ގަލޮޅު ދަނޑުގައި މާދަމާރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ބަންގްލަދޭޝްގެ ޓީމާ އެކު އޭނާ ކުޅެން ބޭނުންވާ ސްޓައިލް އެންމެ ރަނގަޅަށް ޓެސްޓްކޮށްލަން ލިބޭނެ ފުރުސަތުގެ ގޮތުގައި ދެކޭ ކަމަށާއި މި މެޗުން ވެސް ބަންގްލަދޭޝް ބޭނުމީ ރާއްޖެ އަތުން މޮޅުވާން ކަމަށް އެ ޓީމާ މިދިޔަ ޖެނުއަރީ މަހު ހަވާލުވި ސްޕެއިން ކޯޗު ހަވިއޭ ކަބްރޭރާ ބުނެފި އެވެ.
ގަލޮޅު ދަނޑުގައި މާދަމާރޭ ރާއްޖޭގެ ގައުމީ ޓީމާއި ބަންގްލަދޭޝްގެ ގައުމީ ޓީމް ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ވާދަކުރާނެ އެވެ. މިއީ ބަންގްލަދޭޝްގެ އާ ކޯޗު ކަބްރޭރާއާ އެކު އެ ޓީމު ނުކުންނާނެ ފުރަތަމަ މެޗެވެ. ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ކަބްރޭރާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝް އިން ރާއްޖެ ބަލިކޮށްފައިވުމެވެ. ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރިއިރު، މިއީ 18 އަހަރު ތެރޭ ބަންގްލަދޭޝަށް ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ.
މި މެޗާއި ގުޅޭ ގޮތުން ކޯޗު ކަބްރޭރާ ބުނީ ބަންގްލަދޭޝް ޓީމް މިހާރު ތައްޔާރުވަމުން އަންނަނީ އާ ސްޓައިލެއްގެ ފުޓްބޯޅައަކަށް ކަމަށެވެ. މިއީ ކުރިން އެޓީމާ އެކު މަސައްކަތްކުރި ދެ ކޯޗުން، އޮސްކާ ބްރުޒޮން އާއި މާރިއޯ ލެމޯސް، އެ ޓީމު ލައްވާ ކުޅުވި ގޮތާ ތަފާތު ގޮތަކަށްވާނެ ކަމަށް ވެސް ކަބްރޭރާ ބުނެފައިވެ އެވެ. ކަބްރޭރާ ވަނީ ލެމޯސް އާއި އޮސްކާ ކުރި މަސައްކަތަށް ތައުރީފުކޮށްފަ އެވެ.
"ހަމަޔަގީނުން ވެސް ސްރީ ލަންކާގައި ހޯދި މޮޅުގެ ސަބަބުން ކުޅުންތެރިން މި މެޗަށް ނުކުންނައިރު ތަފާތެއް ފެންނާނެ، އިތުބާރާ އެކު ކުޅޭނެ، ކޮންފިޑެންސް ލެވެލް ވެސް ރަނގަޅުވާނެ. އަނެއްކާ ވެސް ރާއްޖެ ބަލިކުރަން ނުކުންނައިރު އެ ކަމުގެ (ކުރިން މެޗުން މޮޅުވުމުގެ) އަސަރު މެންޓަލީ އަދި ސައިކޮލޮޖިކަލީ ވެސް ކުޅުންތެރިންގެ ކިބައިގައި ހުންނާނެ. އުއްމީދަކީ ރާއްޖެ އަތުން ރަނގަޅަށް ކުޅެ ކުރިއަށް ވުރެ ރަނގަޅަށް މޮޅުވުން،" ކަބްރޭރާ ބުންޏެވެ.
އިންޑިއާގެ ސްޕޯޓިން ގޯއާގެ އެކަޑެމީގައި 2013-2015 އަށް މަސައްކަތްކުރި ކޯޗު ކަބްރޭރާ ވަނީ ރާއްޖެ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އޭނާގެ ފުރަތަމަ މެޗުގައި ކުޅެން ޖެހުމުން އެކަމާއި ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
"ރާއްޖެ ކަހަލަ ވަރުގަދަ، ކޮލިޓީ ހުރި ޓީމަކާ ދެކޮޅަށް ކުޅުމުން އަހަރެންނަށް މިހާތަނަށް ކުރެވުނު މަސައްކަތް ރަނގަޅަށް ވަޒަންކޮށްލެވޭނެ، ވަރަށް ފޯރިގަދަ މެޗަކަށް ވާނެ ކަމަށް އުއްމީދު ކުރަނީ، އަހަރެންގެ ސްޓައިލަށް ކުޅުންތެރިން ހޭނިފައި ހުރި މިންވަރު އަންދާޒާ ކޮށްލެވޭނެ،" ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ ރާއްޖެ އަކީ ސްޕީޑް ބާރު އަދި ޓެކްނިކަލީ ވަރުގަދަ ކުޅުންތެރި ތިބި ޓިމެއް ކަމަށެވެ. އެ ކަމަށް ވަރަށް ގިނަ ވީޑިއޯތައް ބަލައި ވަރަށް ބޮޑަށް ތައްޔާރުވި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ޓީމްގައި ބަންގްލަދޭޝްގެ ޑިފެންޑަރުން ސަމާލުވާން ޖެހޭ ގިނަ ކުޅުންތެރިން ތިބިކަން އޭނާ ފާހަގަކުރި އެވެ. ވަކި ކުޅުންތެރިއެއްގެ ނަން ފާހަގަކުރާނަންތޯ އެހުމުން ކަބްރޭރާ ޖަވާބެއް ނުދިނެވެ.
ބަންގްލަދޭޝް ޓީމަށް އަބަދު ވެސް ދިމާވާ އެއް މައްސަލަ އަކީ ލަނޑު ނުޖެހުމުގެ މައްސަލަތަކެވެ. ޓީމުގެ އެޓޭކިން ލައިނާއި ގުޅޭގޮތުން ކޯޗު ކަބްރޭރާ ބުނީ އޭނާ ބޭނުންވާ ކަހަލަ ބަދަލެއް ޓީމުން ފެންނާނެކަމުގެ އިތުބާރު އެބައޮތް ކަމަށާއި ފޯވާޑުންގެ ފަރާތުން ފަރިތަކުރުންތަކުގައި އޭނާ ބޭނުންވާ ވަރުގެ މަސައްކަތެއް ފެންނަ ކަމަށެވެ.
"އަހަންނަށް މި މެޗަށް ތައްޔާރުވާން ލިބުނީ ހަފްތާއެއްހާ ދުވަސް. އެކަމަކު އެއީ ބަހަނާ ދެއްކޭނެ ކަމެއް ނޫން، މި ލެވެލްގެ ފުޓްބޯޅަ އަށް މި ކުޅުންތެރިން ތައްޔާރުވެފައި ތިބީ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ އަހަރެންގެ ޕްލޭނަށް މި ކުޅުންތެރިންގެ ކުޅުން ބަދަލުކުރުން. އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް"
ރާއްޖެ އާއި މޮންގޯލިއާ މެޗަށް ބަންގްލަދޭޝް އިން ނެގި ސްކޮޑުގައި މުހިންމު ބައެއް ކުޅުންތެރިން ނެތްއިރު، އާ ކުޅުންތެރިންތަކަށް ވަނީ ފުރުސަތު ދީފަ އެވެ. ސްކޮޑުގައި ނެތް ކުޅުންތެރިންނަށް ބަލާއިރު، އަނިޔާގެ ސަަބަބުން ކުޅުމާ ދުުުރުގައި ހުރި އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން އާއި މުހައްމަދު ރިދޯއިގެ އިތުރުން މި ވަގުތު ފޯމު ދަަށްވެފައިވާ ކަމަށް ބުނެ، ޓީމުން ބާކީ ކުރި ޔާސީން ހާން، ސާދުއްދީން އަދި މަހުބޫބް ރަހްމާން އަކީ މީގެ ކުރިން ގަވާއިދުން ޖާގަ ހޯދަމުން އައި ކުޅުންތެރިންނެވެ.
ގަލޮޅު ދަނޑުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ އެކުވެރިކަމުގެ މެޗު މާދަމާރޭ ފަށާނީ ރާއްޖެ ގަޑިން 21:00 ގައެވެ. އެ މެޗުގެ ޓިކެޓްތައް މިއަދު ހަވީރު 16:00 ގައި ވިއްކަން ފަށާނެ އެވެ.













