ފުވައްމުލައް ފުޓްބޯޅަ ދަނޑަށް އެއްވެ ތިބި ރައްޔިތުން އެކީ އެއް ފަހަރާ އަތްޖަހަން ފެށި އެވެ; އެމީހުން އެތަނަށް އައި ފޮނި އުއްމީދުތަކާއި އަޑު އަހަން ބޭނުންވި ހުރިހާ އަޑެއް އިވުނީ އެވެ. ރައީސް ސޯލިހުގެ ދެކަނބަލުން ދެއްވި މާހެފުމުގައި އެ ރައްޔިތުން ބައިވެރިވީ މާބޮޑު އުފަލެއްގެ ހިނިތުންވުމާއެކު އެވެ.
"އަޅުގަނޑުމެން އެދުނު ގިނަ ކަންކަން އެ ހާސިލުވެގެން ދަނީ, އެކަމަށްޓަކައި ރައީސް ސޯލިހަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަން," ރައްޔިތުންގެ ފަރާތުން, ރައީސަށް މަރުހަބާ ދަންނަވަމުން ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު މުމްތާޒު ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި, ރައީސްގެ ދަތުރުފުޅުގައި އެ ސިޓީއަށް ގެނެސްދެއްވީ ގިނަ ހަދިޔާތަކެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އަނބިކަނބަލުން ފަޒުނާ އަހުމަދާއެކު މިއަދު ހަވީރު މި ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. ރައްޔިތުންގެ އެ ހޫނު މަރުހަބާއަށްފަހު, މިރޭ އޭގެ ބަދަލުގެ ގޮތުގައި ރައްޔިތުންނަށް ހާއްސަ މާހެފުމެއް ރައީސް ސޯލިހު ދެއްވި އެވެ.
މާހެފުމަށް ފުޓްބޯޅަ ދަނޑުގައި ޖެހި ހުރިހާ ގޮނޑިއެއް ފުރި, ކޮޅަށް ވެސް މީހުން ތިބެން ޖެހުނު ނަމަވެސް, އެތަނަށް އެއްވި ކުޑަބޮޑު ހުރިހާ ރައްޔިތުންނަށް ރައީސް އުފާވެރި ހަބަރުތަކެއް މިރޭ ދެއްވި އެވެ.
މާހެފުމަށް އައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި, ރައްޔިތުން މިހާރު އެދޭ ކަންކަން އެމަނިކުފާނާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޓީ ކައުންސިލް މެންބަރުން ގެންދެވި އެވެ. އެކަންކަމުގެ ލިސްޓެއް ރައީސް ހިއްޕަވައިގެން ހުންނެވިއިރު, ރައީސް ވިދާޅުވީ, "ވައުދުތައް ފުއްދަވާނެ" ކަމަށެވެ.

އެގޮތުން, އެންމެ ބޮޑު ހަބަރެއްގެ ގޮތުގައި ރައީސް މިރޭ އިއުލާން ކުރެއްވީ އެއާޕޯޓާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެވެ. ރައީސް ވިދާޅުވި ގޮތުގައި, ފުވައްމުލައް އެއާޕޯޓް މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބޯޓްތައް ޖެއްސުމަށް ހުރަސް އެޅޭނެތީ, ރަންވޭ ބޮޑުކުރެވޭނެ އޮތް މިންވަރެއް ބެލުމަށް ސާވޭއެއް ހެދުމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާނެ އެވެ.

ރައީސް ސޯލިހު މިރޭ މި ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ
"އެ ސާވޭއަށްފަހު, އެއާޕޯޓް ރަންވޭ ބޮޑު ކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑު ކުރެވިގެން ދާނެ, އެކަން އަޅުގަނޑުމެން ކޮށްދޭނަން," ރައީސް ސޯލިހު ވިދާޅުވި އެވެ.
ހަމަ އެގޮތަށް, މިހާރު މި ސިޓީގައި އޮތް ބަނދަރު ވެސް ކުޑަވެ ތޮއްޖެހިފައިވާކަން ގަބޫލު ކުރައްވާ ކަމާއި, އެހެންވެ, އެ ބަނދަރު ބޮޑުކުރުމަށް ސާވޭ ހެދުމަށް އެ ތަން ކުރިން ވެސް ހެދި ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި, ބަނދަރު ވެސް ބޮޑުކުރެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑުކުރާނެ އެވެ.
އެއާއެކު, ފަތާ ފެންގަނޑެއް ވެސް ހެދިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. ގުދުރަތީ ގޮތުން ފުވައްމުލައް ސިޓީ އުފެދިފައިވާ ގޮތުގައި މޫދަށް އެރި އުޅުމާއި ފަތާ ހެދުމަކީ ފަސޭހަ އަދި ރައްކާތެރިކަމެއް ވެސް ނޫނެެވެ. އެހެންވެ, މި ސިޓީއަށް ފަތާ ފެންގަނޑެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.
އެހެން ސިޓީތަކެކޭ އެއްގޮތަށް ފުވައްމުލައް ސިޓީއަށް ވެސް ބޯހިޔާވަހިކަމުގެ ދަތިކަން އެބަ އޮތެވެ. ވަކިން އޮތް ރަށަކަށް ވެފައި, ގުދުރަތީ ގޮތުން ރަށް އުފެދިފައިވާ ގޮތުން އިތުރަށް ގޯތި ކަނޑާފައި ދޭނެ ތަން މި ސިޓީގައި ވެސް މިހާރު ނެތްއިރު, ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ހައްލެއްގެ ގޮތުން ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.
އެގޮތުން, 200 ހައުސިން ޔުނިޓް އެޅުމަށް މިހާރު ވަނީ ޓެންޑާކޮށްފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި, އެ މަޝްރޫއުގެ ތެރެއަށް އިތުރު 200 ހައުސިން ޔުނިޓް އިތުރު ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. ނަމަވެސް, އެ އަދަދަކީ ވެސް މި ސިޓީއަށް އޮތް ހައްލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމާއި އެހެންވެ, އޭގެ އިތުރުން ވެސް ގިނަ ހައުސިން މަޝްރޫއުތަކެއް ސިޓީއަށް ގެންނަން މަސައްކަތް ކުރައްވަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ދަނޑުގައި މިރޭ ބޭއްވި މާހެފުން: ގިނަ ރައްޔިތުންތަކެއް ބައިވެރިވި
އެއާއެކު, މަގު ހެދުމުގެ މަޝްރޫއު އިތުރަށް ފުޅާ ކުރުމުގެ ހަބަރު ވެސް ރައީސް ދެއްވި އެވެ. މިހާރު މި ސިޓީގައި 18 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީން އަންނަނީ ކުރަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި, އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި މި ސިޓީގެ އިތުރު 10 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރެވިގެންދާނެ އެވެ.
މަގު ހެދުމުގެ އިތުރުން, ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ނިމިގެން ގޮސް, މި ސިޓީގެ ގިރާ ސަރަަހައްދު ހިމާޔަތް ކުރެވިގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ފަހުން އެ ސަރަހައްދުގައި ހައިވޭއެއް އެޅުމަށް ސާވޭކޮށް, އެކަން ކުރެވޭނަމަ, އެކަން މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ދެން ފާހަގަ ކުރެއްވީ ސިޓީގެ ތައުލީމީ އަދި ސިއްހީ ހިދުމަތް ވެސް ފުޅާ ކުރެއްވުމުގެ ވާހަކަ އެވެ. އެގޮތުން, މި ސިޓީގައި އަލަށް އަޅާ 500 އެނދުގެ ހޮސްޕިޓަލް މަޝްރޫއު ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި, އެ ހޮސްޕިޓަލް ތަރައްގީކުރެވިގެން ދާނީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭ ތަނެއްގެ ގޮތުގަ އެވެ.
މި ސިޓީއަށް ވަޑައިގެން, އެންމެ ފުރަތަަމަ ވެސް ރައީސް ވަޑައިގެންނެވީ ނޭޗާ ޕާކަށެވެ. އެތަން ތަރައްގީކޮށް ހިމާޔަތް ކުރުމަށްޓަކައި މަސައްކަތްތައް ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ މި ސަރުކާރުން އެކަންކަން ވެސް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފަ އެވެ.
އެއާއެކު, ރައީސް ފާހަގަ ކުރެއްވީ މި ސިޓީގެ ގުދުރަތީ ރީތިކަމާއި ނާޒުކުކަމާއެކު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ވާހަކަ އެވެ. ފުވައްމުލައް ސިޓީއަށް 2020 ވަނަ އަހަރު ބަޔޯސްފެއާ ރިސާވްގެ ލަގަބު ލިބިފައިވާއިރު, ރައީސް މިރޭ ދެއްވި ޔަގީންކަމަކީ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ރާވައި ކުރިއަށް ގެންދާނީ ގުދުރަތީ ވެށި ހަލާކުކޮށްނުލާ ކަމެވެ.
ރައީސް ވިދާޅުވި ގޮތުގައި, އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންވީ ސަރުކާރުގެ ވައުދުތައް ފުއްދާނެ އެވެ. އެމަނިކުފާނު ރައްޔިތުންނަށް ވައުދު ވަނީ އެކަންކަން ފުއްދައިދިނުމަށް ކަމާއި އަދި ކަންކަން ކުރައްވަމުން ގެންދަވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންކަން ފާހަަގަ ކުރެއްވި އެވެ.

ފުވައްމުލަކު ރައްޔިތުންނަށް ރައީސް ދެއްވި މާހެފުމުގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ
އެމަނިކުފާނު މި ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މިހާރު ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ރާވާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމެވެ. އެހެންވެ, މިރޭގެ މާހެފުމަށް ވަޑައިގެން ކޮންމެ ރައްޔިތަކާ އެމަނިކުފާނު ވަކިވަކިން ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ އުފަން ރަށް, ފުވައްމުލަކަށް ރައީސް ސޯލިހު, ވެރިކަމުގައި މި ވަޑައިގެންނެވީ ފުރަތަމަ ފަހަރަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެކުރިން ތިން ފަހަރެއްގެ މަތިން ސިޓީއަށް ވަޑައިގެންނެވުމަށް ރޭވި ނަމަވެސް, އެކި ސަބަބުތަކާހުރެ ދަތުރުފުޅު ކެންސަލް ކުރަން ޖެހުނީ އެވެ. ފުވައްމުލަކަށް ވަޑައިގެންނެވުން ލަސްވި ކަމަށް ގަބޫލު ކުރެއްވިޔަސް, އެމަނިކުފާނަށް އޮތް ހިތްހަމަޖެހުމަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ އެވެ.
ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ މި ސަރުކާރުން ޖުމްލަ 34 މަޝްރޫއުއެއް މިހާތަނަށް ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާއިރު ގިނަ މަޝްރޫއުތަކެއް ކުރިއަށް ވެސް އެބަދެ އެވެ. ބިޑް ކުރުމާއި ކޮންޓެކްޓް ކުރުމުގެ މަރުހަލާގައި ވެސް މަޝްރޫއުތައް ހުރިއިރު, މި އަހަރުގެ ބަޖެޓްގައި މި ސިޓީއަށް 133,478,300 ރުފިޔާގެ މަޝްރޫއުތައް ހިމަނާފައިވެ އެވެ.
ކުރިއަށްދާ ބައެއް މަޝްރޫއުތައް;
- އެކްސެލެރޭޓިން ސަސްޓެއިނެބްލް ޕްރައިވެޓް އިންވެސްޓްމެންޓްއިން ރިނިއުއެބަލް އެނާރޖީ ޕްރޮޖެކްޓް
- ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
- މަގު ހެދުން
- ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން
- ސްކޫލް މަލްޓި ޕާޕަސް ހޯލް
- މުހައްމަދު ޖަމާލުއްދީން ސްކޫލް 16 ކްލާސްރޫމް އަދި ކޮމްޕިއުޓާރ ލެބް އިމާރާތް
- ހާފިޒު އަހުމަދު ސްކޫލް 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް
- މަސްޖިދުއް ހުދާ އިމާރާތްކުރުން
- ދޫޑިގަން އަވަށު މިސްކިތް އިމާރާތްކުރުން
ޓެންޑާ/ޕްލޭނިން/އެވޯޑިން މަރުހަލާގައި ހުރި މަޝްރޫއުތައް
- ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީކުރުން
- ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައިކުރުން
- ސްޓޭޓް އޮފް އާޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމްކުރުން
- ޏ.އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތް
- ހޮސްޕިޓަލް ތަރައްގީކުރުން
- އެކްސެލަރޭޓިން ރިނިއުއެބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ ޕްރޮޖެކްޓް
- ހޯދަނޑު އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް އަދި ސްވިމިން ޕޫލް ތަރައްގީކުރުން
- ފުސްކޭޓިން ޕާކް ތަރައްގީކުރުން
- ވޮލީކޯޓު ތަރައްގީކުރުން
- ސިންތެޓިކް ޓްރެކް ތަރައްގީކުރުން
- ސްވިމިން ޕޫލް ތަރައްގީކުރުން
- ސެންޓްރަލް ފެރީ ޓާރމިނަލް ހެދުން
- ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
- އައި.ސީ.ޓީ ފެކަލްޓީ އިމާރާތް ގާއިމްކުރުން
- ބަނދަރު އަޕްގްރޭޑްކުރުން
- ދިގުވާޑު ފުޓްސަލް ދަނޑު ތަރައްގީކުރުން













