ. މިއީ ދައުލަތަށް ލިބުނު އާމްދަނީގެ ތިން ބައި ކުޅަ އެއް ބަޔެވެ.

މިދިޔަ އަހަރު އާންމު ވިޔަފާރިތަކުން ދެއްކީ 5.4 ބިލިއަން ރުފިޔާ އެވެ. އަދި، ރޭޓު މަތި ނުކުރި ނަމަވެސްމިދިޔަ އަހަރު އާންމު ވިޔަފާރިތަކުން ލިބުނު ޖީއެސްޓީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 400 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ އަހަރުންއަހަރަށް ބަލާއިރު ވަރަށް ރަނގަޅު ކުރިއެރުމެއް، އަދި އިގުތިސޯދުގެ ހަރަކާތްތެރިވަން ރަނގަޅު މިންވަރެއްގައި ކުރިއަރަމުން އަންނަކަމުގެ ފާލެކެވެ. އަދި، ޓެކްސް ކަލެކްޝަނުގެ ހަރުދަނާކަން ވެސް އަންގައިދޭ ކަމެކެވެ.

މީރާއިން ބަލައިގަތް ޓެކްސް ނޫން އާމްދަނީ އާއި ޖުމްލަ އާމްދަނީގެ ތަފުސީލު އަންގައިދޭ ތާވަލު --- މަސްދަރު: މީރާ
މީރާއިން ބަލައިގަތް ޓެކްސް ނޫން އާމްދަނީ އާއި ޖުމްލަ އާމްދަނީގެ ތަފުސީލު އަންގައިދޭ ތާވަލު --- މަސްދަރު: މީރާ

މީރާއިން ބަލައިގަތް ޓެކްސް ނޫން އާމްދަނީ އާއި ޖުމްލަ އާމްދަނީގެ ތަފުސީލު އަންގައިދޭ ތާވަލު --- މަސްދަރު: މީރާ

ދެ ގުނަ

މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ގްރީން ޓެކްސް އިތުރުވީ ވަރެވެ. ގްރީން ޓެކްސްއަކީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު، ހުންނަ ކޮންމެ ރެއަކަށް، އެ މީހަކު އަންނަ އެސްޓެބްލިޝްމަންޓުގެ ބާވަތާ ގުޅުވައި، ކަނޑައެޅިފައި އޮންނަ ރޭޓުތަކެއް މައްޗަށް ދައްކަން ޖެހޭ ޓެކުހެކެވެ. ސަރުކާރުން ވަނީ 2024 ވަނަ އަހަރު ގާނޫނު ބަދަލުކޮށް މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ރޭޓުތައް މަތިކޮށްފަ އެވެ.

ގްރީން ޓެކްސް ރޭޓަށް އައި ބަދަލު

  • ރިސޯޓުތަކާއި ހޮޓާތަކާއި 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ނެގި ހަ ޑޮލަރު ވަނީ 12 ޑޮލަރަށް
  • 50 ކޮޓަރިއަށް ވުރެ މަދު ހޮޓާތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ރެއަކަށް ދައްކަން ޖެހޭ ވަރު ތިން ޑޮލަރުން ހަ ޑޮލަރަށް

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 146 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ލިބުނުއިރު، އޭގެ ކުރީ އަހަރު ލިބުނީ 70.4 މިލިއަން ޑޮލަރު (1.08 ބިލިއަން ރުފިޔާ) އެވެ. އާމްދަނީ އިތުރުވީ ނިސްބަތުން ހިސާބުކުރާއިރު، އެއް ދާއިރާއަކުން މިދިޔަ އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ވެސް އައިސްފައި ވަނީ ގްރީން ޓެކުހުންނެވެ.

---

މިދިޔަ އަހަރު ދައުލަތަށް ހިލޭ އެހީ ހިމަނައިގެން ލިބޭނެ ކަމަށް އަންދާޒާކުރީ 39.7 ބިލިއަން ރުފިޔާ އެވެ. މީރާއިން ވަނީ މި ފައިސާގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ބަލައިގެންފަ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox