ދިވެހި ސްޓްރީމިން އެޕް، "ބައިސްކޯފު" މިހާރު ޓީވީ އިން ބަލައިލެވޭނެ އެވެ. އިއްޔެ ހަވީރު ބައިސްކޯފު ސްޓޫޑިއޯގައި ބޭވި ހަފުލާގައި ފާހަގަކުރީ އެ އުފަލެވެ.
”ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށްފަހު، އަދި ބައިސްކޯފު ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ބައިސްކޯފު އެޕް އާންމުންނާ ހަމަޔަށް މި ގެނެސްދެނީ،" ހަފްލާގައި އެޕްގެ ތައާރަފަކަށް ދަމުން، އެ ސްޓޫޑިއޯގެ އާޓް ޑައިރެކްޓަރު ނޫރާ ރަޝީދު ބުންޏެވެ.
ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިން ޕްލޭޓްފޯމްތަކަށް ވުރެ ތަފާތުކޮށް، ފަންނު ކުރިއެރުވުމާއި ދިވެހި އުފެއްދުންތައް އިތުރުކުރަން ހިންގާ ޕްލެޓްފޯމެކެވެ. ބައިސްކޯފުގެ ފީޗާތަކަށް ބަލާއިރު، ދުނިޔޭގެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިން ޕްލެޓްފޯމްތަކާއި ކޮންޓެންޓް އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗާތައް ބައިސްކޯފުގައި ހިމެނިފައި ވެ އެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބައިސްކޯފު އެޕް ސްޓްރީމް ކުރެވޭނެ އެވެ.
ބައިސްކޯފުން ބުނީ، ޓީވީ އެޕް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިސްކޯފުގެ ކޮންޓެންޓު ބޮޑު ސްކްރީނުން ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ހޯދައިދިނުން ކަމަށެވެ.
"ބައިސްކޯފުގައި ހުރިހާ އުމުރަކާ ގުޅޭ ކޮންޓެންޓް ހިމެނިފައިވާނެ. ޓީވީ އެޕް ގައި މޯބައިލް އެޕް ގައިވާ ހުރިހާ ފީޗާ ތަކެއް އެކުލެވޭނެ. މައިގަނޑު ބައިތަކުގެ ތެރޭގައި މިއުޒިކާއި އޯޑިއޯ ބުކް ތަކާއި ޓީވީ ސީރީޒް އާއި ލައިވް ޓީވީ ޗެނަލްތަކުގެ އިތުރުން އެކި ޖޯންރާ ތަކުގެ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓު ހިމެނޭނެ،" ނޫރާ ބުންޏެވެ،

އޭނާ ބުނީ، ޓީވީ އެޕް އާންމުކުރުމާ އެކު ބައިސްކޯފުގެ ކޮންމެ އެކައުންޓެއް، ދެ ޑިވައިސްގައި (ފޯނާއި ޓީވީ) ބޭނުން ކުރެވޭނެ ކަމަށެވެ. އަދި، އެޕްގެ ’ކޮންޓިނިއު ވޮޗިން‘ ފީޗާގެ ސަބަބުން އެމީހަކު ބަލަމުންދާ ޑިވައިސް ބަދަލުވި ކަމުގައި ވީ ނަމަވެސް އެންމެ ފަހުން ބެލި ހިސާބުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޓީވީ އެޕް ލޯންޗު ކުރުމަށްފަހު، ބައިސްކޯފަށް އަލަށް ރިލީޒްކުރާ ކޮންޓެންޓް ތަކާއި އަލަށް އަންނަން ހުރި ކޮންޓެންޓްތަކުގެ ޓީޒާތައް ވެސް ވަނީ ދައްކާލާފަ އެވެ. އަަދި، ކޮންމެ އަތޮޅެއްގައި އެންމެ ހިނގާ ލަވަތައް ބަލާލެވޭ ގޮތަށް އަލަށް ބައިސްކޯފް އެޕަށް އިތުރުކުރި ’އެޓޯލް ޗާޓްސް‘ ފީޗާ މަސައްކަތް ކުރާ ގޮތް ވެސް ވަނީ ދައްކާލާފަ އެވެ.
ބައިސްކޯފުގެ މޮބައިލް އެޕްލިކޭޝަން ނެރުނީ 2018 ވަނަ އަހަރު އެވެ.






