ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، 60 މީޓަރު ދުވުމުގައި ވާދަކޮށް ދެ ވަނަ ބުރުގެ ފުރުސަތު ނުލިބި ފަރުޖައްސާލަން ޖެހިއްޖެ އެވެ.
ދުނިޔޭގެ އިންޑޯ ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ދުވި ދިވެހި އެތުލީޓުގެ ރެކޯޑު ސާއިދަށް ލިބުނު ނަމަވެސް އޭނާ ދިޔައީ ހީޓްގެ އެންމެ ފަހަތަށެވެ.
މިދިޔަ ތިން އަހަރަށް ބަލާއިރު ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު އެތުލީޓުގެ މަގާމް ހޯދި ހަސަން ސާއިދު ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރީ 60 މީޓަރު ދުވުމުގަ އެވެ. މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވާނެ ފުރުސަތު ނުލިބުނު ނަމަވެސް ސާއިދު ވަނީ 60 މީޓަރު ދުވުމުގެ ތިން ވަނަ ހީޓުގައި ވާދަކޮށް ނިސްބަތުން ބަލާއިރު، ރަނގަޅު ޓައިމިން އެއްގައި ރޭސް ނިންމާފަ އެވެ. ސާއިދު ރޭސް ނިންމީ 6.87 ސިކުންތުންނެވެ. މި ހީޓުގައި މުބާރާތުގެ 60 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އޮލިމްޕިކް ޗެމްޕިން މާސެލް ޖެކޮބްސް ވެސް ދުވި އެވެ. ހީޓުގެ އެއް ވަނަ ހޯދީ ޖެކޮބްސް އެވެ.
މި ރޭހުގެ ދެ ވަނަ އަށް ދިޔަ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޖެރޮޑް އެލްކޮކްގެ ޓައިމިން އަކީ 6.63 ސިކުންތެވެ. ތިން ވަނަ އަށް ދިޔަ ބަންގްލަދޭޝްގެ ދުވުންތެރިޔާ އިމްރާނުރް ރަހުމާންގެ ޓައިމިން އަކީ 6.64 ސިކުންތެވެ. އެއީ އެ ގައުމުގެ ރެކޯޑެކެވެ. ހަތަރަކަށް ދިޔަ އޮސްޓްރިއާގެ މާކަސް ފުޗްސްގެ ޓައިމިން އަކީ 6.68 ސިކުންތެވެ. ފަސް ވަނަ އަށް ދިޔަ ޕުއެޓަ ރީކޯގެ ދުވުންތެރިޔާ މައިލްސް ލެވިސްގެ ޓައިމިން އަކީ 6.69 ސިކުންތެވެ.
ރާއްޖޭގެ 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަނީ ވެސް ސާއިދު އަތުގަ އެވެ. ސާއިދު ވަނީ 2016 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި އޮތް އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ދުވެ ރެކޯޓް ޓައިމިން ހާސިލްކޮށްފަ އެވެ. މި ބައިން ސާއިދު ދެ ފަހަރަށް ގައުމީ ރެކޯޑު އާ ކުރި އެވެ. ފުރަތަމަ ބުރުގައި ވާދަކޮށް އޭނާ ފުރަތަމަ ރެކޯޑު މުގުރާލީ 6.81 ސިކުންތުން ދުވެގެންނެވެ. އޭގެ ފަހުން ސެމީ ފައިނަލުގައި 6.75 ސިކުންތުން ދުވެ ގައުމީ ރެކޯޑު އާކޮށް ފައިނަލުން ވެސް ޖާގަ ހޯދި އެވެ. ފައިނަލް ހީޓުގައި ދުވެ ސާއިދު އޭޝިއާގެ ފަސް ވަނަ ހޯދި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ސާއިދު ވަނީ 2015 ގެ އިންޑިއަން އޯޝަން އައިލެންޑްގެ ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފަ އެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.
އެ އަހަރަށް ފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން ނުލިބުނަސް ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދައި އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފަ އެވެ.
މީގެ އިތުރުން ސާއިދު އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ. ފުރަތަމަ އޮލިމްޕިކްސްގައި އޭނާ 2016 ވަނަ އަހަރު ފުރަތަމަ ބުރުން ޖާގަ ހޯދީ، ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިގެންނެވެ. އެ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ސާއިދު އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ.










