ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަކީ އަނިޔާވެރި ގާތިލެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ސިފަކުރައްވައިފި އެވެ.
ބައިޑެން އެގޮތަށް ވިދާޅުވީ ޕޮލޭންޑަށް ވަޑައިގެން ޔޫކްރެއިންގެ ރެފިއުޖީންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ބައްދަލުވުން އޮތީ ވެރިރަށް ވޯސޯގައި ހުންނަ ގައުމީ ދަނޑުގަ އެވެ.
ޓީވީ މެދުވެރިކޮށް ދެއްކި ބައްދަލުވުމުގައި ޕުޓިންގެ އަމަލުތަކާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ބައިޑެން ދެއްވި ކުރު ޖަވާބުގައި ވިދާޅުވީ "އެއީ އަނިޔާވެރި ގާތިލެއް" ކަމަށެވެ.

ރައްދުގައި ރަޝިއާ ސަރުކާރުގެ ތަރުޖަމާނަކު ޓަސް ނިއުސް އެޖެންސީއަށް ވިދާޅުވީ ބައިޑެންގެ އެ ކޮމެންޓަކީ އެމެރިކާ އާއި ރަޝިއާގެ ގުޅުން ރަނގަޅު ކުރަން ހުރި ފުރުސަތުތަކަށް ހުރަހެއް ކަމަށެވެ.
ހޮނިހިރު ދުވަހު ޕޮލޭންޑަށް ވަޑައިގެންނެވި ބައިޑެން ވަނީ ޔޫކްރެއިންގެ ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ އެ ބައްދަލުވުމަށް ފަހު ވިދާޅުވީ އެމެރިކާގެ އެހީ އިތުރު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
"އެމެރިކާއާ އެއް ވަރަށް އެހެން އެއްވެސް ގައުމަކުން ޔޫކްރެއިނަށް އެހީވެފައެއް ނުވޭ... ހަނގުރާމައިގެ މައިދާނުގައި ކުރި ލިބެނީ ޔޫކްރެއިންގެ ހިތްވަރާއި ހުޅަނގުގެ ހަތިޔާރުން، ވަކިން ހާއްސަކޮށް އެމެރިކާގެ ހަތިޔާރުން،" އޭނާ ވިދާޅުވި އެވެ.










