ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނުބަލައި އިންޑިއާއިން އެހީ ދެނީ ދިވެހި ރައްޔިތުންނަށް: ރައީސް

އައްޑޫގައި ގާއިމްކުރި ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

އައްޑޫގައި ގާއިމްކުރި ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

އަވަށްޓެރި އިންޑިއާއިން މެދުކެނޑުމެއްނެތި ރާއްޖެއަށް އެހީތައް ދެމުން ދަނީ ވެރިކަމުގައި އޮތް ޕާޓީއަކަށް ބެލުމެއްނެތި، ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކުރި ނެޝަނަލް ކޮލެޖު އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ އިން ޒަމާނުއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަމުގެ ސާފު ހެކިތައް ބަލައިލި ކޮންމެ ދިމާއަކުން ފެންނާން ހުރި ކަމަށެވެ.

އެގޮތުން، އިންޑިއާގެ ދީލަތި އެހީގެ ދަށުން ގާއިމުކޮށްފައިވާ އައިޖީއެމްއެޗު، އެމްއެންޔޫގެ ޓޫރިޒަމް ފެކަލްޓީ، ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ ނިޒާމާއި މިހާރު ފަށާފައިވާ މާލެ-ތިލަފުށި ފަދަ މަޝްރޫއުތަކަށް އެމަނިކުފާނު އަލިއަޅުވައިލެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެފަދަ މަޝްރޫއުތަކަކީ އިންޑިއާގެ ހިލޭ އަދި ލޯނު އެހީގެ ދަށުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ހިންގާ ބޮޑެތި މަޝްރޫއުތަކެވެ.

"އިންޑިއާއިން ރާއްޖެއަށް އެހީ ވަނީ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ، ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ސީދާ ދިވެހި ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ހުޅުވުނު ޕޮލިސް އެކެޑެމީއަކީ އެ ހަގީގަތުގެ ފުރިހަމަ އެއް މިސާލު ކަމަށެވެ.

ދިވެހި ފުލުހުން ތަމްރީނު ކުރުމުގެ މަރުކަޒެއް އެޅުމުގެ މަޝްވަރާތައް ފެށުނީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ އެކެޑެމީ ޅ. ދިއްފުށިމާދޫ އާއި މާބިންހުރާގެ އިތުރުން ދ. ވާނީގައި އެޅުމަށް މަޝްވަރާ ކުރުމަށްފަހު އައްޑޫގައި އެ އެކެޑެމީ ގާއިމުކުރުމަށް ނިންމާފައިވަނީ 2014 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ.

އިންޑިއާގެ 300 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ 2017 ވަނަ އަހަރެވެ.

ރައީސް ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މިފަދަ ފުރިހަމަ އެކެޑެމީއެއް ގާއިމުކުރުމަށްޓަކައި ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ.

އެގޮތުން، އެމަނިކުފާނު ވަނީ ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން މުހައްމަދު ނަޝީދަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުންނަ މައްސަލަތައް ހައްލުކުރުމެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މަސައްކަތަށް ގާބިލު ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަކީ މުޅި ދައުލަތުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"ފުލުހުންނަށް ހާއްސަ ތަމްރީނުތަކެއް ދޭންޖެހެނީ އެހެންވެގެން،" މި ކޮލެޖާއެކު ޑިމޮކްރެޓިކް ޒަމާނީ ބެސްޓް ޕްރެކްޓިސްގެ ދަށުން ފުލުހުން ތަމްރީން ކުރެވި އަހުލުވެރިވެގެންދާނެކަމުގެ އުއްމީދާއެކު ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox