އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ މަސްލަހަތަށް ވިސްނާ ކަމަށާއި، އެއީ މީގެ ކުރިން އިންޑިއާ އިން ރާއްޖެއަށް ވެދީފައިވާ ގިނަގުނަ އެހީތަކުން ސާފުކޮށް ފެންނަ ކަމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި މޯލްޑިވްސް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް (އެމްއެންސީޕީއެލްއީ) ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ އެންމެ އިތުބާރު ހުރި ބައިވެރިޔާ ކަމަށް ވިދާޅުވެފަ އެވެ. އަދި، އެގައުމުން އަބަދުވެސް ރާއްޖޭގެ މަސްލަހަތު އިސްކުރާ ކަމަށާއި އެއީ މީގެ ކުރިން އެގައުމުން ވެދީފައިވާ އެހީތަކުން ވެސް ދޭހަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން، ޝާހިދު ވަނީ 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ، 2004 ގެ ސުނާމީ ކާރިސާ، 2014 ގައި މާލެއަށް ކުރިމަތިވި ފެނުގެ ދަތިކަން އަދި ކޮވިޑުގެ ހާލަތު ފަދަ ދަތި ހާލަތްތަކުގައި އިންޑިއާ އިން ވެދިން އެހީ ފާހަގަކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވީ މިއަދު ހުޅުވި އެމްއެންސީޕީއެލްއީ އަކީ ވެސް އިންޑިއާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި ދެ ގައުމުގެ ގާތްގުޅުމަށް އިތުރުވި ބޮޅެއްކަމަށެވެ.
"މި ކޮލެޖަކީ ވެސް އަޅުގަނޑުމެންގެ އެންމެ ގާތް އެންމެ އިތުބާރުކުރެވޭ ބައިވެރިޔާ، އިންޑިއާ އާއެކު އޮންނަ ގާތް އެކުވެރި ގުޅުމުގެ ރަމްޒެއް،" ޝާހިދު ވިދާޅުވި އެވެ.

މިކަންކަން ފާހަގަކޮށް ޝާހިދު ވަނީ އިންޑިއާ އިން އަބަދުވެސް ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް އަމަލުކުރަން ވިސްނާ ކަމަށެވެ. ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާ ދެމެދުގައި އޮންނަ ގުޅުމަކީ އެތައް ޒަމާނެއްގެ ގުޅުމެއް ކަމަށެވެ.
އަދި، އެއީ ދިވެހިންނަށް ނުހަނު ފައިދާހުރި ގުޅުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ދިވެހިން ނުހަނު ބަލައިގަންނަ ލޯބިކުރާ ގުޅުމެއް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
"އިންޑިއާ އިން ގެންގުޅެނީ ރާއްޖޭގެ މަސްލަހަތަށް ވެސް އެންމެ ފައިދާހުރި ވިސްނުމެއްކަން އެގައުމުން ދަނީ އަބަދުވެސް ދައްކުވައިދެމުން،" މިއަދު ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ފާހަގަކުރެއްވީ މި ސަރުކާރަކީ އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.
"އިންޑިއާއިން ވަނީ ތަކުރާރުކޮށް އެއީ އަޅުގަނޑުމެންގެ ބައިވެރިއެއްކަން ސާބިތުކޮށްދީފަ،" ޝާހިދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވެސް ވިދާޅުވީ ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީ އަދި އިންޑިއާއިން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީ އަކީ ދެގައުމުގެ ގުޅުމުގެ މައިގަނޑު އަސާސު ކަމަށެވެ.
"ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ، އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީ، އެއި ހަމައެކަނި ބަސްތަކެއް ނޫން. އެކަމަކު އެއި އަޅުގަނޑުމެންގެ ގުޅުމުގެ މައިގަނޑު އަސާސުކަން،" ޖައިޝަންކަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ފުޅާވެ، ދެގައުމުގެ ބައިލެޓަރަލް ގުޅުންތައް މިހާރު ހުރިހާ ދާއިރާއަކުން ވެސް ކުރިއަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ޖައިޝަންކަރު ފާހަގަކުރެއްވީ، އައްޑޫގައި މިއަދު ހުޅުވި ޕޮލިސް އެކަޑަމީ އަކީ އެކަމުގެ މިސާލެއް ކަމަށެވެ. އަދި، އެ އެކަޑަމީއަކީ މާ ދުރު ނޫން މުސްތަގުބަލެއްގައި ވިސްނުންތެރިކަން ތަނަވަސް ބަޔަކު އެތަނުން ކިޔަވައި ނިމިގެން ނިކުންނާނެ ތަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އެމްސީޕީއެލްއީ ކުރިއަށް އޮތް ތަނުގައި އައިކޮނިކް އިންސްޓިޓިއުޝަނަކަށްވެ، އެންމެ ވިސްނުންތެރި ސިކުނޑިތައް ތަރައްގީކޮށް ޒަމާނީ ފުލުހުންގެ ފައުޖަކާ ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލެވޭ [ފުލުހުން ތަމްރީނުކުރުން]،"
މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ މިއަދު ހުޅުވި ޕޮލިސް އެކަޑަމީ އަކީ ތިލަމާލެ ބްރިޖުގެ ކުރިން އިންޑިއާއިން ރާއްޖޭގައި ކުރިޔަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އޭގެ އިތުރުން ވެސް އިންޑިއާއިން ރާއްޖޭގައި ކުރިޔަށްގެންދާ އިތުރު މަޝްރޫއުތަކަށް ޖައިޝަންކަރު އަލިއަޅުވާލެއްވި އެވެ.
އެގޮތުން، ހުޅުމާލެގައި އަޅާ 4،000 ހައުސިން ޔުނިޓާއި، މިފްކޯގެ ތަރައްގީގެ މަޝްރޫއުތަކާއި، ހުޅުމާލޭގައި އަޅާ ކްރިކެޓް ސްޓޭޑިއަމްގެ އިތުރުން ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާ މަޝްރޫއުތައް ވެސް ޓެންޑަރިން މަރުހަލާ އާ ހަމަޔަށް ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ދިވެހި ފުލުހުންނަށް އިންޑިއާއިން ދޭ ޓްރެއިނިން ސްލޮޓްތައް ވެސް އިތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި، 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރާ މަޝްރޫއަށް ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ހުއްދަ ލިބިފައިވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.












