މަޑި އެރުވުމަކީ މުޅި ދުނިޔޭގައި ވެސް އެންމެ ޝައުގުވެރި އެއް ކުޅިވަރެވެ. އެއީ ވަރަށް ދިގު ތާރީހެއް ވެސް އޮތް ކަމެކެވެ. އެމެރިކަން ކައިޓްފްލަޔާސް އެސޯސިއޭޝަންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ މަޑި އީޖާދުކުރީ ކޮން އިރަކުކަން ވެސް އެނގޭކަށް ނެތެވެ. އެއީ އެހާވެސް ކުރީގެ ކަމެކެވެ. އެކަމަކު އެންމެ ފުރަތަމަ މަޑި އެރުވީ ޗައިނާމީހުން ކަމަަށް، މިހައިތަނަށް ލިބިފައި ހުރި ހެކިތަކުން ބެލެވެ އެވެ. އެހެން ނަމަވެސް އެންމެ ކުރިން އެ ސަގާފަތް އޮތް ގައުމުތަކުގެ ތެރޭގައި މެލޭޝިއާއި އިންޑޮނީޝިއާއާއި ދެކުނު ޕެސިފިކްގެ އެހެން ގައުމުތައް ހިމެނެ އެވެ.
އީސާގެފާނުގެ 450 އަހަރު ކުރިން ޗައިނާގެ ފިލޯސޮފަރު މޯ ޓްސީ ލަކުޑިން ހަދައި، ނަނެއް ޖަހައިގެން އުދުއްސަން ދޫންޏެއް ހެދިކަމަށް އޮވެ އެވެ. އެކަމަކު މިއީ މަޑިއެއްގެ ވާހަކަ ކަމާ މެދު ބަހުސް އެބަ އޮތެވެ. އެކަމަކު މަޑިއެއް އެންމެ ފުރަތަމަ އެރުވީ ޗައިނާ މީހުން ކަމަށް އެމީހުންކުރާ ދައުވާއަށް ބާރު ލިބެނީ އީސާގެފާނުގެ 200 އަހަރު ކުރިން އެމީހުން މަޑިއެއް ހަދައިގެން އެރުވިކަން، ލިޔެފައިވާ ތާރީހުން އެނގެން އޮންނާތީ އެވެ. އެކަން ހިނގި ގޮތެއްގައި ކަމަށް ޗައިނާގެ ތާރީހުގައި މަޝްހޫރު ވާހަކައެއް އެބަ އޮތެވެ.
އެ ވާހަކައިގައި ބުނާ ގޮތުގައި އެންމެ ފުރަތަމަ މަޑިއެއް އެރުވީ ހާން ދަރިކޮޅުގެ ޖެނެރަލް ހާން ސިން މަޑިއެރުވީ އޭނާ ހަމަލާދޭން ޖެހޭ ޝަހަރެއްގެ ދިފާއު ފޫއަޅުވައިލުމަށްޓަކައި ބިންގަރާސް ކޮގެނެން އޭނާގެ ލަޝްކަރުތައް ދަތުރުކުރަން ޖެހޭ ދުރުމިން ބެލުމަށެވެ.
މަޑި އެރުވުމަކީ މިހާ ދިގު ތާރީހެއް އޮތް ކަމަކަށް ވާއިރު އަހަރެމެންގެ ރާއްޖޭގައި ރޯދަ މަހުގެ މުނިފޫހިފިލުވުމަށް ކުރާ ކަންތައްތަކުގެ ލިސްޓުގައި، މަޑި އެރުވުން، މަތީ މަގާމެއް ހޯދާނެކަން ގައިމެވެ.
ޅައުމުރުގައި ކިތަންމެހާ ވެސް މަޑިއަރުވަން ދާހިތްވެ އެވެ. އޭގެ ފަހަތުގައިވާ އެތައް ކަމެއް ނޭނގި، ހަމައެކަނި އޭގެ އުފަލާއި ސަކަރާތުގައި ބައިވެރިވާ ހިތުންނެވެ. ރޯދަ މަހު އެ ކުޅިވަރަށް ދެވިފައި އޮންނަނީ ވަކިން ބޮޑު ހާއްސަ ކަމެކެވެ. ކިތަންމެ ފަހަރަކު މަންމަމެން ގާތު އާދޭސްކޮށްގެން މަޑި ހަދަން އެކި ސާމާނު ގަނެގެން ނުވަތަ އެކި ތަންތަނުން ހޯދައިގެން ވެސް މަދި ހަދަން އުޅުނީމެވެ. ނަމަވެސް އުޑުމަތީގައި ދެކޮޅަށް ހޫރި އެކި ސްޓައިލުގެ މޮޅު ގޮތްގޮތް ޖައްސާލާވަރުގެ މަޑިއެއް ހެދުމުގައި ކާމިޔާބު ވަނީ ވަރަށް މަދުންނެވެ. މަޑިއަރުވަން ބިއްލޫރިލީ ރޮދީގެ ބަރަންޏެއް ހެދުމަކީއަމުދުން ނުވެސް ވެފައި އޮތް ކަމެކެވެ.
އެކަމަކު އެވަރުން ވެސް ގޭތެރޭގައި މަޑިހަދަން ދަސްކޮށް، އެކަން ކުރަން އުޅެވޭވަރު ގިނަ އެވެ. މަޑިއެއް ނުވަތަ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކިޔާ ގޮތުން ނަމަ ގުޑިއެއް ހަދައިލުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ. އެކަމަށް މާ ގިނަ އެއްޗެއް ހޯދާކަށް ނުޖެހޭނެ އެވެ. މާބޮޑު ހަރަދެއް ވެސް ނުހިނގަ އެވެ.
މޮޅު ކޮށްލުމުގެ ގޮތުން އެކި ވައްތަރުގެ ކަރުދާސް ބޭނުންކުރެވިދާނެ އެވެ. ބައެއް ގައުމުތަކުގައި ޗައިނީޒް ޕޭޕަރާއި ޓިޝޫއިން ހަދާފައި ހުންނަ ހާއްސަ ކަރުދާހެއް ވެސް ބޭނުންކުރެ އެވެ. އެކަމަކު ހަމަ އާދައިގެ ކަރުދާހަކުން ހެދިޔަސް، ރަނގަޅު ވައިގައި މަޑި އަރާނެ އެވެ. އަދި ހަމަ އެ އުފަލާއި މަޖާ ލިބޭނެ އެވެ. ދެން ބޭނުންވާނީ ދިގު ވަރުގަދަ ބަރަންޏެއް ނުވަތަ ހިމަ ކަންވާރަކާއި، ދެ އިލޮށްޓެވެ. ފިރޯށި ހަދާނަމަ އެވެސް ހަދާނެ ގޮތް އަދި ކިޔައިދޭނަމެވެ. އަދި ބިއްލޫރި ހާކާފައިހުންނަ ބަރަނި ހަދާނެ ގޮތް ވެސް އަންނާނެ އެވެ.
އެންމެ ފުރަތަމަ މަޑި ހަދަން އުޅެމާ އެވެ. މަޑި ހަދަން ވެގެން ނަގާ ދެ އިލޮށްޓަކީ ވަރުގަދަ ފަސޭހައިން ބިންދައިގެން ނުދާނެ ދެ އިލޮށްޓަށް ވާން ޖެހޭނެ އެވެ. އެއީ މަޑީގެ ސްކެލެޓަން ނުވަތަ ކަށިގަނޑަކީ އެ ދެ އިލޮށްޓަށް ވާތީ އެވެ. އެ ދެ އިލޮށި މަޑީގެ ދިގުމިނާއި ފުޅާމިނަށް ބަލައި ބުރިކޮށް ހެޔޮވަރުކުރަން ވާނެ އެވެ. އާއްމު ގޮތަކީ މަޑީގެ ދިގުމިނަށް ވުރެ ހަމަ ކުޑަތަންކޮޅެއް ކުރުކޮށް ފުޅާމިން ބެހެއްޓުމެވެ. އޭރުން އެއްކަލަ ޑައިމަންޑް ބައްޓަމަށް މަޑި ފަސޭހައިން އަމުނާލެވޭނެ އެވެ.
ދެ އިލޮށި ހެޔޮވަރުކުރުމަށްފަހު، މަޑީގެ ދިގަށް ބޭނުންކުރާ އިލޮށީގެ ގާތްގަނޑަކަށް މެދަށްވުރެ ދެ ތިން އިންޗި މަތީގައި މަޑީގެ ހުރަހަށް އޮންނަ އިލޮށިކޮޅު ބާއްވައި ބަރަނިން އެ ދެ އިލޮށިކޮޅުގެ މެދަށްވާގޮތަށް ބާރަށް ބަންނާނީ އެވެ. ބަންނައިރު، އެ ދެ އިލޮށި ވެސް ނުގުނޑާނެވަރަށް ބާރަށް ވަރުގަދަޔަށް ބަންނަން ވާނެ އެވެ. އެހެންނޫނީ މަޑީގައި ރަނގަޅަށް ވަޔެއް ނުހިފާނެ އެވެ.
ދެން ކުރާނެ ކަމަކީ އެ ހުރަހަށް އެޅި އިލޮށީގެ ދެކޮޅުގައި ދެ ރޮދިފަށް އައްސައި، ތިރިއަށް ގެންގޮސް، ދިގަށް އެޅި އިލޮށީގެ އެންމެ ތިރީގައި އެ ދެފަށް އައްސާނީ އެވެ. ދިގަށް އެޅި އިލޮށީގެ އެންމެ މަތިން ވެސް އެގޮތަށް ދެފަށް އައްސައި، ހުރަހަށް އެޅި އިލޮށީގެ ދެކޮޅުން އިންޗިއެއްހާ ތަން ދޫކޮށް އެ ދެ ފަށް ވެސް އައްސާނީ އެވެ. އެ ހަތަރު ޕޮއިންޓުގައި ބަރަނި އެއްސޭވަރަށް ވަޅިއެއް ނޫނީ ކަތުރެއް ބޭނުންކޮށްގެން ކުޑަކޮށް ކަނޑައި ނަގަން ވާނެ އެވެ. މިއީ ވަރަށް މުހިންމު މަރުހަލާ އެކެވެ.
މި ބުނި ބައިތައް އައްސައި ނިމުމުން އޮންނާނީ މަޑީގެ އައުޓްލައިނެއް ރޮދިން އެޅިފަ އެވެ. ދެން މަޑީގެ ބައްޓަމަށް ކަރުދާސް ކަފައި އެއްކަލަ އައުޓްލައިންއެޅި ބަރަނިތަކާއެކު ތަތްކުރާނީ އެވެ. ތަތްކުރަން ޓޭޕު ނުވަތަ ވަރުގަދަ ތެރަހެއް ވެސް ބޭނުންކުރެވި ދާނެ އެވެ. ވަރުގަދަވިއްޔާ ހެޔޮ ވާނެ އެވެ. ކަރުދާސް ކަފާ އިރު ކޮންމެވެސް ވަރެއްގެ ޖާގައެއް އައުޓްލައިންގައިވާ ރޮއްޖަށް ވުރެ އިތުރަށް ބަހައްޓަން ވާނެ އެވެ. އެޔަށްފަހު މަޑި ކަރުދާސްގަނޑު މަތީގައި ބަރަނިން ބޭރަށް ހުރި ޖާގަ، ބަރަނިއާއިއެކު ލަންބައި، ތެރަސް ނުވަތަ ޓޭޕުން ތަތްކުރާނީ އެވެ.
އެ ތެރަސްގަނޑު ހިކުމުން ދެ އިލޮށިކޮޅު ގުޅުވައިދިން ހިސާބުން ކުޑަތަންކޮޅެއް މަތީގަ އާއި އޭގެ ހަތަރު ވަރަކަށް އިންޗި ތިރީގައި ދޫކޮށް ބަރަނިކޮޅެއް އައްސާށެވެ. އެއީ މަޑިއަރުވާއިރު، އަތުގައި އޮންނަ ބަރަނި ފަށް ހަރުކުރާ ބަރަނިކޮޅެވެ. ނުވަތަ އަތުގައި އޮންނަ ބަރަންޏާއި މަޑިއާއި ގުޅުވައިދޭ ފަށްކޮޅެވެ. އެޔަށްފަހު އުދުހެން ބޭނުންކުރާ ދިގު ބަރަނި، އެ ބަރަނިކޮޅުގައި އައްސާލީމާ އެއޮތީ މަޑިއެއް ހެދިފަ އެވެ.
ފިރޯށި ހަދާނީ ކިހިނެތް؟
ފިރޯށްޓަކީ މަޑި އުދުހޭއިރު ބަރަނި އޮޅުމަށާއި ދޫކުރަން ފަސޭހައަކަށް ހަދަާފައި އޮންނަ އާލާތެކެވެ. އެއީ ކަންވާރު ފުޅީގައި އޮޅާ ގޮތަށް މަސައްކަތްކުރާ އެއްޗެކެވެ. ބައެއް މީހުން މަޑި އަރުވާއިރު ފުޅި ވެސް ފިރޯށްޓެއް ގޮތަށް ބޭނުންކުރާކަން ދަންނަންތޯ އެވެ؟
ބޭނުމަކީ އަވަހަށް ގޮށްނުޖެހި ބަރަނި ދޫކުރުން ނުވަތަ އޮޅާލުމެވެ. ފިރޯށްޓެއް ހެދުމަކީ ވެސް މާކަ އުނދަގޫ ކަވި މަސައްކަތެއް ނޫނެވެ. އެކަން ކުރާނެ އެންމެ އާދައިގެ ފަސޭހަ ގޮތް ކިޔައިދޭނަމެވެ.
ބޭނުންވާނީ ދެ ފުޓޫގެ ދަނޑިއެކެވެ. ދެން ބޭނުންވާނީ ބަރަނި އޮޅަން ހާއްސަ އެ ދަނޑީގައި ހާއްސަކުރާ ހަތަރު ނުވަތަ ފަސް އިންޗިގެ ތަންކޮޅު ވަކި ކޮށްދޭ ވަރުގެ ކުޑަ ދެ ފުޅިމަދު ކޮޅެވެ. އެ ދެ ފުޅިމަދުކޮޅު ބޭނުން ގޮތަކަށް ރީތި ޑިޒައިނަކަށް ހިލަ ކަރުދާހުން އޮމާންކޮށް ބައްޓަން ކުރެވިދާނެ އެވެ. އަދި ކުލަ ވެސް ލެވިދާނެ އެވެ.
އެ ދެ ފުޅިމަދުކޮޅުގެ މެދުން އެއްކަލަ ފިރޯށި ދަނޑިގަނޑުކޮށްޕާލައިގެން ހެޔޔޮވަރުކުރާނީ ބަރަނި އޮޅާ ހަތަރު އިންޗީގެ ޖާގައިގެ ދެ ކޮޅުގަ އެވެ. ދެން ކުރާނެ ކަމަކީ އެ ދެ ތަންކޮޅުގައި ފުޅިމަދުކޮޅު ހަރުކުރުމަށްޓަކައި ތެރަސް ހާކާނީ އެވެ. ދެން އަތުގައި ބާއްވާ މަޑި އުދުހޭ ބަރަނިކޮޅު ފިރޯށީގެ އެ ޖާގައިގައި ބާރަށް އައްސައި، ކަންވާރު އޮޅާހެން ފިރޯށީގައި އޮޅާލާނީ އެވެ.
މަޑި ހަނގުރާމައަށް ހަދާ ބިއްލޫރި ބަރަނި
ދެން މިއޮތީ ވަކި ކަމަކަށް ހާއްސަ މަސައްކަތެކެވެ. އެއީ ކައިޓް ފައިޓިން ނުވަތަ އެހެން މީހުންގެ މަޑި ކަނޑައި ވައްޓާލުމަށް ހަނގުރާމަކުރުމަށްޓަކައި ހަދާ ބިއްލޫރި ބަރަނި ހެދުމުގެ މަރުހަލާ އެވެ. އެކަން ކުރަންޏާ ކޮންމެވެސް ވަރަކަށް ބަލައިގެން ފަރުވާތެރިކަމާއެކު ކުރުން ރަނގަޅެވެ. އަދި އެއީ އުނދަގޫ މަސައްކަތެއްކަން ހަދާން ވެސް ބެހެއްޓުން ރަނގަޅެވެ.
އެންމެ ފުރަތަމަ އުކާލާފައިވާ ބިއްލޫރި ތައްޓެެއް ނުވަތަ ފުޅިއެއް ހޯދައިގެން ގެނެސް، އެ ވަނަކަށް އަޅައިގެން ތަޅައި ހިމުން ކުރާނީ އެވެ. ބެނުމަކީ ބިއްލޫރިތައް ވީހާ ވެސް ހިމުންކޮށް ޕައުޑާއަކަށް ހެދުމެވެ. އެޔަށްފަހު ތެރަހާއި ގޮދަންފުށުގެ ޕޭސްޓެއް ވަކިން ހަދާނީ އެވެ. އެ ޕޭސްޓަކީ އެހާ އޮލަ އަދި އެހާ ދިޔާ އެއްޗަކަށް ވެގެން ނުވާނެ އެވެ.
އަދި އެ ޕޭސްޓަކީ އެހާ ގިނަ ވެގެން ވެސް ނުވާނެ އެވެ. ބަރަނި އޭގައި ކާއްތައިގެން ނަގާއިރު، ބަރަނީގެ ހިމަކަން ނުގެއްލޭވަރު ހުންނަންވާނެ އެވެ. އެ ޕޭސްޓުގައި ބަރަނި ރަނގަޅަށް މިކްސްކުރުމަށްފަހު ދެން އެ ބަރަނި ހިއްކަން ބާއްވާނީ އެވެ. ބޭނުމަކީ އެ ޕޭސްޓާއި ބަރަންޏާއި އެކައްޗަކަށް ހެދުމެވެ. ރަނގަޅަށް ހިކުނުތޯ ބަލަން އެ ބަރަނިން އެހެން ބަރަންޏެއް ކަފައިގެންދަނީ ކިހާ ފަސޭހައަކަުންތޯ ބަލާލެވިދާނެ އެވެ. ބިއްލޫރި ޕައުޑާ ގިނަ ވަރަކަށް އެކަންކުރަން ފަސޭހަ ވާނެ އެވެ.
މިހާރު މިއޮތީ ބަރަނި ވެސް ފިރޯށި ވެސް އަދި މަޑި ހަދާނެ ގޮތް ވެސް ކިޔައިދީ ނިމިފަ އެވެ. ރޯދަ މަހުގެ ފުރިހަމަ ސަކަރާތާއި މަޖާ ތަޖުރިބާކޮށްލަން މިވަރު ދެވަނަ ކަމެއް ނޯންނާނެ އެވެ. އަދި މިއީ ގިނަ މީހުން ހީކުރާހާ އުނދަގޫ މަސައްކަތެއް ވެސް ނޫންކަން މިހާރު އެނގޭނެ އެވެ.








