ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުން ދަނިކޮށް، ޔޫކްރެއިން ބޯޑަރާ އެންމެ 80 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮލޭންޑްގެ ސިޓީއަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުކުރު ދުވަހު ވަޑައިގެންފި އެވެ.
އެ ސިޓީއަށް ވަޑައިގެން ބައިޑެން ވަނީ ޕޮލޭންޑްގައި އޮންނަ ނޭޓޯ ފައުޖުގެ މެމްބަރުންގެ ގޮތުގައި ތިބޭ އެމެރިކާ ސިފައިންނާ ބައްދަލުކުރައްވާފަ އެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ރެފިއުޖީންނަށް އެހީވާ އަމިއްލަ ޖަމިއްޔާތަކާ ވެސް ބައްދަލުކުރެއްވި އެވެ.
އޭގެ އިތުރުން ވެރިރަށް ވޯސޯއަށް ވަޑައިގެން ޕޮލޭންޑްގެ ވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. ހޮނިހިރު ދުވަހު ދެއްވާ ތަގުރީރަކާ އެކު ދަތުރު ނިންމާލަން ހަމަޖެހިފައިވާ އިރު، އޭގެ ކުރިން ޔޫކްރެއިން ރެފިއުޖީން ތިބޭ މަރުކަޒަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
ޕޮލޭންޑަކީ އީޔޫ އަދި ނޭޓޯގެ މެމްބަރެކެވެ. ޔޫކްރެއިންގެ އެތައް މިލިއަން މީހުން ޕޮލޭންޑަށް ހިޖުރަކޮށްފައިވާ އިރު، ޕޮލޭންޑުން ވަނީ މާލީ އެހީ އާއި އަސްކަރީ އެހީ ވެސް ޔޫކްރެއިން ސަރުކާރަށް ފޯރުކޮށްދީފަ އެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ހުކުރު ދުވަހު ވިދާޅުވީ ޕޮލޭންޑްގައި މި ވަގުތު ތިބީ 10،500 އެމެރިކާ ސިފައިން ކަމަށެވެ.










