މަހުލޫފުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި

މަހުލޫފުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި

ކްރިމިނަލް ކޯޓުން މަހުލޫފުގެ މައްސަލަ ބޭރުކޮށްލީ ދައުލަތުން ހުށަހެޅި ހުރިހާ ހެއްކަކަށް ރިޔާއަތް ނުކޮށް ކަމަށް ކަނޑައަޅާ، އެ ދައުވާ ކުރިއަށް ގެންދިއުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން ހުށަހެޅި ހެކިތައް މަހުލޫފަށް ކުރާ ދައުވާތަކާ ގުޅުވާނުލެވޭ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް މިއަދު ހައިކޯޓުން އެ ނިންމުން ބާތިލްކުރީ އެ މައްސަލަ ބެއްލެވި ގާޒީންގެ އަގުލަބިއްޔަތުންނެވެ.

އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒުގެ ރައުޔުގައި އެ މައްސަލަ އަލުން ހުށަހަޅައިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"ދައުވާގެ އުންޒުރުތައް ގާއިމްކުރުމަށް ދައުލަތުން ފާހަގަކަކޮށްދިން ބައެއް ހެކުތަކަށް ރިޔާއަތްކޮށްފައި ނުވާތީ، މި ހެކިތަކަށް ބަލާއިރު މަދަނީ މިންގަނޑުން ބަލާ މި މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މައްސަލަ ތަހުވީލުކުރުމަކީ މި މައްސަލާގައި އޮތް ފަރުވާ،" މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ދައުލަތުން އެދިފައިވާތީ، ކްރިމިިނަލް ކޯޓުގެ ނިންމުން ބާތިލްކުރަން ނުޖެހޭ ކަމަށް ފަރުހީޒުގެ ރައުޔުގައި ވިދާޅުވި އެވެ.

ނަމަވެސް, އެ ނިންމުމާ ދެކޮޅު ހައްދަވަމުން އިސް ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"މަދަނީ މިންގަނޑުން ބަލާއިރު، އަހްމަދު މަހުލޫފްގެ މައްޗަށް މި ދައުވާ ކުރެވެން އޮތް ކަމަށް ގަބޫލުކުރެވޭތީ، މި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމުގައި ކަނޑައަޅާ، މި ދައުވާ ބެލުމަށް އަންގަން ޖެހޭނެ ކަމަށް ދެކެން," ހާތިފްގެ ރައުޔު އިއްވަމުން ވިދާޅުވި އެވެ.

އޭނާގެ ރައުޔަށް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ސަމީރު ވެސް ތާއީދު ކުރެއްވި އެވެ. އެހެންވެ، ދަށު ކޯޓުން ކުރި ހުކުމް ބާތިލްވެގެން ދިޔައީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ފަނޑިޔާރު ފަރުހީޒުގެ ނިންމުމާ ދެކޮޅުވިޔަސް، އޭނާގެ ނިންމުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމަށް އިސް ފަނޑިޔާރު ހާތިފް ތާއީދުކުރެއްވި އެވެ. އެގޮތުން, ފަނޑިޔާރު ފަރުހީޒު ވެސް ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެއްކަކަށް ދަށު ކޯޓުން ރިޔާއަތްކޮށްފައި ނުވާކަން ފާހަގަކުރައްވާފަ އެވެ. ހެކީގެ ގޮތުގައި ހުށަހެޅި ހުރިހާ ލިޔުމެއް ދައުވާ ފޯމުގެ ޖަދުވަލުގައި ވާއިރު، އެ މަރުހަލާގައި އެ ހެކިތަކާ ގުޅޭ ގޮތުން ތަފްސީލުކޮށް ވާހަކަދައްކަން ނުޖެހޭނެ ކަމަށް ބުނެ، ދައުލަތުން ފާހަގަކުރި ނުގުތާއަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކުރެއްވި އެވެ.

އެއީ އެމްއެމްޕީއާރުސީގެ މޭސްރިޔާ ކަަމަށް އިއުތިރާފްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ފާސިގެއް ކަމުގައި ބެލިޔަސް، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި ގުޅުވާލެވޭ ގިނަ ކިތާބީ ހެކިތަކެއް ދައުލަތުން ހުށަހަޅާފައި ވާތީ އެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އަދީބު ދިން ރިޝްވަތު އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، މަހުލޫފް ބަލައިގަނެފައިވާކަން ދަލާލުކޮށްދޭ ހެކިތަކެއް ވެސް ދައުލަތުން ހުށަހަޅާފައި ވާތީ ކަމަށް ހައިކޯޓުން ބުނެ އެވެ.

އެސްއީޒެޑް ބިލަށް ވޯޓުދޭން މެމްބަރުން ލޮބީކުރީ ކޮންމެ ވޯޓަކަށް ފަސްލައްކަ ރުފިޔާ ދީގެން ކަމަށް އަދީބުގެ ބަޔާނުގައި ބުނާއިރު، މަހުލޫފަށް ދިން 33 ހާސް ޑޮލަރުވެސް ދިވެހި ރުފިޔާއަށް ޖަމާކުރުމުން ޖެހޭނީ އެވަރު ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ދުވަސްވަރު ކޮންމެ ވޯޓަކަށް ރިޝްވަތު ދިންކަން ދެނެގަނެވޭނެ އިތުރު މަގެއް ނެތް ކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވެއެވެ.

އަދި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ އެ މައްސަލައިގެ ތަހުގީގު ދޯހަޅިކަން ފާހަގަކުރައްވަމުންނެވެ.

މަހުލޫފުގެ މައްސަލައިގެ ފަސްފަހަތް:

ރިޝްވަތު ހިފި ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާއި ދައުވާއާ ގުޅުވާނުލެވުނު ކަމަށް ކޯޓުން ނިންމިއިރު، އެ މައްސަލަ ތަހުގީގުކުރުމުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި އެވެ. އަދި ދައުވާކުރުމާ މެދު ގޮތެއް ނުނިމި ފަސް މަސް ދުވަހު މަޑު ޖެހިފައި އޮތެވެ.

ބޮޑު ހިޔާނާތުގެ ތަހުގީގަށް ދެ ފަހަރު މަތިން 2019 ވަނަ އަހަރުވެސް މަހުލޫފް ހާޒިރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވީ ޖޫން، 9 2021، ގައެވެ. އެ މައްސަލާގައި ދައުވާ ކުރުމާމެދު ގޮތެއް ނުނިމި ފަސް މަސް ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ގެންގުޅުމަށްފަހު، ދައުވާކުރީ ނޮވެމްބަރު 24، 2021 ގައެވެ.

އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި މަހުލޫފް ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ހިފިކަމުގެ ދައުވާ އެވެ.

މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox