ހަތާވީސް ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތިން ކެޓަގަރީއަކުން އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހުމަދު ޗެމްޕިއަންކަން ހޯދައިފި އެވެެ.
މުބާރާތް ކުރިއަށްދިޔައީ ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގަ އެވެ.
މި މަހުގެ 23 ވަނަ ދުވަހު ފެށި މުބާރާތުގައި މިފަހަރު ހަ ކެޓަގަރީ އެއް ކުރިއަށް ގެންދިޔަ އެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 19 އަހަރުން ދަށް، ފުރަތަމަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ވެޓްރަންސް ކެޓަގަރީ އެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު ދެ ކުޅުންތެރިންނަކީ ރަފާ އާއި މުންސިފް އެވެ. ރަފާ ވަނީ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް، ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް އަދި ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިކްސް ޑަބަލްސްގައި ރަފާގެ ޕާޓްނަރަކީ މުންސިފް އެވެ.

ރޭގެ މެޗުގެ ތެރެއިން މުންސިފް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މުންސިފް ހޯދީ ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް، ފުރަތަމަ ޑިވިޝަން ފިރިހެން ޑަބަލްސް އަދި ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަމެވެ. މުންސިފްގެ ޑަބަލްސް ޕާޓްނަރަކީ މުހައްމަދު ޒީސްތު ނަސީމެވެ.
މުބާރާތުގެ އެހެން އިވެންޓްތަކަށް ބަލާއިރު، ވެޓެރަންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީީ އާދަމް މަނިކާއި، އަހުމަދު ވަހީދުގެ ޕެއާ އެވެ. އެއީ ފައިނަލްގައި މައުމޫން ޒުނައިރު އާއި އަބްދުލްގައްޔޫމް އަބްދުއްސަމަދުގެ ޕެއާ ބަލިކޮށްގެންނެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޒީކް ހަސަން ލަތީފް ބަލިކޮށް ޗެމްޕިއަންކަން ހޯދީ މުހައްމަދު ތާބިން ސުޖާއު އެވެ. ތާބިން އާއި ޒީކްގެ ޕެއާ ވަނީ އަހުމަދު އަވްސަމް ނާފިޒް އާއި އަވްން އިބްރާހިމް ލަތީފްގެ ޕެއާ ބަލިކޮށް 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ރަފާ: އެސޯސިއޭޝަން ކަޕްގެ ތިން ކެޓަގަރީ އަކުން ރަފާ ވަނީ ޗެމްޕިއަންކަން ހޯދާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރާއްޖޭން ބޭރުގައި މި ވަގުތު ޓްރެއިނިން ފުރިހަމަކުރަމުން އަންނާތީ ގައުމީ ޓީޓީ ޓީމުގެ ތަރި ފާތިމަތު ދީމާ އަލީ މުބާރާތުގައި ބައިވެރިނުވެ އެވެ.
ފަނަރަ އަހަރުން ދަށަށް ބަލާއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޒީކް ހަސަން ލަތީފެވެ. އެއީ ފައިނަލްގައި އުމޭރު މުހައްމަދު މުއިއްޒުގެ ބަލިކޮށްގެންނެވެ. ޒީކް އާއި އުމީރު މުހައްމަދު މުއިއްޒުގެ ޕެއާ ވަނީ އަހުމަދު އާދު އާސިމް އާއި އަހުމަދު ރަޔާން މުހައްމަދު އަނީސްގެ ޕެއާ ބަލިކޮށް މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަހަރު ވާދަކުރި ކުދިންގެ އަދަދު މަދުވިކަމުގައި ވިޔަސް މި ފަހަރު ސްރީ ލަންކާގެ ބައެއް ކުޅުންތެރިން މުބާރާތުގައި ވާދަކުރި އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނާއި ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.












